ޓޫރިޒަމް

ޓޫރިސްޓުންނަށް އެއްވެސް ނުރައްކަލެއް ނެތް: ޒަމީރު

Nov 5, 2015
3

ރާއްޖެއަށް ޓޫރިސްޓުން އައުމުގައި އެއްވެސް ނުރައްކަލެއް ނެތް ކަމަށާއި، ޓޫރިސްޓުންނަށް ރާއްޖެ ރައްކާތެރި ކަމަށް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެ އެވެ.

ވޯލްޓް ޓްރެވަލް މާޓްގައި ބައިވެރިވެ ވަޑައިގަތުމަށްފަހު ރާއްޖެ ވަޑައިގެން ޓީވީއެމަށް ދެއްވި އިންޓަވިއުއެއްގައި ޒަމީރު ވިދާޅުވީ ވޯލްޓް ޓްރެވަލް މާޓްގައި ބައެއް މީހުން ރާއްޖެއާ ބެހޭ ގޮތުން ސުވާލު ކުރި ކަމަށެވެ. ނަމަވެސް ރާއްޖޭގެ ރިސޯޓުތައް ހުންނަނީ ވަކިން ކަމަށާއި، އެހެންކަމުން ރާއްޖެ އަންނަ ޓޫރިސްޓުންނަށް ރައްކާތެރި މާހައުލެއް އެބައޮތް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އެމްއެމްޕީއާރްސީ އާއި ފޮރިން މިނިސްޓްރީގައި ރަނގަޅު ޓީމެއް އެބައޮތް ކަމަށާއި، އެގޮތުން ދެ ފަރާތާ ގުޅިގެން މި މައްސަލަ ހައްލު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

ރާއްޖޭގެ ހާލަތު ގޯސްވުމުގެ ސަބަބުން ދިވެހި ސަރުކާރުން މިއަދުވަނީ 30 ދުވަހަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފަ އެވެ.

ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން ހިފަހައްޓާ ހައްގުތައް

ގާނޫނުއަސާސީގެ 19 ވަނަ މާއްދާ، މަނާކުރެވިފައި ނުވާ ކަންކަން ކުރުމުގެ މިނިވަންކަން
ގާނޫނުއަސާސީގެ 24 ވަނަ މާއްދާ: ޒާތީ ދިރިއުޅުމުގެ ހައްގު
ގާނޫނުއަސާސީގެ 31 ވަނަ މާއްދާ: ހަޅުތާލުކުރުމުގެ ހައްގު
ގާނޫނުއަސާސީގެ 32 ވަނަ މާއްދާ: އެއްވެ އުޅުމުގެ މިނިވަންކަމުގެ ހައްގު
ގާނޫނުއަސާސީގެ 41 ވަނަ މާއްދާ (ހ): ދަތުރުފަތުރުކުރުމުގެ މިނިވަންކަން
ގާނޫނުއަސާސީގެ 45 ވަނަ މާއްދާ: ގާނޫނާ ހިލާފަށް ހައްޔަރުކުރުމާއި ބަންދު ނުކުރުމުގެ ހައްގު
އަދި އެ މާއްދާގައި ބުނެފައިވާ އެހެން ހައްގުތައް
ގާނޫނުއަސާސީގެ 47 ވަނަ މާއްދާ: ހިފެހެއްޓުމާއި ފާސްކުރުމާއި މުދާ އަތުލުމުގެ ހައްގު

ކުއްލި ނުރައްކަލުގެ ހާލަތުގައި ވެސް ނުހިފެހެއްޓޭނެ ހައްގުތައް

ދިރިހުރުމުގެ ހައްގު، 21 ވަނަ މާއްދާ
އަޅުވެތި ނުކުރުމާއި ގަދަކަމުން މަސައްކަތް ނުކުރުން، 25 ވަނަ މާއްދާ
ހިޔާލު ފާޅުކުރުމުގެ މިނިވަންކަން، 27 ވަނަ މާއްދާ
އަދުލުވެރިކަމާއި ހާމަކަމާ އެކު ޝަރީއަތްކުރުން، 42 ވަނަ މާއްދާ
ހައްޔަރުކުރެވޭ މީހުންނާއި ބަންދުކުރެވޭ މީހުންގެ ހައްގުތައް، 48 ވަނަ މާއްދާ
ކުށެއް ކުރި ކަމުގެ ދައުވާ އުފުލިފައިވާ މީހުންގެ ހައްގުތައް، 51 ވަނަ މާއްދާ
އިއުތިރާފާއި ގާނޫނާ ހިލާފަށް ހޯދާ ހެކި، 52 ވަނަ މާއްދާ
ގާނޫނީ ވަކީލެއްގެ އެހީތެރިކަން، 53 ވަނަ މާއްދާ
ލާއިންސާނީ އަދަބު ނުދިނުން، 54 ވަނަ މާއްދާ
މަދަނީ މައްސަލަތަކުގައި ބަންދު ނުކުރުން، 55 ވަނަ މާއްދާ
ބަންދުކުރެވިފައިވާ މީހުންނާ އިހްތިރާމާ އެކު މުއާމަލާތުކުރުން، 57 ވަނަ މާއްދާ
ގާނޫނުގައި ކުށެއް ކަމަށް ކަނޑައެޅިފައި ނުވާ ކަމަކަށް ފަހުން ހަދާ ގަވައިދަކުން އަދަބު ނުދިނުން، 59 ވަނަ މާއްދާ
އެއް ކުށަކަށް ދެ ފަހަރަށް އަދަބު ނުދިނުން، 60 ވަނަ މާއްދާ
އެހެނިހެން ހައްގުތައް ލިބިދިނުން، 62 ވަނަ މާއްދާ
ޣައިރު ގާނޫނީ އަމުރުތަކަށް ތަބާނުވުމުގެ ހައްގު، 64 ވަނަ މާއްދާ