ހިޔާ މަޝްރޫއު

ހިޔާ ފްލެޓަށް މަހަކު ދައްކަންޖެހެނީ 7،500 ރުފިޔާ

Apr 7, 2021
2

ހިޔާ މަޝްރޫއުގެ ދަށުން ފްލެޓް ލިބުނު މީހުންނަށް ޑައުންޕޭމަންޓް ދައްކަން އުދަގޫވާނަމަ ދިގުމުއްދަތަކަށް ބަހާލައިގެން އެ އަދަދު ދެއްކުމުގެ ފުރުސަތު އޮންނާނެ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު އަސްލަމް ވިދާޅުވީ ޑައުންޕޭމަންޓް އެއް ފަހަރާ ދައްކަން އުދަގޫވާ މީހުންނަށް ވެސް ފްލެޓް ތަކަށް ވަދެވޭނެ ކަމަށެވެ. ނަމަވެސް އެ މީހުން ކުލީގެ ގޮތުގައި ކޮންމެ މަހަކު ދައްކަންޖެހޭ އަދަދު އިތުރުވާނެ ކަމަށެވެ. އެގޮތުން 25 އަހަރަށް ބަހާލައިގެން ފްލެޓްގެ ޑައުންޕޭމަންޓް ދައްކަން އެއްބަސްވާ މީހުން މަހަކަށް 7500 ރުފިޔާ ދައްކަން ޖެހޭނެ ކަމުގައި ވިދާޅުވި އެވެ.

"ޑައުންޕޭމަންޓް ދައްކައިފިނަމަ 7500 އަށް ވުރެ ކުލި ކުޑަވާނެ. ފްލެޓްގެ ކުލީގެ މިންވަރު ކަނޑައެޅޭނީ ޑައުންޕޭމެންޓު ދައްކާ މިންވަރަކުން،" އަސްލަމް ވިދާޅުވި އެވެ.

ހިޔާ ފްލެޓްތަކަށް މަހު ފީގެ ގޮތުގައި ދައްކަންޖެހޭ އެންމެ ބޮޑު އަދަދުގެ ގޮތުގައި 75000 ރުފިޔާ ސަރުކާރުން ކަނޑައަޅާފައި ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ. އެ އަގަކީ ހިޔާ މަޝްރޫއު ކުރިއަށް ގެންދިއުމަށް ނަގާފައިވާ ލޯނާއި އިންޓަރެސްޓްގެ ޖުމްލަ އަދަދާ ބަލާއިރު ކުޑަ އަދަދެއް ކަމުގައި ވިދާޅުވި އެވެ. ކުޑަ އަދަދެއް ކަނޑައެޅުނީ ސަރުކާރުން މިކަމުގެ ތެރެއަށް ވަދެ ކުލިތައް ސަބްސިޑައިޒް ކުރުމުން ކަމުގައި މިނިސްޓަރު ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވީ ހިޔާ މަޝްރޫއަށް ކުރީގެ ސަރުކާރުން ކޮށްފައިވާ ހަރަދުތަކަށް ބަލާއިރު ފްލެޓެއްގެ އަސްލު އަގު 11،000 ރުފިޔާ އަށް ވުރެ ކުޑަ ނޫން ކަމަށެވެ.

"މިތަނުން ޔުނިޓެއްގެ ކޮންސްޓްރަކްޝަން ކޮސްޓަކީ ވެސް 2،000 ޑޮލަރު. ދެން ތިބޭފުޅުން ހިސާބު ޖައްސަވާލެއްވީމާ އެނގިވަޑައިގަންނަވާނެ މިއަށް ވަނީ ކިހާވަރެއްކަން،" ހިޔާ މަޝްރޫއުގެ އަސްލު އަގުތައް ސާފުކޮށްދެއްވަމުން އަސްލަމް ވިދާޅުވި އެވެ.

ފްލެޓް ލިބޭ މީހުންނަށް ލިބޭ ފްލެޓް ކަނޑައަޅައި ނިމުމުން އެމީހުން އެތަންތަނަށް ދިރިއުޅުން ބަދަލުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ނިންމަން ތިން މަސް ދުވަހުގެ މުއްދަތެއް ދިނުމަށް ވަނީ ނިންމާފަ އެވެ. އަދި އެ މީހުންނަށް ލިބޭ ފްލެޓް ކަނޑައެޅުމާ އެކު ކޮންމެ މީހަކާ އެކު އެޗްޑީސީން އެއްބަސްވުމެއް ހެދުމަށްވެސް ވަނީ ނިންމާފަ އެވެ.

ސަރުކާރުން ކުރިންވެސް ނިންމާފައިވާ ގޮތަށް ހިޔާ ފްލެޓުތަކުގައި ތަށިމުށި ޖެހުމާއި، ދޮރުތައް ހަރުކުރުމާއި، ފަންކާ އާއި ބޮކި ފަދަ ތަކެތި ހަރުކުރުމުގެ މަސައްކަތް ކުރަންޖެހެނީ ފްލެޓް ލިބޭ މީހުން އަމިއްލަ އަށެވެ.

ހިޔާ މަޝްރޫއުގެ ދަށުން ފްލެޓް ލިބުނު ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ލިބޭ ފްލެޓްތަކުގެ ގުރުނެގުން މާދަމާ ކުރިއަށް ގެންދިއުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ. ހިޔާ މަޝްރޫއުގެ ދަށުން 6720 ފްލެޓް ދޫކުރުމަށް ވަނީ ނިންމާފަ އެވެ. ގުރުނެގުމުގެ އިންތިޒާމުތައް ހަމަޖެއްސުމާއި އެމަސައްކަތް ކުރިއަށް ގެންދިއުމަށް ސަރުކާރުން ހަވާލުކޮށްފައިވަނީ އެޗްޑީސީ އަށެވެ.