ރައީސް އޮފީސް

ފުރާވަޑައިގަތުމުގެ ކުރިން ޗައިނާ ސަފީރު ރައީސްގެ އަރިހަށް

Apr 7, 2021

ޗައިނާ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނެވި ސަފީރު ޖަންގް ލީ ޖޮންގް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްގެ އަރިހަށް މިއަދު ވަދާއީ ޒިޔާރަތް ކުރައްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ އޮފީހުގައި މިއަދު ހެނދުނު ބޭއްވި މި ބައްދަލުވުމުގައި ދެ ބޭފުޅުން ވަނީ ރާއްޖެއާއި، ޗައިނާއާ ދެމެދު އޮތް ހާރިޖީ ގުޅުމާއި ދެ ގައުމުގެ ރަހުމަތްތެރިކަމުގެ ގުޅުމުގެ މައްޗަށް ވާހަކަފުޅު ދައްކަވާފަ އެވެ. އަދި ޗައިނާގެ އެހީތެރިކަމާއެކު ރާއްޖޭގައި ހިންގާފައިވާ އަދި ހިންގަމުންދާ މަޝްރޫއުތަކާ ގުޅޭގޮތުންވެސް ދެ ބޭފުޅުން ވާހަކަފުޅު ދެއްވި އެވެ.

ރައީސް ސޯލިހް ދެއްކެވި ވާހަކަފުޅުގައި ޗައިނާއަކީ ރާއްޖޭގެ ތަރައްގީގެ މުހިއްމު ބައިވެރިއެއްގެ އިތުރުން ރާއްޖެއާ ގާތް ރަހްމަތްތެރި ގުޅުމެއް އޮންނަ ގައުމެއް ކަމުގައި ފާހަގަކުރެއްވި އެވެ. އަދި ޗައިނާ އިން ރާއްޖޭގެ އިޖުތިމާއީ އިގްތިސޯދީ ތަރައްގީއަށް ވެދީފައިވާ އަދި ވެދެއްވަމުން ގެންދަވާ ދީލަތި އެހީތެރިކަން ފާހަގަކުރެއްވި އެވެ.

ރައީސް ވިދާޅުވީ ކޮވިޑްގެ ހާލަތާ ގުޅިގެން ޗައިނާއިން ރާއްޖޭގެ ސިއްހީ ދާއިރާއަށް ވެދީފައިވާ އެހީތެރިކަމާއި ރާއްޖޭގައި ގިނަ ބަޔަކަށް ކޮވިޑް ވެކްސިން ފޯރުކޮށްދިނުމަށް ސަރުކާރުން ކުރަމުންދިޔަ މަސައްކަތްތަކަށް ޗައިނާ ސަރުކާރުން ހާއްސަ އެހީތެރިކަމެއް ވެދެއްވި ކަމަށެވެ. އެގޮތުން ވެކްސިން ޕްރޮގްރާމަށް ޗައިނާއިން "ސިނޮފާމް" ވެކްސިންގެ ދެ ލައްކަ ޑޯޒް ހަދިޔާކުރައްވާފައިވާތީ ރައީސް ވަނީ ޗައިނާ ސަރުކާރަށް ޝުކުރު އަދާކުރައްވާފަ އެވެ.

ޗައިނާގެ ސަފީރު ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގެ އިޖުތިމާއީ، އިގްތިސޯދީ ތަރައްގީގެ ދާއިރާއާއި، ސިއްހީ ދާއިރާ އަދި އެހެނިހެން ދާއިރާތަކުގެ ތަރައްގީއަށް ދެ ގައުމުން ގުޅިގެން ކުރަމުންގެންދާ މަސައްކަތްތަކުގެ މައުލޫމާތު ހިއްސާކުރެއްވި އެވެ.

ރައީސް ސޯލިހް ވަނީ ޗައިނާ ސަފީރު ޖަންގް ލީ ޖޮންގް ރާއްޖޭގައި ހޭދަކުރެއްވި މުއްދަތުގައި ރާއްޖެއާ މެދު ބެހެއްޓެވި ގާތްކަމާއި ވެދެއްވި އެހީތެރިކަން ފާހަގަކުރައްވާ އެމަނިކުފާނަށް ވެސް ޝުކުރު އަދާކުރައްވާފަ އެވެ.