ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ނަގާ އިތުބާރު ނެތް ކަމުގެ ވޯޓްގައި އެމްޑީޕީ ބައިވެރި ނުވަނީ ޕީޕީއެމާއި އެމްޑީއޭ އާއި ޖޭޕީގެ ގުޅިފައިވާ ޕީޖީ ގްރޫޕުން އެ ވޯޓް ކާމިޔާބު ކުރާނެތީ ކަމަށް ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެ އެވެ.
ރައީސް ޔަމީނަށް ތާއީދުކޮށް ސޯޝަލް މީޑީއާގައި ހަރަކާތްތެރިވާ "އަސުރުމާ" އަށް ނިހާން ދެއްވާފައިވާ ކުރު އިންޓަވިއުއްގައި ވިދާޅުވެފައި ވަނީ ނައިބު ރައީސް އަދީބުގެ މައްޗަށް ވައްދާފައިވާ އިތުބާރު ނެތް ކަމުގެ ވޯޓްގައި އެމްޑީޕީ ބައިވެރި ނުވާން ނިންމީ އެޕާޓީގެ ވޯޓާ ނުލައި ވެސް މި ވޯޓް ކާމިޔާބު ކުރާނެކަން އެމްޑޕީއަށް ޔަގީންވާތީ ކަމަށެވެ.
އަދި ވިދާޅުވި މިހާރު ވައްދައި ނައިބު ރައީސަށް ނޯޓިސް ދީފައިވާ އެ ވޯޓް ކާމިޔާބު ކުރައްވާނެ ކަމަށެވެ.
މީގެ ހަފުތާއެއް ދުވަސް ކުރިން ޓީވީއެމްގެ "ރާއްޖެމިއަދު" ޕްރޮގަރުގައި ވާހަކަފުޅު ދައްކަވަމުން ނިހާން ވިދާޅުވީ އަންނަ ނޮވެމްބަރު 11 އަންނާނީ ނައިބު ރައީސްގެ މަގާމުން އަހުމަދު އަދީބު ދުރުކުރުމަށް ފަހު ކަމަށެވެ. އަދި މަޖިލީހުގައި އެމަނިކުފާނު މައްޗަށް ނަގާ އިތުބާރު ނެތް ކަމުގެ ވޯޓް ކާމިޔާބު ކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށާއި ރާއްޖެއަށް ދިމާވެފައިވާ މި ދަތި ދަނޑިވަޅުގައި ރައީސް އަބްދުﷲ ޔާމީން ހުންނެވީ ވަރަށް ސާބިތު ކަމާއެކު ކަމަށާއި އެމަނިކުފާނުގެ ސަރުކާރު ވެސް އޮތީ އެހާ ސާބިތު ކަމާއެކު ކަމަށެވެ.
ނައިބު ރައީސް މަގާމުން ދުރުކުރެވޭނީ 57 ވޯޓް ލިބިގެނެވެ. މި މައްސަލަ ވައްދާފައި ވަނީ 52 ވޯޓާއެކު އެވެ. ޕީޕީއެމާއި ޖޭޕީ އާއި އެމްޑީއޭގެ މެންބަރުންނަށް ހަމަވާނީ 59 ވޯޓެވެ.