ދާދިފަހުން ބޭއްވި މިސިޒް. ސްރީލަންކާ ހޮވުމުގެ މުބާރާތުގެ އެއްވަނައަށް ހޮވުނީ ޕުޝްޕިކާ ޑި ސިލްވާ ކަމަށް އިއުލާންކޮށް އޭނާގެ ބޮލުގައި ތާޖު އެޅުވިތާ އިރުކޮޅެއް ފަހުން އެ ތާޖު ދަމައިގަނެ ރަނަރަޕްގެ ބޮލުގައި އަޅުވައިފި އެވެ. ސްރީލަންކާ ޓީވީން ލައިވް ކުރަމުންދިޔަ މި އިވެންޓުގައި މިސިޒް. ސްރީލަންކާއަށް ހޮވުނު ޕުޝްޕިކާގެ ބޮލުގައި ހަރުކޮށްފައި އިން ތާޖު ދަމައިގަތީ މިސިޒް ސްރީލަންކާ 2019 އަދި މިސިޒް ވޯލްޑް 2020 ގެ މަގާމުގައި އެންމެ ފަހުން ހުރި ކެރޮލީން ޖޫރީ އެވެ.
މިދިޔަ އާދީއްތަ ދުވަހުގެ ރޭ އޮތް ރަސްމިއްޔާތުގައި މިސިޒް. ޝްރީ ލަންކާއަށް ހޮވުނީ ޕުޝްޕިކާ ކަން އިއުލާންކޮށް އޭނާގެ ބޮލުގައި ތާޖު އެޅުވިތާ އިރުކޮޅެއް ތެރޭ އެ ތާޖު ގަދަކަމުން ނެގުމުން ޕުޝްޕިކާއަށް ބުނާނެ އެއްޗެއް ނޭނގިފައި ހުރިތަން ވީޑީއޯއިން ފެނެ އެވެ.
މި ތާޖު ދަމައިގަތުމުގެ ކުރިން މިސިޒް. ވޯލްޑް ކެރޮލީން ސްޓޭޖަށް އަރައި އެތާ ތިބި އެންމެންނާ މުޚާތަބުކޮށް ބުނީ ޕުޝްޕިކާގެ ބޮލުގައި ތާޖު އެޅުވުމަކީ ގޯހަކުން ކުރެވުނު ކަމެއް ކަމަށެވެ. ސަބަބަކީ ޕުޝްޕިކާއަކީ މިހާރު ވަރިވެފައިވާ އަންހެނަކަށް ވާތީ ކަމަށެވެ. އެހެންވެ އެ ތާޖުގެ ހައްގުވެރިޔަކީ ހަގީގަތުގައި ފަސްޓް ރަނަރަޕް ކަމަށް އޭނާ އަމިއްލައަށް ނިންމީ ކަމަށް އޭނާގެ ވާހަކައިން ދޭހަވި އެވެ.
"މުބާރާތުގެ ގަވާއިދު ބުނަނީ މި މުބާރާތުގައި ވާދަ ކުރެވޭނީ ކައިވެނި ކޮށްގެން އުޅޭ މީހުންނަށޭ. ވަރިކޮށްފައި ތިބޭ މީހުންނަކަށޭ އެއް ނޫން. އެހެންވެ އަހަރެން ފުރަތަމަ ފިޔަވަޅު މި އަޅަނީ މިކަން ރަނގަޅު ކުރަން. އަދި ފަސްޓް ރަނަރަޕްގެ ބޮލުގައި މި ތާޖު އަޅުވަނީ،" މިހާރު ވައިރަލް ވެގެން އުޅޭ މި ވީޑިއޯ ކްލިޕްގައި ކެރޮލީން މިހެން ބުނާތަން ވެސް ފެނެ އެވެ.
މިހެން ބުނެފައި ކެރޮލީން ދިޔަ ގޮތަށް ގޮސް ޕުޝްޕިކާގެ ބޮލުގައި އިން ތާޖު ދަމައިގަނެ އެވެ. ޕިން ޖަހައި ހަރުކޮށްފައި އިން މި ތާޖު ގަދަކަމުން ޕުޝްޕިކާގެ ބޮލުން ދަމައިގަތުމަށް މަސައްކަތް ކުރަމުންދިޔައިރު އޭނާގެ އިސްތަށިތަކަށް ވާންވެގެން އުޅޭ މަންޒަރާއި ޕުޝްޕިކާ ވީ ދެރައިން ސްޓޭޖް ދޫކޮށްދާތަން ވެސް މި ވީޑިއޯގައި ފެނެ އެވެ.
ތާޖު ދަމައިގަނެގެން ގޮސް ފަސްޓް ރަނަރަޕްގެ ބޮލުގައި އެޅުވި މަންޒަރު ބަލަން ގިނަ ބަޔަކު ހައިރާންވެފައި ތިބި ތަން ވެސް މި ވިޑިއޯ އިން ފެނެ އެވެ.
ފަހުން ޕުޝްޕިކާ ވަނީ އޭނާގެ ރަސްމީ ފޭސްބުކް ޕޭޖުގައި މި ކަމާ ގުޅޭ ގޮތުން ބަޔާނެއް ޝެއާ ކޮށްފަ އެވެ. އޭނާ ބުނެފައިވާ ގޮތުގައި މިގޮތަށް ތާޖު ދަމައިގަންނަން ކުރި މަސައްކަތުން އޭނާގެ ބޮލަށް ކޮންމެ ވެސް ވަރަކަށް އަނިޔާ ވެސް ވިއެވެ.
ޕުޝްޕިކާ ބުނެފައިވާ ގޮތުގައި އޭނާއަކީ ވަރިކޮށްފައިވާ މީހެއް ނޫނެވެ. އޭނާ އާއި ފިރިމީހާގެ މެދުގައި މައްސަލަތަކެއް ޖެހި ދެ މީހުން އުޅެނީ ވަކިން ނަމަވެސް ރަސްމީކޮށް އެމީހުން އަދިވެސް ވަރިނުވާ ކަމަށް ޕުޝްޕިކާ ބުނެފައި ވެއެވެ.
"އަހަރެން މީ ވަރިކޮށްފައިވާ މީހެއް ނޫން. އަހަރެން ގޮންޖަހާފައި ބުނަން އަހަރެން މީ ވަރި ކޮށްފައިހުރި މީހެއް ނަމަ ވަރީގެ ލިޔުންތައް ނިކަން ހުށަހަޅާބަލަ. މިގޮތަށް އަހަރެންގެ ބޮލުން ތާޖު ދަމައިގަތީމަ އަހަރެން ކޯޓަށް ގޮސް މިކަން ކުރި ފަރާތްތަކާ ދެކޮޅަށް ދައުވާ ކުރަން ނިންމައިފިން. އަހަރެންނާ މެދު ބޭއިންސާފުން ކުރެވުނު ކަންތައްތަކަށް އަދި އަހަރެންނަށް އިހާނެތިކޮށް ކަން ކުރި މީހުންނާ ދެކޮޅަށް އަހަރެން ކޯޓަށް ގޮސް އެމީހުންނަށް ހައްގު އަދަބު ދޭނަން،" ޕުޝްޕިކާގެ ޕޯސްޓުގައި ބުނެފައި ވެއެވެ.
އޭނާ އިތުރަށް ބުނެފައިވާ ގޮތުގައި ހަގީގީ ކުއީންއަކީ މީހުންގެ ބޮލުގައި ތާޖު ދަމައިގަންނަ އަންހެނަކަށް ވެގެން ނުވާނެ އެވެ. ހަގީގީ ކުއީނުންނަކީ ރީތިކޮށް ބައިންދާ ދޭން މަސައްކަތްކުރާ މީހާ އެވެ.
މިސިޒް ވޯލްޑް އޯގަނައިޒޭޝަނުން ވެސް ވަނީ މިކަމާ ގުޅޭ ގޮތުން ބަޔާނެއް ނެރެފަ އެވެ. އަދި މިސިޒް. ވޯލްޑްގެ މަގާމުގައި އެންމެ ފަހުން ހުރި ކެރޮލީން އަމަލު ކުރިގޮތާ މެދު ހިތްހަމަ ނުޖެހި، ހިތާމަކުރާ ކަމަށް މިސިޒް ވޯލްޑް އިންތިޒާމްކުރާ ފަރާތުގެ ބަޔާނުގައި ވެސް ބުނެފައި ވެއެވެ.
މިސިޒް. ވޯލްޑް ކެރޮލީން ކަންތައްކުރީ މިސިޒް ސްރީލަންކާގެ ކޯޑް އޮފް ކޮންޑަކްޓް އާ ޚިލާފަށް ކަމަށް ވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ.
މިސިޒް. ސްރީލަންކާ ވޯލްޑުގެ ނެޝަނަލް ޑައިރެކްޓަރު ޗަންދިމަލް ޖަޔަސިންހަ ބީބީސީއަށް ވިދާޅުވި ގޮތުގައި ޕުޝްޕިކާގެ ބޮލުން ދަމައިގަނެފައިވާ ތާޖު އޭނާއަށް އަނބުރާ ރައްދު ކުރާނެ އެވެ.
ދަ މިސިޒް.ވޯލްޑް ސީރީޒް އަކީ ކައިވެނި ކޮށްގެން އުޅޭ މީހުންނަށް ބައިވެރިވެވޭ ބައިނަލްއަގުވާމީ ރީތީގެ މުބާރާތެކެވެ. މި މުބާރާތް 1984 އިން ފެށިގެން ބާއްވަމުން އައިސްފައި ވެއެވެ. މުބާރާތުގައި ބައިވެރިވާ ގައުމުތަކުން އެ ގައުމެއްގައި ވަކިން ރީތީގެ މުބާރާތް ބާއްވައި އެއްވަނައަށް ހޮވޭ ފަރާތެއް މިސިޒް.ވޯލްޑް މުބާރާތަށް ފޮނުވަ އެވެ. އަދި މިސިޒް.ވޯލްޑްއަކަށް ހޮވެނީ ހުރިހާ ގައުމެއްގެ ބައިވެރިން ބައިވެރިވާ މުބާރާތުން އެއްވަނައަށް ދާ ފަރާތެވެ. މުބާރާތުގެ ގަވާއިދު ބުނާ ގޮތުން މުބާރާތުގައި ބައިވެރިވާ އަންހެނުނަކީ ކައިވެނިކޮށްގެން ތިބޭ މީހުންނަށް ވާން ޖެހެ އެވެ.