ބޮލީވުޑް

"ގޭމް އޮފް ތްރޯންސް"ގެ ރޯލެއް ނީލް ނިތިން މުކޭޝް އަށް

Nov 5, 2015

ބެލެވޭ ގޮތުގައި ބަތަލާ ޕްރިޔަންކާ ޗޯޕްޅާގެ ފުރަތަމަ އެމެރިކަން ޓީވީ ޝޯ "ކުއަންޓިކޯ" އާއެކު ބޮލީވުޑްގެ ތަރިންގެ ހުނަރު ހޮލީވުޑްގެ ޑައިރެކްޓަރުންގެ ރާޑަރަށް އަރާފަ އެވެ.

އެންމެފަހުގެ ހަބަރުތައް ބުނާގޮތުން "ޕްރޭމް ރަތަން ދަން ޕާޔޯ"ގެ ތަރި ނީލް ނިތިން މުކޭޝް އަށް ހޮލީވުޑްގެ މަޝްހޫރު ފެންޓަސީ ސީރީޒް "ގޭމް އޮފް ތްރޯންސް"ގެ ހަވަނަ ސީޒަންގެ ރޯލެއް ކުޅުމަށް ހުށަހެޅުމަށް ލިބިފަ އެވެ.

މިއީ މިސީރީޒްގެ ރޯލަކުން އިންޑިއާ ތަރިއެއް ފެނިގެންދާނެ ފުރަތަމަ ފަހަރުވެސްމެ އެވެ.

"ގޭމް އޮފް ތްރޯން" އިން ހުށަހެޅުމެއް ލިބިފައިވާކަން ޔަގީންކޮށް ދެމުން ނީލް ވަނީ "ޕްރޭމް ރަތަން ދަން ޕާޔޯ"ގައި އޭނާ ކުޅެން ޖެހުނު ކަނޑިން ހަނގުރާމަ ކުރާ ދެ ސީންއެއް ޑައިރެކްޓްކޮށްފައިވާ "ގޭމް އޮފް ތްރޯން"ގެ ވެސް ޑައިރެކްޓަރު ގްރެގް ޕޮވެލް ކަމަށާއި އަދި ކަނޑިން ހަނގުރާމަކުރުމަށް ދަސްކުރުމުގެ ގޮތުން ގާތްގަނޑަކަށް ދެމަހެއްހާ ދުވަސް ވަންދެން ގްރެގް ކައިރިން ތަމްރީނު ނެގި ކަމަށެވެ. އަދި ތަމްރީނުތަކުގައި ނީލް ކަނޑިން ހަނގުރާމަކުރިލެއް މޮޅު ކަމުން ގްރެގް ހުރީ އަންތަރީސްވެފައިކަމަށާއި އެގޮތުން މިފިލްމުގެ ކްލައިމެކްސްގެ މަންޒަރުތައް ނެގމުގެ ތެރޭގައި ގްރެގް ހުށަހެޅުމެއް "ގޭމް އޮފް ތްރޯންސް" ގެ ރޯލެއް ކުޅުމަށް ލިބިފައިވާ ކަމަށް މިފަހުން ނޫސްތަކަށް ދިން އިންޓަވިއުއެއްގައި ބުނެފަ އެވެ.

"ޕްރޭމް ރަތަން ދަން ޕާޔޯ"ގެ ގޮތަށް މިސީރީޒްގައި ވެސް ނީލް ފެނިގެންދާނީ ވަރަށް ޝާހީ މީހެއްގެ ރޯލުން ކަމަށާއި އަދި ގިނަ އަދަދެއްގެ ކަނޑިން ހަނގުރާމަކުރާ މަންޒަރުތަކުން ވެސް ފެނިގެންދާނެ ކަމަށްވެ އެވެ.

ނީލް އިތުރަށް ވަނީ އޭނާ އަކީ "ގޭމް އޮފް ތްރޯންސް" ގަވައިދުން ބަލަމުން އަންނަ އެސީރީޒްގެ ބޮޑު ފޭނެއްކަމަށެވެ. އަދި މިސީރީޒްއިން އޭނާ އަށް ކަމުދާ ކެރެކްޓާތަކަކީ ހަލީސީ، ޖޮން ސްނޯ އަދި އެމްޕް ކަމަށް ބުނެފަ އެވެ.

މިހާތަނަށް ނީލް މާކާމިޔާބު ފިލްމުތަކެއް ރިލީޒްވެފައިނުވާއިރު، މިމަހުގެ 12 ވަނަ ދުވަހު ރިލީޒްކުރާ "ޕްރޭމް ރަތަން ދަން ޕާޔޯ" އަށް ކުރާ އުންމީދު ބޮޑެވެ. މިފިލްމުގެ އިތުރުން އަންނަ އަހަރު ރިލީޒްކުރާ "ވާޒިރް"ގެ ވެސް މުހިންމު ރޯލަކުން ނީލް ފެނިގެންދާނެ އެވެ.