ބޮލީވުޑް

"ހެލަން"އަށް ޖާންވީ ވަރަށް ބޮޑަށް ތައްޔާރުވާން ޖެހޭނެ: ބޯނީ

މެލަޔާލަމް ތުރިލާ "ހެލަން" ގެ ހިންދީ ރިމޭކް ކުޅެން ޖާންވީ ކަޕޫރު ދާދި ފަހުން ވަނީ ސޮއި ކޮށްފަ އެވެ. މީގެ އޮރިޖިނަލް ފިލްމުގެ ތަރިންނަކީ "ކުމްބަލަންގީ ނައިޓްސް" ގެ ބަތަލާ އެނާ ބެން އާއި "ކޯބްރާ" އެކްޓަރު ލާލް އެވެ.

"ހެލަން" ގެ ހިންދީ ރިމޭކްގައި ޖާންވީ ކުޅޭނީ އޮރިޖިނަލް ފިލްމުގައި އެނާ ކުޅުނު ރޯލެވެ. މި ރޯލަށް ޖާންވީ ވަރަށް ފުރިހަމަޔަށް ތައްޔާރުވާން ޖެހޭނެ ކަމަށް އޭނާގެ ބައްޕަ ބޯނީ ކަޕޫރު ވަނީ ބުނެފަ އެވެ. ޖާންވީއަށް ރަނގަޅަށް ތައްޔާރު ނުވެވިއްޖެނަމަ ބެލުންތެރިން އެ ފިލްމު ބަލައި ނުގަންނާނެ ކަމަށް ވެސް ބޯނީ ދެކެ އެވެ.

"މި ފިލްމު ކުޅެވެން ޖާންވީ ބުރަ މަސައްކަތްތަކެއް ކުރަން ޖެހޭނެ. އެ ރޯލު ކުޅޭއިރު ކިރިޔާ ވެސް ފޭކް ވައްތަރެއްގެ ޖަހައިފިނަމަ ފިލްމު ބަލާ މީހުން އޭނާ ގަބޫލެއް ނުކުރާނެ. ސަބަބަކީ މިއީ ކެރެކްޓާގެ މޮޅު ކަމުން ބެލުންތެރިން ހިތްތައް އަތުލަން ޖެހޭ ކަހަލަ ޗެލެންޖިން ރޯލަކަށް ވާތީ،" ބޯނީ ބުންޏެވެ.

"ހެލަން" ގެ އޮރިޖިނަލް ފިލްމަކީ ވަރަށް ރަނގަޅު ވިޔަފާރިއެއް ބޮކްސް އޮފީހުގައި ވެސް ކޮށްފައިވާ އަދި ކްރިޓިކްސް ވަރަށް ބޮޑަށް ތައުރީފު ކޮށްފައިވާ ފިލްމެކެވެ. މި ފިލްމުގެ ޑައިރެކްޓަރަށް ބެސްޓް ޑެބިއު ޑައިރެކްޓަރުގެ ނެޝަނަލް އެވޯޑު ލިބިފައި ވެއެވެ. އަދި ކެރެލާގެ ފިލްމު އެވޯޑްސްތަކުގެ ގިނަ އެވޯޑުތަކެއް ވެސް މި ފިލްމަށް ވަނީ ލިބިފަ އެވެ.

މި ފިލްމުގެ ޝޫޓިން ފަށަން ހަމަޖެހިފައި ވަނީ މި އަހަރުގެ ޖޫން މަހު އެވެ. މިހާރު ލޮސް އެންޖަލިސްގައި ކޮއްކޮ ހުޝީ އާއެކު ޗުއްޓީ ހޭދަ ކުރަމުން ދާ ޖާންވީ އެނބުރި އިންޑިޔާއަށް އައިސް މި ފިލްމުގެ ތައްޔާރީތައް ފަށަން ވަނީ ހަމަޖެހިފަ އެވެ.

އެހެނިހެން ބައްޕައިން ފަދައިން ބޯނީއަކީ ވެސް އޭނާގެ ދަރިންގެ ކެރިއަރުގެ ކަންތައްތައް ދާގޮތް ވަރަށް ގާތުން ބަލަން ޝައުގުވެރިވާ މީހެކެވެ. އެގޮތުން ޖާންވީގެ ކެރިއަރުގައި އޭނާ ކުޅޭ ފިލްމުތަކާއި ހަގު ދަރިފުޅު ޚުޝީ ކަޕޫރު ބޮލީވުޑަށް ތައާރަފްވުމަށް ކުރަމުންދާ މަސައްކަތްތައް ވެސް ވަރަށް ގާތުން ބޯނީ ބަލަމުން ގެންދެ އެވެ.