ކުޅިވަރު

އަޔަލޭންޑްގައި ޔޫރޯ ނުބޭއްވިދާނެ ކަމުގެ ބިރު

ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ހަތަރު މެޗު ކުޅެން ހަމަޖެހިފައިވާ އަޔަލޭންޑްގެ ޑްބްލިންއަށް އެ ފުރުސަތު ގެއްލިދާނެ ކަމުގެ ބިރު ކުރިމަތި ވެއްޖެ އެވެ.

ޔޫރަޕްގެ ފުޓްބޯޅައިގެ މައި އިދާރާ، ޔޫއެފާ އިން ވަނީ ސްޓޭޑިއަމް ތަކަށް 25 ޕަސަންޓް ސަޕޯޓަރުން ވެއްދޭނެ ކަމުގެ ޔަގީންކަން ދިނުމަށް މުބާރާތް ބާއްވާ 12 ގައުމަށް އަންގާފަ އެވެ. މިދިޔަ އަހަރު ބާއްވަން އޮތް ޔޫރޯ 2020، ކޮވިޑް 19 އާ ގުޅިގެން މިއަހަރު ޖޫން ޖުލައިއަށް ޔޫއެފާއިން ވަނީ ފަސް ކޮށްފަ އެވެ.

ޔޫރޯ ފުޓްބޯޅަ މުބާރާތަށް 60 އަހަރު ފުރުން ފާހަގަ ކުރުމަށް، ޔޫއެފާއިން ނިންމާފައި ވަނީ 12 ގައުމެއްގެ 12 ސިޓީގައި މެޗުތައް ކުޅުމަށެވެ.

އިއްޔަ އާ ހަމައަށް ޔޫއެފާއިން ދިން މުައްދަތު ފަހަނައަޅައި ދިޔައިރުވެސް އެ ފުރުސަތު ޑްބްލިންއަށް ނުދެވުނެވެ. އަޔަލޭންޑްގެ ފުޓްބޯޅަ އެސޯސިއޭޝަނުން ބުނީ، ކޮވިޑް-19 އާ ހެދި އެ ކަމގެ ޔަގީންކަން ދޭން އުނދަގޫ ކަމަށެވެ.

ޑްބްލިންގެ ވީވާ ސްޓޭޑިއަމް އަކީ 51700 މީހުންގެ ޖާގައިގެ ސްޓޭޑިއަމެކެވެ. ޔޫއެފާ ބޭނުންވާ ވަރަށް ސަޕޯޓަރުން ވައްދަން ޖެހޭނަމަ ގާތްގަނޑަކަށް 13000 ސަޕޯޓަރުންނަށް އެ ސްޓޭޑިއަމް އަށް ވަނުމުގެ ފުރުސަތު ދޭން ޖެހޭނެ އެވެ.

އަޔަލޭންޑްގައި މެޗުތައް ކުޅޭނެތޯ ނުވަތަ ނޫންތޯ ނިންމާނީ، ޔޫއެފާއިންނެވެ. މެޗުތައް ނުކުޅެން ނިންމައިފިނަމަ މިހާރުވެސް މެޗުތައް ކުޅެން ހަމަޖެހިފައިވާ އެހެން ގައުމަކަށް އެ ފުރުސަތު ދޭނެ ކަމަށް ބެލެވެ އެވެ.