އުރުދުންގެ ނުވަތަ ޖޯޑަންގެ އަބްދުﷲ ރަސްގެފާނާއި އެއްބަފާ ކޮއްކޯފުޅު، ޕްރިންސް ހަމްޒާއާބެހޭ ގޮތުން ނޫސްތަކުގައި ލިޔުން މަނާކޮށްފި އެވެ.
ޖޯޑަންގެ ޕްރޮސެކިއުޓަރު ޖެނެރަލް ނެރުއްވި ބަޔާނެއްގައި ބުނެފައިވާ ގޮތުން މީޑިއާގެ އެއްވެސް ބާވަތެއްގައި، ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ވެސް ޝާހީ އާއިލާއާބެހޭ ގޮތުން މިދަނޑިވަޅުގައި ލިޔުމާއި ހިޔާލުފާޅު ކުރުން މަނަލެވެ.
އަބްދުﷲ ރަސްގެފާނާ ދެކޮޅަށް ޝާހީ ގަނޑުވަރުގެ ތެރެއިން ބަޣާވާތަކަށް މަގުފަހިވެދާނެ ފަދަ އަމަކުތަކެއް ސަރުކާރުގެ އިސް އޮފިޝަލުންނާ ގުޅިގެން ހިންގާފައި ވަނީ ޕްރިންސް ހަމްޒާގެ އިސް ދައުރެއް އޮވެގެން ކަމަށް ސަލާމަތީ ބާރުތަކަށް ގަބޫލު ކުރެވެ އެވެ. އެ މައްސަލަ މިހާރު އަންނަނީ ބަލަމުންނެވެ.
ސަލާމަތީ ބާރުތަކުން އާންމުންނަށް ކަށަވަރުކޮށެދޭ ގޮތުން ހަމަނުޖެހުމާ ގުޅޭ އެއްވެސް ކަމެއް ސިއްރު ކޮށްފައި ނުބާއްވާނެ އެވެ. އެހެން ނަމަވެސް، ޕްރޮސެކިއުޓަރު ވިދާޅުވެފައި ވަނީ ދިފާއީ ބާރުތަކުން ތަހުގީގު ކުރަން ފަށާފައިވާ މައްސަލައަކަށް ވާތީ މިކަމުގެ ތެރެއަށް އާންމުން މި ދަނޑިވަޅުގައި ވަނުން ރަނގަޅުނުވާނެ ކަމަށެވެ. އަދި މައްސަލައިގެ ފޯކަސް އެހެން ދިމާއަށް ހިނގައިދާނެ ކަމަށެވެ.
ޖޯޑަންގެ ޝާހީ އާއިލާ ތެރޭގައި މައްސަލައެއް އުޅޭކަން މީޑިއާއަށް އައީ މިދިއަ ހޮނިހިރު ދުވަހު އެވެ. ޕްރިންސް ހަމްޒާ ވަނީ ސަރުކާރު ހިންގާ ގޮތަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވެރިންނަށް ބަދުބަސް ވިދާޅުވެފަ އެވެ. އަދި އޭނާ ހުންނެވީ ގޭ ބަންދުގައި ކަމަށާއި ގޮތް ދޫ ނުކުރައްވާނެ ކަމަށް ވެސް ވިދާޅުވެ އެވެ.
ޝާހީ ގަނޑުވަރުން ފަހުން ވަނީ ބަޔާނެއް ނެރެފަ އެވެ. އޭގައި ވަނީ ޕްރިންސް ހަމްޒާ 41، އެއްބާރުލުން ދެއްވާނެ ކަމަށް ވިދާޅުވާ ކަމަށެވެ. އަަދި އަބްދުﷲ ރަސްގެފާނަށް ބައިއަތު ހިއްޕަވައި ގާނޫން އަސާސީއަށް ރުޖޫއަވެ ވަޑައިގެންފި ކަމަށެވެ. އަދި އެދި ވަޑައިގެންފައި ވަނީ މިއީ ޝާހީ އާއިލާ ތެރޭގައި ހިންގާފައިވާ ކަމަކަށް ވާތީ ރަސްގެފާނަށް ތަކުލީފަކަށް ނުހެއްދެވުމަށެވެ.
ޖޯޑަންގައި މަސްލަހަތު ހިމާޔަތްކޮށް މިނިވަންކަން ދެމެހެއްޓުމަށް އަބުދުﷲ ރަސްގެފާނު އަޅުއްވާ ހުރިހާ ފިޔަވަޅަކަށް ފުރިހަމަ ތާއީދު އޮތް ކަމަށް ސައުދީ އާއި އެކުވެރި އަރަބި ދައުލަތްތަކުން ވަނީ ހާމަ ކޮށްފަ އެވެ.
އެމެރިކާ އާއި ޔޫރަޕް އަދި އިޒްރޭލުން ވެސް ބުނީ މަޝްރަހު ވަރަށް ކައިރިން ބަލަމުން އަންނަ ކަމަށާއި އަބްދުﷲ ރަސްގެފާނަށް އިތުބާރު ކުރައްވާ ކަމަށެވެ.