ސްރީލަންކާގެ ކޮލަމްބޯގެ ނެލުމް ޕޮކުނާ ތިއޭޓާގައި މިދިޔަ އާދީއްތަ ދުވަހުގެ ރޭ ބޭއްވި "މިސިޒް ސްރީލަންކާ 2020" މުބާރާތުގެ ފަހުރުވެރި އެއްވަނަ ހޯދި ޕުޝްޕިކާ ޑި ސިލްވާގެ ބޮލުގައި މިސިޒް ޝްރީ ލަންކާގެ ތާޖު އެޅުވުމަށް ފަހު ކުޑަ އިރުކޮޅެއް ފަހުން ގަދަ ބާރުން އެ ތާޖު އޭނާގެ ބޮލުން ދަމައިގަނެފައި ވާތީ ކުރީ އަހަރުގެ މިސިޒް ސްރީލަންކާ ކެރޮލީން ޖޫރީ ހައްޔަރު ކޮށްފި އެވެ.
ކެރޮލީން ހައްޔަރުކުރީ ޕުޝްޕިކާގެ އިސްތަށިގަނޑުގައި ޕިން ޖަހާ ހަރުކޮށްފައިވާ ތާޖު ގަދަ ކަމުން ދަމައިގަތުމުގެ ސަބަބުން އޭނާއަށް އަނިޔާ ވެފައިވާތީ އާއި އިވެންޓް ބޭއްވި ތަނަށް ކެރޮލީން އާއި އޭނާގެ ބައިވެރިން ގެއްލުން ދިނުމުގެ ތުހުމަތުގަ އެވެ.
ކެރޮލީން އަކީ 2019 ގައި ބޭއްވި މިސިޒް ޝްރީ ލަންކާ މުބާރާތުން އެއްވަނަ ހޯދި ފަރާތެވެ. އަދި މިސިޒް ވޯލްޑް ހޮވުމުގެ މުބާރާތުގައި ޝްރީ ލަންކާ ތަމްސީލުކޮށް އޭނާ ވަނީ އެ މުބާރާތުން ވެސް އެއްވަނަ ހޯދާފަ އެވެ.
ރީތީގެ މުބާރާތްތަކުގައި އެއްވަނަ އަށް އަންނަ ފަރާތުގެ ބޮލުގައި އާންމު ގޮތެއްގައި ތާޖު އަޅުވައި ދެނީ އޭގެ ކުރީ އަހަރު އެ ތާޖު ހާސިލުކުރާ ފަރާތުންނެވެ. ކެރޮލީން އާ ތާޖު އެޅުވުމުގެ ޒިންމާ ހަވާލުވީ އެގޮތުގެ މަތީންނެވެ.
މި މުބާރާތުން އެއްވަނަ ހާސިލުކުރީ ޕުޝްޕިކާ ކަން އިއުލާން ކުރުމާއެކު އޭނާގެ ބޮލުގައި ތާޖު އެޅުވީ ވެސް ކެރޮލީން އެވެ. ނަމަވެސް އޭގެ ދެ ތިން މިނިޓް ފަހުން އޭނާ މައިކް އަތުލާފައި ޕުޝްޕިކާއަށް އެ ތާޖު ހައްގު ނޫން ކަމަށާއި ސަބަބަކީ އޭނާއަކީ މިހާރު ވަރިކޮށްފައިވާ އަންހެނަކަށް ވާތީކަމަށް ބުންޏެވެ. އަދި މިކަން ރަނގަޅު ކުރަން އަޅާ ފުރަތަމަ ފިޔަވަޅު އޭނާ އެޅުމުގެ ގޮތުން ޕުޝްޕިކާގެ ތާޖު އަތުލައި ރަނަރަޕަށް ހޮވުނު މީހާގެ ބޮލުގައި އަޅުވަނީ ކަމަށް ބުންޏެވެ.
މިހެން ބުނެފައި އޭނާ ދިޔަ ގޮތަށް ގޮސް ޕުޝްޕިކާގެ ބޮލުން ގަދަކަމުން ތާޖު ދަމައިގަނެ ރަނަރަޕްގެ ބޮލުގައި އަޅުވާ މުބާރާތުގެ އެއްވަނަ އަކީ އޭނާ ކަމަށް އަމިއްލައަށް އިއުލާން ކުރީ އެވެ.
ގިނަ އަދަދެއްގެ މީހުން ވަދެ ފުރިފައިވާ ތިއޭޓަރު ތެރޭގައި އަދި ގިނަ އަދަދެއްގެ ބަޔަކު ސޯޝަލް މީޑީއާއިން މި އިވެންޓް ބަލަން ތިއްބާ ކެރޮލީން ގަދަ ކަމުން ތާޖު ދަމައިގަތުން ޕުޝްޕިކާގެ ބޮލަށް އަނިޔާވެފައިވާ ކަމަށް ބުނެ އޭނާ ވަނީ ވަގުތުން ހޮސްޕިޓަލަށް ގޮސްފަ އެވެ.
މިކަމާ ގުޅިގެން ސްރީލަންކާ ފުލުހުން ބުރާސްފަތި ދުވަހު ވަނީ ކެރޮލީން އާއި އޭނާއާއެކު މިކަމުގައި ބައިވެރިވި އޭނާގެ އެސޯސިއޭޓެއް ކަމަށްވާ ޗޫލާ މަނަމެންދުރަ ހައްޔަރު ކޮށްފަ އެވެ.
ހޮސްޕިޓަލުން ފަރުވާ ހޯދުމަށްފަހު ސިނަމަން ގާޑްންގައި ނޫސްވެރިންނާ ވާހަކަ ދައްކަމުން ޕުޝްޕިކާ ބުނީ ކެރޮލީން ކުރި ކުށަށް އޭނާގެ ކިބައިން މައާފަށް އެދިއްޖެނަމަ އޭނާއާ ދެކޮޅަށް ކޮށްފައިވާ ޝަކުވާ އަނބުރާ ގެންދަން ތައްޔާރެވެ. ނަމަވެސް ކެރޮލީން މައާފަށް ނޭދުމުން އޭނާ މައްސަލައާއިގެން ކުރިޔަށް ދާން ނިންމީ އެވެ.
"އަހަރެން މިކަން ކޯޓުން ބޭރުން ނިންމަން ތައްޔާރު. ނަމަވެސް އޭނާ [ކެރޮލީން] އެއްގޮތް ބޭނުން ނުވީ. އަހަރެން މައާފް ކޮށްފާނަން. އެކަން އެކަން ހަނދާން ނައްތައެއް ނުލެވޭނެ،" ޕުޝްޕިކާ ނޫސްވެރިން ކައިރީ ބުންޏެވެ.
ކެރޮލީން ތުހުމަތުކުރާ ގޮތުގައި ޕުޝްޕިކާ ވަނި ފިރިމީހާ ކައިރިން ވަރިވެފަ އެވެ. އެހެންވީމަ މިސިޒް ވޯލްޑް މުބާރާތުގެ ގަވާއިދު ބުނާ ގޮތުން އޭނާއަކަށް އެ މުބާރާތުގައި ބައިވެރިއެއް ނުވެވޭނެ އެވެ. ނަމަވެސް ޕުޝްޕިކާ ބުނަނީ ފިރިމީހާ އާ މައްސަލަ ޖެހިގެން ވަކިން އުޅުނަސް އެމީހުން ރަސްމީކޮށް ވަރިނުވާ ކަމަށެވެ. އަދި މިސިޒް ސްރީ ލަންކާގެ އޮގަނައިޒަރުން ވެސް ބުނެފައި ވަނީ ޕުޝްޕިކާ ވަރިކޮށްފައި ނުވާކަން އެފަރާތުން ޔަގީން ކޮށްފައިވާ ކަމަށެވެ.
އޯގަނައިޒަރުން ބުނަނީ ކެރޮލީން އާއި އޭނާގެ އައުވާނުން ޕުޝްޕިކާގެ ބޮލުން ތާޖު ދަމައިގަތުމަށް ފަހު ބެކްސްޓޭޖުގައި ހުރި ޑްރެސިން ރޫމުތަކުގައި ހުރި ލޯގަނޑުތައް ފުނޑުފުނޑުކޮށް އެ ތަނަށް ބޮޑެތި ގެއްލުންތައް ދީފައިވާ ކަމަށެވެ. އަދި މިސިޒް ވޯލްޑް ފަދަ ފަޚުރުވެރި މަގާމެއްގައި ހުރި މީހެއްގެ ފަރާތުން މިފަދަ ކަންތައްތަކެއް ފެނުމުން އެކަމާ ހިތާމަކުރާ ކަމަށެވެ.
ސޯޝަލް މީޑިއާގައި ވެސް މި ވާހަކަ ވައިރަލްވެ ވަރަށް ގިނަ ބަޔަކު ކެރޮލީން އަށް ފާޑުކިޔާ ކޮމެންޓުތައް ކޮށްފައި ވެއެވެ. އަދި މިސިޒް ވޯލްޑްގެ ޓައިޓްލް ކެރޮލިން އަތުން އަތުލަން ވެސް ބައެއް މީހުން ގޮވާލާފައި ވެއެވެ. އަނެއް ބަޔަކު ބުނީ "މިސިޒް. ވޯލްޑް"ގެ ޓައިޓްލް އަށް ވުރެ "މިސިޒް އަންޑަ-ވޯލްޑް" ޓައިޓްލް ކެރޮލީން އަށް މާ ހައްގު ކަމަށެވެ.