އެސްޓީއޯ

އެސްޓީއޯގެ މުދާ ވިއްކައިދޭނެ އެޖެންޓުން ހޯދަނީ

އެސްޓީއޯ އިން ރާއްޖެއަށް އެތެރެކުރާ ސާމާނު ވިއްކައިދޭނެ އެޖެންޓުން ހޯދަން އިއުލާނުކޮށްފި އެވެ.

އެސްޓީއޯއިން އެޖެންޓުން ހޯދަނީ އެ ކުންފުނީގެ މުދާ ވިއްކުމަށް ހަމަޖެހިފައިވާ 11 އަތޮޅުންނެވެ. އެގޮތުން އެޖެންޓުން ހޯދާ އަތޮޅު ތަކަކީ ށ. އަތޮޅު، ނ. އަތޮޅު، ރ. އަތޮޅު، ޅ. އަތޮޅު، އއ. އަތޮޅު، އދ. އަތޮޅު، ވ. އަތޮޅު، މ. އަތޮޅު، ފ. އަތޮޅު، ދ އަތޮޅު އަދި ތ. އަތޮޅުންނެވެ.

އެޖެންޓުންގެ މަސައްކަތަކަށް ވާނީ އެސްޓީއޯ އިން ވިއްކަމުންދާ އިމާރާތްކުރުމުގެ ސާމާނުގެ ބާވަތްތައް އެ ކުންފުނިން ކަނޑައަޅާފައިވާ 11 އަތޮޅުގައި ވިއްކައި ދިނުމެވެ. އެގޮތުން ވިއްކުމަށް ހަމަޖެހިފައިވަނީ ސިމެންތި، ހިލަ ވެލި، ދަގަނޑު، ޕުލައިވުޑް އަދި ދަގަނޑު ހޮޅީގެ އިތުރުން ޓިނާއި، ޓިނާއި ބެހޭ ސާމާނެވެ.

ކޮންމެ އަތޮޅަކުން ވެސް ނެގުމަށް ހަމަޖައްސާފައިވަނީ ދެ އެޖެންޓުންނެވެ. އެޖެންޓުގެ ގޮތުގައި ނަގާނީ ވިޔަފާރި ރަޖިސްޓްރީ ކުރުމާއިބެހޭ ގާނޫނުގެ ދަށުން އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ ކުންފުނި ނުވަތަ ވިޔަފާރިތަކެވެ.

ރަޖިސްޓްރީ ކުރާ ފަރާތް ތަކަށް ބީލަން ކަރުދާސް ދޫކުރާނީ މި މަހު 19 ވަނަ ދުވަހުގެ ނިޔަލަށެވެ. ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ މި މަހުގެ 25 ވަނަ ދުވަހުގެ މެންދުރުފަހު 2:00 އެވެ.