ބޮލީވުޑް

ސާގިބް އެކްޓިންއާ ދުރަށް

ސާގިބް ޚާނަކީ އެމްޓީވީގެ ރިއަލިޓީ ޝޯ "ރޯޑީޒް ރިވޮލިއުޝަން" ގައި ބައިވެރިވި އެކްޓަރެކެވެ. އަދި މޮޑެލް އެކެވެ. މި ޝޯގައި ބައިވެރިވުމުގެ ސަބަބުން އެކްޓިންގެ ރޮނގުން ކުރިޔަށްދާނެ ވަރަށް ގިނަ ފުރުސަތުތަކެއް ސާގިބަށް އޮތީ ހުޅުވިފަ އެވެ. ނަމަވެސް އިންސްޓަގްރާމްގައި އޭނާ ފޮލޯ ކުރާ އެތައް ހާސް ބަޔަކަށް އޭނާ އިއްޔެ ވަނީ ވަރަށް ތަފާތު މެސެޖެއް ދީފަ އެވެ. މުނިފޫހިފިލުވުމުގެ ދާއިރާ މުޅިން ދޫކޮށްލާ ކަމުގެ ޚަބަރެވެ.

"މިއަދުން ފެށިގެން އަހަރެން ޝޯބިޒް އާ ވަކިވެއްޖައިން. ކުރިމަގުގައި މޮޑެލްކުރުމާއި އެކްޓްކުރުން ފަދަ މުނިފޫހިފިލުވުމުގެ ދާއިރާގެ އެއްވެސް ކަމެއް އަހަރެން ނުކުރާނަން. އަހަރެން މި މަސައްކަތް ދޫކޮށްލަނީ މަސައްކަތް ނުލިބިގެންނެއް ނޫން. އަދި އެ މަސައްކަތް ނުވާނެތީކީ ވެސް ނޫން. ވަރަށް ރަނގަޅު ޕްރޮޖެކްޓްތަކެއް އަހަންނަށް ލިބިފައިވޭ. ނަމަވެސް މިއީ ﷲ ހުއްދަ ކުރައްވާފައިވާ ކަމަކަށް ނުވާތީ މިކަން ހުއްޓާލަނީ. އަހަންނަށްޓަކައި ﷲ މިއަށްވުރެ ރަނގަޅު ގޮތްތަކެއް މިންވަރު ކުރައްވާނެ ކަމަށް ޔަގީންކުރަން. އިންޝާﷲ،" ސާގިބު ސޯޝަލް މީޑީއާގައި ޝެއާކުރި މެސެޖުގައި ވެއެވެ.

ސާގިބު ބުނި ގޮތުގައި މުމްބާއިއަށް އައިސް އެކްޓް ކުރުމާއި މޮޑެލްކުރުމުގެ މަސައްކަތް ހޯދަން ހޭބޯނާރާ އުޅުނުއިރު ވެސް އޭނާއަށް ލިބުނު މަސައްކަތްތަކަށް އޭނާ ހުރީ ހިތްހަމަޖެހިގެނެވެ. ނަމަވެސް އޭގެން އެއްވެސް މަސައްކަތެއްގައި އާޚިރަތަށް ފައިދާހުރި ކަމެއް ނެތެވެ.

"އެހެން ގޮތަކަށް ބުނާނަމަ ބުނެވޭނީ އަހަރެންނަށް އިސްލާމް ދީނުގައި އަންގަވާފައިވާ ގޮތާ ދުރަށް ދެވި ނަރަކައާ ދިމާލަށް ދެވުނީ. އެހެންވެ އަހަރެން ﷲ އަށްޓަކައި ޝޯބިޒް ދޫކޮށްލީ. އަހަރެން ހިތްހަމަޖެހުން ހޯދަން މަސައްކަތްކުރަމުން ދިޔައިރު އެ ހިތްހަމަޖެހުން އޮތީ އަހަރެންގެ ކުރިމަތީގައި. އެއީ ކީރިތި ޤުރްއާން،" ސާގިބް ލިޔެފައި ވެއެވެ.