ރައްޔިތުންގެ މަޖިލިސް

ކުރެވޭނެ އެންމެ ރަނގަޅު ކަމަކީ ރެވެނިއު ސްޓޭމްޕް އުވާލުން: ނަސީމް

ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހިމް ނަސީމް މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ -- ފޮޓޯ: މަޖިލިސް
0%
0%
0%

މި ސަރުކާރަށް ކުރެވުނު އެންމެ ރަނގަޅު ކަމަކީ ރެވެނިއު ސްޓޭމްޕް ޖެހުމުގެ ގާނޫނު އުވާލަން ހުށަހެޅުން ކަމަށް ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހިމް ނަސީމް ވިދާޅުވެއްޖެ އެވެ.

މަޖިލީހުގައި ހިމެނިވަޑައިގަންނަވާ އަމިއްލަ މެމްބަރު އެފަދައިން ވިދާޅުވީ، ރެވެނިއު ސްޓޭމްޕް ޖެހުން އުވާލަން ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅި ބިލަށް މިއަދު ކުރި ބަހުސްގަ އެވެ.

ރެވެނިއު ސްޓޭމްޕް ޖެހުން އުވާލަން ވަރަށް ބޮޑަށް ތާއިދު ކުރައްވައި ނަސީމް އެކަން ސިފަ ކުރެއްވީ އެއީ ދައުލަތުގެ އިދާރީ ހިންގުމަށް ގެނެވޭނެ އިންގިލާބީ ބަދަލެއްގެ ގޮތުގަ އެވެ. އަދި މިއީ ދައުލަތުގެ ވެރިން ޒަމާނީ ޓެކްނޮލޮޖީއަށް އަހުލުވެރިވަމުން އަންނަ ކަމުގެ ނިޝާނެއްގެ ގޮތުގައި ވެސް އޭނާ ސިފަ ކުރެއްވި އެވެ.

ރެވެނިއު ސްޓޭމްޕް ޖެހޭތީ އުނދަގޫވާ ކަމަށް އާންމުން ވާހަކަ ދައްކަ އެވެ. އަދި ސްޓޭމްޕް ހޯދަން ޕޯސްޓު އޮފީހުގައި އޮންނާތީ އެވެ. އެ ދިގު ކިއުތައް ނަސީމް ވަރުންއެޅުއްވެވީ ފަގީރު ގައުމުތަކުގައި މީހުން ފެން ހޯދަން ހަދާ ދިގު ކިއުތަކާ އެވެ. އަދި ބައެއް ފަހަރު 500ރ. ގެ ސްޓޭމްޕް ނުލިގެން އެއް ރުފިޔާގެ ސްޓޭމްޕުން 500ރ. ހަމަކޮށް ތެރަސްލައިގެން ސްޓޭމްޕް ޖެހުމުގެ ދަތި އުނދަގޫތައް ވެސް ނަސީމް އޭނާ މިއަދު ހިއްސާކުރެއްވި އެވެ.

ރެވެނިއު ސްޓޭމްޕް ޖެހުން އުވާލުމަކީ ހަގީގީ ލާމަރުކަޒީ ނިޒާމްގެ ފެށުން ކަމަށާއި އަދި މިއީ މަސައްކަތްތައް އަވަސް ކުރުމަށް އެޅުނު ފާލެއް ކަަމަށް ވެސް ނަސީމް މިއަދު ވިދާޅުވި އެވެ.

"މިހާރު ރަށްރަށުގައި އިންޓަނެޓް ލިބޭ ކަމަށްވަންޏާ އެ ރަށްރަށުގެ ރައްޔިތެއްގެ އަމިއްލަ ގޭގެ ސިޓިން ރޫމްގައި އިނދެގެން ރެވެނިއު ސްޓޭމްޕް ޖެހޭނެ. އޮންނާނީ ޑޮކިއުމަންޓެއް. ލިބޭނީ ނަންބަރެއް. ކްލިކް ކޮށްލީމާ އެއަށް ދައްކަން ޖެހޭ ވަރު އަންނާނެ. އޮންލައިންކޮށް ޕޭމަންޓް ހަދާލެވޭނެ. މިއީ ގައުމެއް ލިބޭ ކުރިއެރުން... މިއީ މި ސަރުކާރަށް ކުރެވުނު އެންމެ ރަނގަޅު ކަންތަކުގެ ގޮތުގައި އެތައް ބަޔަކު އަޅުގަނޑުމެންގެ ކައިރީގައި ވާހަކަ ދައްކަމުންދޭ." ނަސީމް ވިދާޅުވި އެވެ.

ރެވެނިއު ސްޓޭމްޕް ޖެހުމުގެ ގާނޫނު އުވާލަން ހުށަހެޅީ އެ ނިޒާމު ހިންގުމަށް މިހާރު ހިނގާ ހަރަދާ ބަލާއިރު އެކަމުގެ ތެރެއިން އެކަށީގެންވާ އާމްދަނީއެއް ލިބެމުން ނުދާ ކަމަށް ބުނެ އެވެ. ސަރުކާރުން ބުނީ އެ ސްޓޭމްޕް ޖެހުން އުވާލިޔަސް ދައުލަތުގެ އެކިއެކި އިދާރާތަކުން ފޯރުކޮށް ދޭ ހިދުމަތްތަކުން ނަގާ ފީންވެސް ރަނގަޅު އާމްދަނީއެއް ލިބޭނެ ކަމަށެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345