ދުނިޔެ

ފުކުޝިމާ ރޭޑިއޯއެކްޓިވް ފެނަށް ހަދަން ގޮތް ހުސްވެފައި

ޖަޕާންގެ އިރުއުތުރު ރަށްބޭރަށް މާޗް 11، 2011 ގައި އައި ބާރުގަދަ ބިންހެލުމެއްގައި ފުކުޝިމާ ނިއުކްލިއާ ޕަވާ ޕްލާންޓްއަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. ފިނިކުރާ ނިޒާމް ފެއިލްވެ ރޭޑިއޯއެކްޓިވް ބޭރުވި އެވެ.

ޖަޕާނަށް މިހާރު ދިމާވެގެން އުޅޭ މައްސަލައަކީ ފުކުޝިމާ ނިއުކްލިއާ ޕަވާ ޕްލާންޓުން ބޭރުވި ނިއުކްލިއާ ފެން ނައްތާލެވޭނެ ގޮތެކެވެ. އެއް ގޮތަކީ އާތްވަށް އެރުވުމެވެ. ދެން އޮތް ގޮތަކީ ކަނޑަށް ގެންބުމެވެ. ސައިންވެރިން ބޮޑަށް ބުރަވަނީ ކަނޑަށް ގެންބުމަށެވެ.

ނިއުކްލިއާ ފެން ކަނޑު ތެރެއަށް ފެތުރިގެންދާ ގޮތަށް، ވަގުތާއެކު ހަލާކުވެގެން ދާ ޓޭންކްތަކެއް ގައި ކަނޑަށް ގެންބުމަކީ މަސްވެރިން އަދި ތިމާވެށީގެ ހިމާޔަތުގައި މަސައްކަތްކުރާ މީހުން ރުހޭ ކަމެއް ނޫނެވެ. ސަރުކާރުން މަސްވެރިންގެ ގުރޫޕްތަކާ ވަކިވަކިން ބައްދަލުކޮށް ކުރި މަޝްވަރާއިން ވެސް ކުރިލިބޭ ގޮތެއް ނުވި އެވެ. ތިމާވެށި ހިމާޔަތްކުރާ ގުރޫޕްތަކުން ވެސް ތިބީ އެމީހުންގެ ބުނުމުގަ އެވެ.

ޖަޕާން ސަރުކާރުން ބުނާ ގޮތުން ނައްތާލަން ޖެހިފައި ހުރި ފެން އެއްމިލިއަން ޓަނަށް ވުރެ އިތުރެވެ. ޓޭންކް އިތުރު ކުރަން ހުރި ޖާގަ އޮގަސްޓް 2022 ލައިގަންނަން ވާއިރަށް ހުސްވާނެ އެވެ. އޭގެ ކުރިން ފެން ނައްތާލަން ފަށަން ޖެހެ އެވެ.

ޖަޕާންގެ ބޮޑުވަޒީރު ޔޮޝިހިޑޭ ސުގާ ވިދާޅުވީ ނިއުކްލިއާ ފެން ނައްތާލެ ގޮތެއް ވަރަށް އަވަހަށް ހޯއްދަވާނެ ކަމަށެވެ. ސައިންސްވެރިންނާއި އަދި އިލްމީ ގޮތުން ފުންނާބުއުސް ބޭފުޅުންނާ މަޝްވަރާ ކުރައްވައި ކޮޅެއްގައި ޖައްސަވާނެ ކަމަށެވެ.

ޓޭންކްތަކުގައި ފެން ރައްކާކޮށްފައި ހުރީ ނިއުކްލިއާ ބާރު ވަރަށް ދަށްކޮށްފައި ކަމަށްވެ އެވެ. އަދި ކަނޑަށް އުކާލުމުގެ ކުރިން މިހާރު ހުރި ވަރަށްވުރެ 40 ގުނަ ދިޔާ ކުރާނެ ކަމަށް ވެސް ވެއެވެ.

އިންޓަނޭޝަނަލް އެޓޮމިކް އޭޖެންސީން ބުނީ ކަނޑަށް ގަންބާލުމަށްވުރެ ވަކި ރަނގަޅު ގޮތެއް އަދި ނެތް ކަމަށެވެ. ނިއުކްލިއާ ޕަވާ ޕްލާންޓް ހިންގާ ހުރިހާ ގައުމަކުން ވެސް ނިއުކްލިއާ ކުނިބުނި ނައްތާލަނީ އިންސާނުންނަށާއި ޖަނަވާރުންނަށް ގެއްލުން އެންމެ ކުޑަ ގޮތްތައް ބަލައިގެން ކަމަށެވެ. އޭގެ ތެރޭގައި ކަނޑަށް ފާއްދާލުން ހިމެނޭ ކަމަށެވެ.

ޖަޕާންގައި މިހާރު ފެން ހުރި އަދަދަށް ބަލާއިރު ރައްކާތެރިކަމުގެ ހުރިހާ ފިޔަވަޅަކާއެކު ނައްތާލަން 30 އަހަރު ހޭދަވާނެ ކަމަށް ވެއެވެ.

ފުކުޝިމާ ހާދިސާއަކީ އޭޕްރީލް 26، 1986 ގައި ޗާނޮބީލް ހިނގި ނިއުކްލިއާ ހަދިސާއަށް ފަހު ހިނގި އެނމެ ގެއްލުން ބޮޑު ނިއުކްލިއާ ހާދިސާ އެވެ. ފުކްޝިމާ ހާދިސާގައި 18،500 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. އަދި 160،000 މީހުންގެ ގެދޮރު ވަނީ ގެއްލިފަ އެވެ.