(6 އެޕްރިލް 2021 އާ ގުޅޭ)
ހަރަކާތެއް ކުރަން ނޭނގިފައި އިރުކޮޅަކު އަސްލަންއަށް ހުރެވުނެވެ. މަޑުމަޑުން ކުރިއަށް އައިސް އެނދު ކައިރީ އޭނާ ހުއްޓުނެވެ. އެނދުގައި އެ އޮތީ ނޯޔާތޯ އަސްލަންއަށް ޔަގީން ނުވާ ކަހަލަ އެވެ. އެ އަންހެންކުއްޖާ އަރާމު ނިދީގައި އެ ކޮޓަރީގައި އޭނާގެ އެނދުގައި އޮވެދާނޭ އަސްލަން ހިޔެއް ނުކުރެ އެވެ. އެނދުގެ ފައިލާ ކޮޅުގައި ފައްޖަހާފައި އޮތް އިތުރު ރަޖާގަނޑު އަސްލަންއަށް ފެނުނެވެ. އެނދުގެ ތަންމަތީ ނޯޔާ އޮތް ގޮތުން އޭނާ އޮށޯތީ ނިދުމުގެ ގަސްދުގައެއް ނޫނޭ އަސްލަންއަށް ނަގައިގަނެވުނެވެ. ހިތްދަމައިގަންނަ ފަދަ ރީތި މަންޒަރެއް ފެނިގެން ހުއްޓުން އަރާފައި ހުރިހެން އަސްލަންއަށް ހުރެވުނީ އެވެ. ނިއުޅިފައިވާ ނޯޔާގެ އިސްތަށިގަނޑާއި އެ މޫނާއި ކަނދުރާއަށް ބަލާށެވެ. ބާލީސް ކައިރީ ނޯޔާގެ ބުރުގާ އޮތެވެ. ކުޑަކަކޫ ޖަހާލީ ގާތުން ނޯޔާ ބަލާލުމުގެ ޝައުގުގަ އެވެ. އަސްލަންގެ ކަނާއަތުން ނޯޔާގެ ދިގު އިސްތަށިގަނޑުން ބައެއްގައި ހިފާލީ ނިކަން މަޑުމަޑުންނެވެ. އެހާމެ އަވަހަށް ދޫ ވެސް ކޮށްލައިފި އެވެ. ނޯޔާ ހޭލަފާނެތީ އެވެ. އަސްލަން ތެދުވެ އޮފީސް ހެދުން ބަދަލު ކުރިއެވެ. ނިދަންލާ ހަރުވާޅުގައި އޭނާ އެނދު ކައިރިއަށް ހުއްޓުނެވެ. ނޯޔާގެ ކައިރީ އޮށޯންނަން އޭނާގެ ޟަމީރު ބުނެއެވެ. ނަމަވެސް އޭރުން ނޯޔާ ނިދާފައި ވަނިކޮށް އަސްލަން އެކަމުން ފައިދާ ނަގަން އުޅުނީއޭ ހީވެދާނޭތީވެ ފަސްޖެހުނެވެ.
ނޯޔާއަށް ހޭލެވުމާއެކު އޮވެވުނީ ކޮންތާކުކަން އެނގުނެވެ. ގައިމަތީ އޮތް ރަޖާ އެއްފަރާތްކޮށްލަމުން އޭނާ ތެދުވި އެވެ. އެއީ ކޮޓަރިން އޭނާ ގެނައި ރަޖަ އެވެ. އެނދުމައްޗާއި ކޮޓަރި ތެރެއަށް ނަޒަރު ހިންގާލެވުނެވެ. އަސްލަން ނެތުމުން ހައިރާންވި އެވެ. ފޯނު ހޯދާ ލެވުނީ ގަޑިންވީއިރެއް އެނގެން ބޭނުން ވެގެންނެވެ. އެނދުއަރިމަތީ ހުރި ކަބަޑުގެ މަތީ ފޯނު އޮތްތަން ފެނުމުން ހައިރާންވި އެވެ. ޔަގީނުން ވެސް އެ ކޮޓަރިއަށް އަސްލަން ވަންކަން ބުނަން ނޯޔާއަށް އެނގުނެވެ. ގައިމަތީ ރަޖާ އެޅީ ވެސް ފޯނު އެތަނުގައި ބޭއްވީ ވެސް ނޯޔާއެއް ނޫނެވެ. ދެން އެހެންވީރު އަސްލަން ކޮބާ ބާއެވެ. ނޯޔާ ތެދުވި ގޮތަށް ކޮޓަރިން ނުކުތީ އެވެ. އޭނާގެ ކޮޓަރިއަށް ދިމާއަށް އާދެވުނު ހިނދު ސޯފާގެ ދިގަށް އޮތް އަސްލަން ފެނުނެވެ.
"އަހަރެން އޮތީމަ ކޮޓަރިއަށް ނުވަނީތަ؟ ވަރުބަލިވެފަ ހުރެ ސޯފާގަ ކިހިނެއް ނިދާނީ... އަސްލަން ވެސް ދޯ، އަހަރެންމީ އަނބިމީހާއެއްނު، އަސްލަންއާއެކު އެއްތަންމަތީ ނިދާކަށް އަހަރެން ދެކޮޅެއް ނުހަދާނެއެއްނު." ނޯޔާ އައިސް އަސްލަން ގާތުގައި މަޑުކޮށްލި އެވެ. ބަނޑުމަތިން ދެއަތް ހުރަސްކޮށްލައިގެން އެއްފައިތިލައިގެ އަނެއްފައިތިލަ އަޅުވާލައިގެން އަސްލަން އޮތީ ލޯ މަރާލައިގެންނެވެ. އިރުކޮޅަކު ބަލަން ހުރި ނޯޔާގެ ތުންފަތް ދެމިލި އެވެ. ލާނެތްކަން އެކުލެވިގެންވީ ހިނިތުންވުމެކެވެ. ސަމާސާއެއް ކޮށްލައިފިނަމަ އަސްލަން ހަދާނީ ކިހިނެއްބާއޭ އޭނާގެ ހިތުގައި ސުވާލު އުފެދުނެވެ. ދެ ކަކޫމައްޗަށް ތިރިވެ އަސްލަންގެ ކޯތާފަތުގައި ނޯޔާ ބޮސްދިނެވެ. އެ ކުޑަކުޑަ ބީހުމާއެކު ކަންފަތް ދޮށުގައި އަސްލަންގެ ނަން ކިޔާލުމުގެ ކުރިން އޭނާ ހޭލައިފި އެވެ. ފުންމައިގެން އަސްލަން ތެދުވި ގޮތުން ނޯޔާ ފަހަތަށް ވެއްޓުނީ އެވެ.
"ނޯޔާ..." އަސްލަންއަށް ގޮވާލެވުނެވެ.
"މީ މީހުން ނިދާ ތަންތަންތަ؟، ކިހާއިރަކު އައީ؟، ކީއްވެ ނުގޮވީ؟..." ރަގުމަތީ ދެފައިވަށްކޮށްލައި އިށީންނަމުން ނޯޔާ ވާހަކަ ދެއްކިއެވެ. ބަހެއް ނުބުނެ އަސްލަން އިނީ ބަލާށެވެ. އޭނާގެ ކަކުލުގައި ނޯޔާ މަޑުމަޑުން ޖަހާލި އެވެ.
"ނިދީގަ ދޯ ތިއިނީ، ދޭ ކޮޓަރިއަށް." ނޯޔާ ބުންޏެވެ. އަސްލަން އަތްދިއްކޮށްލީ އެވެ. އެ އަތުގައި ހިފައި ނޯޔާ ތެދުވުމުން ގެނެސް ކައިރީގަ ސޯފާގައި ބައިންދައިފި އެވެ.
"ރަނގަޅަށް ނިދުނުތަ؟" އަސްލަން އަހާލި އެވެ.
"ހޫމް... އެ ކޮޓަރިއަށް ވަނީ ރިދާން މެޗު ބަލަން އިންނާނީއޭ ބުނީމަ... އޭނާއާ ދިމާވިތަ." ނޯޔާ އޮޅުންފިލުވައިދޭ ފަދައަކުން ބުންޏެވެ.
"އާން!... ދިމާވި." އަސްލަން ބުންޏެވެ. އޭނާ އޭރު ވެސް އިނީ ނޯޔާގެ އަތުގައި ހިފަހައްޓާލައިގެންނެވެ.
"ވާހަކައެއް ބުނަން އެބައޮތް، ފަތިހުން ފެނުނީމަ ބުނަން ހުރީ." ހިމޭންކަމުގައި ވަގުތުކޮޅެއް ވޭތުވުމަށް ފަހު އަސްލަން ވާހަކަ ދެއްކި އެވެ.
"އަޑުއަހަން މިއިނީ." ނޯޔާ ބުނެލީ ނުހަނު އަވަހަށެވެ. އެ މޫނަށް އަސްލަން ބަލާލި އެވެ.
"ނަމާދު ކުރަން ދޯ ތިހޭލީ." އަސްލަން އަހާލި އެވެ. ނޯޔާ ބޯ ޖަހާލި އެވެ.
"އެކަމަކު އަދި ވަގުތު އެބައޮތް." ނޯޔާއަށް ހޭލެވުނީ އާންމުކޮށް ހޭލާގަޑިއަށްވުރެ ކުރީންނެވެ. ހަމައެއާއެކު އޭނާ އެއިނީ އަސްލަން ބުނަން އުޅޭ ވާހަކައެއް އަޑުއަހަން ކެތްމަދުވެފަ އެވެ. ހިތް އެދެނީ އެ ވާހަކަ އަޑު އަހާފައި އިންތަނުން ތެދުވާށެވެ.
"ފަތިސް ނަމާދުން އައިސް ކިހިނެއް ވާނެ." އަސްލަން އަހާލި އެވެ.
"މިހާރު ބުނިއްޔާ ވާނީ ކީއް؟" ނޯޔާގެ ހިތުގައި ވިއެވެ. ދެން އޭނާއަށް ވިސްނޭނީ އަސްލަން ބުނަން އެ އުޅެނީ ކީކޭބާ އެވެ. އެހެން އޭނާ ނުތަޅުވާ ބުނަން ގަސްދުކުރާ އެއްޗެއް ހާމަކުރަން މިވަގުތު ވެސް ގޯހެއްނޫނޭ ނޯޔާ ގަބޫލު ކުރެއެވެ. އެކަމަކު އަސްލަން އެ ވާހަކައެއް ދައްކަން ފަސްޖެހެންޏާ ކުރެވޭނެ ކަމެއް ނޯންނާނެ އެވެ. އަސްލަންއަށް ބަލާލާފައި ކަންކަމާ އެހާ ފަސްޖެހޭނޭ ފިރިހެނެކޭ އެކަކުވެސް ނުބުނާނެ އެވެ. އޭނާއަށް ރިދާންގެ ޠަބީއަތާއި އުޅުން ފެނިފައި ހުރިއިރު އަސްލަންއަކީ އޭނާގެ ބޭބެވިއްޔާ އެވެ. ދެމީހުންގެ ޠަބީޢަތް އުޑާއި ބިމާހާ ތަފާތުވެދާނޭ ނޯޔާ ހިޔެއް ނުކުރެއެވެ. އަސްލަންގެ މަޑުމައިތިރިކަމާއި ސިއްރުސިއްރުން ކޮށްލާ އިޝާރާތާއި ނުކެރިފަ ހުރެ ވެސް ކޮށްލާ ކުދިކުދި ސަމާސާގެ ބީހުންތަކުން ނޯޔާގެ ހިތް މަޑުވެ ފިރިމީހާއަށް ލެނބިގެން ދަނީ ބަސްބުނާ ހިނދުންނެވެ. އެފަދަ ވަރުގަދަ ގަޔާވުމަކުން އެހެން ފިރިހެނަކަށް ނޯޔާގެ ހިތް އެދިފައެއް ނުވެއެވެ. ޒަމާންތަކެއް ވަންދެން ހިތުގައި ރިދާނަށް ހާއްސަ ކަމެއް ދެވިފައި ވިއެވެ. އެކަމަކު އެ ޖާގަ ވެސް އަސްލަންއަށް ނޯޔާ ދީފި އެވެ. ދިނުމަށްވުރެ އަމިއްލަ އިޚްތިޔާރުން ބޭރުގައި ދެވުނީ އެވެ. މުޅި ހިތް އެކީއެވެ. ފިރިއެއްގެ ލޯތްބާއި އަޅާލުން އެންމެ ފުރިހަމަ ގޮތުގައި ލިބެން މިހާރު ނޯޔާ އެދެ އެވެ. އެހެންނަމަވެސް އެ ޝުއޫރު އަސްލަންގެ ކުރިމަތީ ފާޅު ކުރާކަށް ނުކެރުނެވެ. އިންތިހާއަށް އަސްލަންއަށް އެދެވިއްޖެޔޭ ބުނާނޭ ހިތްވަރެއް ނޯޔާގެ ނެތެވެ. ހާމަކޮށްދެއްކުމެއް ނެތި، ލަފުޒުތަކަކުން ބަޔާން ކުރުމެއްނެތި ނޯޔާގެ ހިތް އަސްލަންއަށް އެނގެން އޭނާ އެދެއެވެ. ލޯބިވެވިއްޖޭ އަސްލަން ބުނާނީ ކޮން ދުވަހަކުންބާއޭ ނޯޔާގެ ހިތް ސުވާލު ކުރެއެވެ. އެއިން ކޮންމެ ފަހަރަކު ކެތްތެރިވާން ޟަމީރު ހަނދާން ކޮށްދެއެވެ.
އެއްވެސް ސުވާލެއް ކުރުމެއްނެތި ނޯޔާ ތެދުވީ އެވެ. ހިނގައިނުގަނެވިފައި ހުރީ އޭނާގެ އަތްތިލައިގަ އަސްލަން ހިފަހައްޓާލާފައި ވުމުންނެވެ. އެ ދެ ލޮލުން ހޯދަނީ ކޮން ކަމެއްކަން ނޯޔާއަށް ބުނާކަށް ނޭނގުނެވެ. ބޭގަރާރު ކަމެއްގެ އަސަރު ފެންނަންވީ ކީއްވެ ކަމެއް ވެސް ނޯޔާއަކަށް ނޭނގުނެވެ. އަސްލަންގެ ތުންފަތުގައި ނޯޔާގެ އަތްތިލަ ޖައްސާލި އެވެ. އެ އަތްތިލައަށް ދޫ ދީ އަތްތިލަ ހުޅުވާލީ ދެނެވެ.
"އަސްލަން ބުނޭ... އަހަރެން ކޮންމެކަމެއް ވެސް ކޮށްފާނަން، ޖަސްޓް ސޭ... ބުނޭ އަހަރެން ބޭނުމޭ، އެކުގައި އުޅޭން ހިނގާށޭ، ދެމަފިރިން ފަދައިން އެއްތަނެއްގައި، އަސްލަންއާއެކު ކޮޓަރިއަށް ބަދަލުވާން އެދޭ، އަހަރެން ތައްޔާރު... ހުރިހާ ކަމަކަށް ތައްޔާރު، އަސްލަންއާއެކު މުޅި އުމުރު ހޭދަކުރަން ތައްޔާރު... އެހެންވީމަ ބުނޭ... އަހަރެން ބޭނުންމިވާ ވަރަށް އަސްލަން ވެސް އަހަރެން ބޭނުމޭ ބުނޭ." އަސްލަންގެ ލޮލާ ނޯޔާއަށް ނަޒަރު ވަކިކޮށެއް ނުލެވުނެވެ. އަސްލަންއަށް ނުބުނެވިގެން އެއުޅެނީ ކީއްވެބާ އެވެ.
"އަހަރެން ވެސް ކޮޓަރިއަށް މިދަނީ." އަސްލަން ވެސް ތެދުވީ އެވެ. އެ ދަންވަރުގެ ހިމޭންކަމުގައި ނޯޔާ ބަލަން ހުރި ގޮތުން އަސްލަން އިންތިހާއަށް ޖެހިލުންވީ އެވެ. އެ ހަށިގަނޑަށް ކުޅަދާނައެއް ނުވާނޭ ހީވުމުން އޭނާ ނިންމީ ނޯޔާއާ ދުރަށް ދާށެވެ. އެހެންނޫނީ މިރޭ އޭނާ ހުރިހާ އިމެއް ފަހަނައަޅައި ދާނެ އެވެ. ތަރުތީބު ކަމެއްނެތް ކަރުހިއްކައިގަނެފައިވާ މީހަކު ފަދައިންވާން އަސްލަން ނޭދެ އެވެ. އެކަމަކު ދެމެދުގައި އޮތް ގުޅުން ގާތް ކުރުމާމެދު އަސްލަން ވެސް ވިސްނަ އެވެ. އޭނާއަށްވުރެ ކުރީން ނޯޔާ އެނބުރި ހިނގައިގަތެވެ. އޭނާ ގޮސް ދޮރުހުޅުވަން ހިފާލުމުން ތަޅުލާފައި ހުރިކަން ހަނދާންވެ އަސްލަންއަށް ބަލާލިއެވެ. އޭނާ ކައިރީ ބުނާކަށް ނުޖެހުނެވެ. އެބައަންނަން ކަމުގައި ބުނެ ކޮޓަރީގައި ބޭއްވުނު ތަޅުދަނޑިފަތި ހިފައިގެން އޭނާ އައެވެ.
ފަތިސް ނަމާދުން ފޭބި ގޮތަށް ނޯޔާ ދުވަހަށް ތައްޔާރުވެލި އެވެ. ކަށިމައްޗާ ހަމައިން ދެއަރި މަތިން ފަޅާލާފައި ހުރި ޓީޝާޓު ފޮތީގެ ހެދުން ގަޔަށް ހެޔޮވަރުކޮށްލުމާއެކު ގޭގައި އަޅާއުޅޭ ބުރުގާ ބޮލަށް ހެޔޮވަރު ކޮށްލައިގެން ނޯޔާ ނުކުތެވެ. ގޭތެރެ އަލި ކޮށްލުމާއެކު ބެލްކަނީގެ ފަރުދާތައް ކަހާލައި ދޮރުފަތް ކުޑަކޮށް ހުޅުވާލި އެވެ. ހޫނުފެން ކައްކާ ޖަގަށް ފެން އަޅައި ކަރަންޓަށް ގުޅާލިއެވެ. އެ ހުރިހާ އިރު ވެސް ނޯޔާގެ ޚިޔާލުތަކުގައިވީ އަސްލަން އެވެ. މިސްކިތުން ގެއަށް އޭނާ އައީ ބަދިގޭގައި ނޯޔާ އުޅެނިކޮށެވެ. ކޮޓަރިއަށް ނުވަދެ އަސްލަން އައީ ނޯޔާގެ ކައިރިއަށެވެ.
"އަހަރެން ކޮފީ ހަދައިދެންތަ؟" އަސްލަން އަހާލި އެވެ. ނޯޔާ ބަލާލީ ހައިރާން ކަމާއެކު އެވެ.
"ނޯޔާ ކައްކާ ގޮތަށް ކައްކަން ނޭނގުނަސް، ސަޔާ ކޮފީ ހަދަން އެނގޭ... މީރު ވާނެ..." އަސްލަން ބުންޏެވެ. ނޯޔާގެ ތުންފަތް ދެމިލިއިރު އެ ހިނިތުންވުން ފުންވެގެން ދިޔައެވެ. ބޯޖަހާލުމާއެކު އަސްލަންއަށް ފުރުސަތުދެމުން އޭނާ ޖެހިލީ ދުރަށެވެ. މަޑުމަޑުން އައިސް ކާމޭޒު ދޮށުގައި އިށީނީ އަސްލަން ފެންނާނޭ ހެންނެވެ. ފަރުވާތެރި ކަމާއެކު އޭނާ ދެ ޖޯޑުގައި ކޮފީ ހެދުމުގައި އުޅުންއިރު ނޯޔާ އިނީ އެސްފިޔަޖަހާލަން ވެސް ބޭނުންނުވެފަ އެވެ. ދެ ޖޯޑު ހިފައިގެން އަސްލަން އެނބުރިލަންވީ އިރަށް ނިކަން އަވަހަށް ނޯޔާގެ ބެލުން ބަދަލު ކޮށްލި އެވެ.
"ބުނީމެންނު ވާހަކައެއް ބުނާނަމޭ." އަސްލަން އައިސް ނޯޔާއާ ޖެހިގެން ހުރި ގޮނޑީގައި އިށީނުމާއެކު ބުނެލި އެވެ.
"ރޭގަ އަހަރީ ޖަލްސާ ނިމިގެން ބޮޑުމީހާ މީޓް ކޮށްލަން ބުނީމަ ލަސްވީ، ނޯޔާ..."
"ހޫމް..." އަސްލަން ގޮވާލާއިރަށް ނޯޔާ ހޫން ލައްވާލި އެވެ.
"އަހަރެން ނެތިއްޔާ އުނދަގޫވާނެތަ؟" އަސްލަން އަހާލި އެވެ.
"ތަނަކަށް ދާން ޖެހުނީތަ؟" ނޯޔާ ނަގައިގަތީ އަސްލަން ހީކުރި ވަރަށް ވުރެވެސް އަވަހަށެވެ. ނޯޔާގެ ސުވާލަށް އަސްލަން ބޯޖަހާލީއެވެ.
"އޮފިޝަލްކޮށް އަދި ނުބުނޭ، އެކަމަކު ހަމަޖެހިފައި އޮތް ކަމެއްކަން ޖުނައިދު ރޭގަ ކޮންފާމް ކޮށްދިން... ކުރިއެރުމާ ގުޅިފައި އޮތް ދަތުރެއްމީ، އަލިފު އަތޮޅަށް... ދެރަށަކަށް ދާންޖެހޭ، ތިންމީހުން ދަނީ، ލޫނާއާ... އެހެން މީހަކު." ލުނާގެ ނަން ކިޔަން އަސްލަންއަށް އުނދަގޫވި އެވެ.
"ނޯޔާ ބުނޭ... އަހަރެންގެ ބަދަލުގަ އެހެންމީހަކު ފޮނުވާށޭ އޭރުން ބުނާނަން." ނޯޔާ ވާހަކަ ނުދައްކާ ހިމޭންކަން ދިގުލާން ފެށުމުން އަސްލަން އަވަސްއަވަހަށް ބުންޏެވެ. ނޯޔާ ދެފަރާތަށް ބޯ ހޫރާލީ މަޑުމަޑުންނެވެ. އިސްއުފުލައި އަސްލަންއަށް ބަލާލި އެވެ. ތުންފަތް ފިއްތާލި ނަމަވެސް ޒާތެއްގެ ހިނިތުންވުމެއް އޭނާ ދިނެވެ.
"އަހަރެން މެނޭޖް ކުރާނަން، މަންމަ ވެސް ހުންނާނެއެއްނު... ބޮޑުކަމެއް ޖެހިއްޖެއްޔާ ރިދާން ވެސް ހުންނާނެއެއްނު." ނުދާށޭ ނޫނީ ނުކުރާށޭ ބުނާކަށް ނޯޔާ ބޭނުމެއްނޫނެވެ. ކަމެއް ކުރަންވިޔަސް ނުކުރަންވިޔަސް އެފަދަ ނިންމުމެއް އަސްލަން އަމިއްލައަށް ނިންމަންވާނޭކަން ނޯޔާ ޤަބޫލު ކުރެއެވެ. އޭނާ އަސްލަންގެ ކަންކަމަށް ފާޑުކިޔަން ގަސްދުގައި ބޭނުން ނުވީއެވެ. ލޫނާގެ ނަން އިވުނީމަ އެވެ.
"މީ... ރޭގަ... ރިދާން އައިސް ކޮންވާހަކައެއް ދެއްކީ." ރިދާންގެ ނަން ނޯޔާ ބުނުމާއެކު އަސްލަން ހަނދާންވީ ލޫނާ އައި ދުވަހު އެ އެޕާޓްމެންޓުން ރިދާން ނުކުމެގެން ދިޔަ ގޮތެވެ. އޭނާގެ ކައިރީ ރިދާން އެއްވެސް ވާހަކައެއް ދައްކާފައި ނުވާއިރު ރިދާން ޒާތްޒާތުގެ ވާހަކަ ނޯޔާގެ ކައިރީ ދައްކަފާނެކަމާމެދު އަސްލަން ސުވާލު އުފެދެ އެވެ. އެ ދުވަހު ރިދާން ނުކުމެގެން ދިޔައީ ނުރުހުންވެފައި ހުރެގެންކަން ސާފުކޮށް އަސްލަންއަށް އެނގެ އެވެ. އޭނާއަށް ނުބައި ހީއެއް ކުރެވުނީ ކަމަށް ވެދާނޭ އަސްލަންއަށް ޤަބޫލު ކުރެވެއެވެ. އެފަދަ ހަޤީޤަތެއް ނެތް ވާހަކަތަކެއް ނޯޔާގެ ކަންފަތާ ހަމައަށް އަތުވެދާނޭތީ އަސްލަން ކަންބޮޑު ވެއެވެ.
"އަސްލަން ނެތީމަ ފޫހިވެދާނެތީ އަނގަތަޅާލަން އައިއޭ ބުނީ... އަނެއްހެން މާގިނަ ވާހަކަތަކެއް ނުދެއްކާ، އެކަމަކު އަހަރެން އެހިން އަސްލަންގެ ވާހަކަ."
"އަހަރެންގެ... ކޮން ވާހަކައެއް؟." ނިކަން އަވަހަށް އަސްލަންއަށް ބުނެވުނެވެ. ހިސާބަކަށް ހައިރާން ވެފަ އެވެ.
"ކުރިން ތީ ކޮންކަހަލަ މީހެއްތޯ... ޓީނޭޖް ލައިފް، ޔަންގްއެޑަލްޓްއަކަށް ވުމުގެ ކުރީން..." ނޯޔާ ހީނލި އެވެ. މިފަހަރު އެ ހިނިތުންވުމުގައި އަސްލަންއަށް ބައިވެރި ވެވުނެވެ.
"މިހާރު މި ފެންނަ އަސްލަން ކަމުނުދަނީތަ؟" އަސްލަންގެ އަޑުގައި ސަމާސާގޮތް ހުއްޓެވެ.
"ކިއުރިއަސް ވެގެން އަހާލެވުނީ... ގޯސް ވާހަކައެއް އަޑެއް ނީވޭ، ރިދާން ނުދައްކާނެއެއްނު." ނޯޔާ ހަޤީޤަތް ފޮރުވީ އެވެ. ކޮއްކޮއާއި ބޭބެއާ ދެމެދު ޝައްކާއި ވަހުމަށް ފުރުސަތު ނުދޭން ވެގެންނެވެ. އެކަމަކު މިހާރު ނޯޔާގެ ހިތުގައި ކުރިން ނުވާ ސުވާލުތަކެއް އުފަންވެއްޖެ އެވެ. ރިދާން ވާހަކަ ދެއްކިޔަ ނުދީ ހުއްޓުވީ ހުދު ނޯޔާއެވެ. އޭނާ ބުނަން އުޅުނީ ކީކޭބާއޭ ނޯޔާ ހިތަށް އަރަނީ އެވެ. ރިދާން ދައްކަފާނެ ވާހަކަ އަކާމެދު އަސްލަން ކަންބޮޑުވާންވީ ކިއްވެ ހެއްޔެވެ. ނޯޔާއަށް ނޭނގޭ ކަމެއް އޮތީ ހެއްޔެވެ. ހިތާއި ނަފްސަށް ނުތަނަވަސްކަން ވެރިވީ ނަމަވެސް އެކަން ނޯޔާ ނުދެއްކިއެވެ. އަސްލަން ވެސް ރިދާންއާ ގުޅުވާ އިތުރު ސުވާލެއް ނުކުރިއެވެ. އޭނާ ދެއްކީ ކުދީންގެ ވާހަކައެވެ. އޮފީސް ދަތުރެއްގައި ބައިވެރިނުވާތާ ތިންއަހަރަށްފަހު ދާންޖެހުމުން އަސްލަން ވެސް ކަންބޮޑުވަނީއެވެ.
* * * * *
"އިއްޔެ ޖުނައިދާއެކު ލަންޗަށް ދިޔައީ އެހެންވެ ދޯ... އަހަރެންނަށް އެނގޭ މީ ލޫނާގެ ކަމެއްކަން، އަހަރެންނާއި އަސްލަން އަބަދު ވެސް ދަތުރުތަކުގައި ބައިވެރި ވަނީ، ލޫނާއާއެކު ދާން ހަމަޖެހިފައި އޮތީ މާހިދުކަން އޭނާއަށް ވެސް އެނގޭ... އަނެއްކާ ރޭގަ ތިޖެއްސި ސްޓަންޓް، ހާދަބަޔަކު ބެލިއޭ، އަހަރެންނަށް އެނގޭ ލޫނާގެ ހެޔަށް ގޮތްވީކީނޫންކަން، ފޭކެއްކަން ޖެއްސީ..." ލޫނާގެ މޭޒުގައި ބުޑުޖައްސާލައިގެން އެއްފައި މައްޗަށް ހުރި ހުސެން ވާހަކަ ދެއްކި އެވެ.
"ތިހާ އެނގެންޏާ އަލުން ތިވާހަކަ ތިދައްކަނީ ކީއްކުރަން، ބޮސް އެއޮތީ ދަތުރުގަ ދާނީ ކޮންބައެއްކަން ނިންމާފަ... ޖުނޭއަށްވުރެ ވެސް ހުސެން މަތިވީތަ؟." ކޮމްޕިއުޓަރަށް ބަލަހައްޓައިގެން އިނދެ މަސައްކަތް ކުރިޔަށް ގެންދަމުން ލޫނާ ވާހަކަ ދެއްކީ ފަރުވާކުޑަ ރާގެއްގަ އެވެ.
"އަސްލަންގެ ބަދަލުގައި އަހަރެން ދާން ތައްޔާރު، އެކަމަކު ޖުނައިދު ގަބޫލެއް ނުވި، އޭނާގެ ވިސްނުން ބަދަލުކުރީ ލޫން، އޭނާ ކައިރީ ކޮންމެވެސް ވާހަކައެއް ލޫން ދައްކައިފިކަން ޔަގީން، އަސްލަންގެ ރުޅި ފަޅައިގެންދާވަރުގެ ހުތުރުކަމެއް ކުރަން ލޫން ވިސްނަނީތަ؟." ހުސެން ހުރީ ހިތްހަމަނުޖެހިފައެވެ.
"އޮފީހުން އެންގީމަ މިތާ އުޅެން ބޭނުމިއްޔާ އޭނާ ވެސް ޖެހޭނީ އެކަމެއްކުރަން، އެހެންނޫނަސް ސާދަ ދުވަހަކީ ގިނަ ދުވަހެއްނޫން، އަނބިމީހާއި ދަރީން ނުފެނިގެން އޭނާ ނޭވާ ހާސްވާކަށް." ލޫނާގެ ނަޒަރު ހުސެންއަށް އަމާޒުކޮށްލިއެވެ.
"ޕްލީޒް..." ހުސެން އާދޭސް އެކުރަނީ ކޮންކަމަކަށްކަން ލޫނާއަށް އެނގެއެވެ.
"ކުރާނޭ މަސައްކަތެއް މިއަދު ނެތީތަ؟" ލޫނާ ބުންޏެވެ. ދާށޭކަން ލޫނާ އެބުނަނީ ހުސެންއަށް ފަހުމްވިއެވެ. އޭނާ ހަށިގަނޑު ތެދުކޮށްލުމާއެކު ހިނގައިގަތީ އެހެންވެއެވެ. ހުސެންއަށް އެނގުނަސް އަސްލަންއަށް ދަތުރު ހަމަޖެހުނު ގޮތުގެ ތަފްސީލެއް ނޭނގެއެވެ. އެކަން ބުނުމާމެދު ހުސެން ހުރީ ދެ ހިޔާލެއްގައެވެ. ލޫނާއާމެދު އަސްލަން ދެކޭގޮތް މުޅިން ބަދަލުވެދާނޭކަން އެނގޭތީއެވެ. ލޫނާގެ ހަރަކާތްތަކުގައި ކުރިން ހުންނަ ތެދުވެރިކަން ނެތެމުންދަނީކަން އެނގި އެކަމާ ހުސެން ދެރަވެއެވެ.
* * * * *
އަތުގައި އޮތް ގަމީހުގެ ގިރުވާން ނޯޔާގެ މޫނާ ކައިރިކޮށްލީ ފެނުނީ ރަނގަޅަށްކަން ހީނުވެގެން ޔަގީން ކުރާށެވެ. ނޯޔާގެ އަތުގައި އޮތީ ރޭގައި އަސްލަން އޮފީހުގެ ރަސްމިއްޔާތަށް ދާން ލައިގެން ހުރި ހުދު ގަމީހެވެ. އޭނާ ހުދު ގަމީހެއް ދެފަހަރަކު ނުލާނެ އެވެ. ހަޑިވާލެއް އަވަސްވީމަ އެވެ. ހުދު އެއްޗެހި އެޅުމަށް ވަކިން ވަށިގަނޑެއް ކޮޓަރީގައި ހުންނާނެ އެވެ. އެހެން ހެދުންތަކަށްވުރެ ކުރީން އަވަހަށް ދޮންނަ އެއްޗެހި ކަމުގައި އެ ހެދުންތައް ވެއެވެ. ގަމީހުގެ ގިރުވާނުގެ ވައަތްފަރާތުން ފެންނަން ހުރީ ފައުންޑޭޝަން ނުވަތަ ފުށުގެ ކުލައާއެކު ފޭދިފައިވާ މަޑު ލިފްސްޓިކެއްގެ ނިޝާނެވެ. އަސްލަންއަކީ އެފަދަ އެއްޗެހި ޒީނަތްތެރިވުމަށް ހަމުގައި އުނގުޅާ މީހެއް ނޫނެވެ. "މޮއިސްޗަރައިޒިން ކްރީމެއް" ފިޔަވާ ރީތިވާ މޭޒުމަތިން އެފަދަ އެއްޗެއް ނުހުރެއެވެ. ފިރެހެނަކު ލިފްސްޓިކެއް ވެސް ބޭނުމެއްނުކުރާނެތާއެވެ. ޔަގީނުން ވެސް އެއީ އަންހެނެއް ކައިރިވިކަމުގެ ނިޝާނެވެ. އެކަމަކު ކާކުބާއެވެ. އަސްލަންގެ ކަރުދޮށާ އެހާ ކައިރިވީ ކާކުބާއެވެ. ނޯޔާގެ ހިތުގެ ތެޅުން ބާރުވެލިއެވެ. ކުރިން އުފެދުނު ސުވާލުތަކުގެ ބޮޅަށް އިތުރުވާންފެށިއެވެ.
"އަންހެނަކު އެހާ ކައިރިނުވެ އެހިސާބުގައި އެފަދަ ނިޝާނެއް ނުހުންނާނެ... އެހިސާބަށް ކައިރިވަންދެން ފުރުސަތުދީގެން އަސްލަން ހުރީތަ؟... ކީކޭ ހިތަށް މިއަރަނީ، ނޫން!، އަސްލަން ނުވާނެ ކައިރިއެއް، އަހަރެން އިތުބާރުކުރަން... އެކަހަލަ ނުބައިކަމެއް އޭނާ ނުކުރާނެ." ހިތް ބޮއްސުންލާން އުޅުމުން ނޯޔާގެ ޟަމީރު ނަފްސުގެ މައްޗަށް އިސްވިއެވެ. ކުށްހީތަކެއްކަން ވިސްނައިދޭން ޟަމީރު މަސައްކަތް ފެށިއެވެ. އެހެންވިޔަސް ޟަމީރަށް ކުރިއެއް ނުލިބުނެވެ. ނޯޔާގެ ހިތް ބިރުގަނެއްޖެއެވެ. ނޭނގި ސިއްރުވެފައި ކަމެއް އޮވެދަނޭ އުފެދުނު ސުވާލު ބޮޑުއަކުރުން ފެވެންފެށީއެވެ. ރިދާނާމެދު އަސްލަން ސުވާލު އުފެއްދުމާއި ލޫނާއާ ގުޅުވައި ރިދާން ދައްކަން އުޅުނު ވާހަކަތަކުން ނޯޔާގެ ހިތުގެ ސާފުކަން ކިލަނބު ކުރުވީ އަސްލަންދެކެ އޭނާއަށް ލޯބިވެވުނީމައެވެ.
ހިޔާލުތަކަށް ގެއްލި ހުރެ ގަމީސްތައް އެއްފަރާތުގައި ބަހައްޓާފައި ވަށިގަނޑުން ފަޓުލޫނުތައް ނޯޔާ ނެގިއެވެ. ފަހަރަކު ފަޓުލޫނެއްގެ ޖީބުތައް ނޯޔާ ބެލިއެވެ. އަސްލަންއަކީ ޖީބަށް އެއްޗެހި އަޅާ މީހަކަށް ނުވިޔަސް ދޮވުމުގެ ކުރީން ބެލުމަކީ ނޯޔާ އާދަވެފައި ހުރި ގޮތެވެ. އެތަނުން ފަޓުލޫނެއްގެ ޖީބަށް އަތްލުމާއެކު ނޯޔާގެ އިނގިއްޔަށް ކަށި ޖެހިއެވެ. ސިއްސައިގެން ގޮސް އަތް ދަމައިގަނެވުނީ އެހެންވެއެވެ. އަވަހަށް އަތްތިލައަށް ބަލާލެވުނީ ލޭ އާދޭތޯއެވެ. ނަސީބަކުން ލޭ ފާޅުވާ ވަރެއް ނުވިއެވެ. އޭނާ އެތެރެފަރާތުން ބޭރަށް ޖީބު ހުސްކޮށްލީ ތަޅުންގަނޑާ ދިމާކޮށެވެ. ވެއްޓި ތަޅުމުގައި ޖެހުނީ ރަންކުލައިގެ ބްރޫޗެކެވެ. ބުރުގާގައި ރީއްޗަކަށް ހަރުކުރާ ފަދަ ރަންކުލައިގެ ފިނިފެންމަލެއްހެން އިން ދައްޗެކެވެ. ގުދުވެފައި ނޯޔާ އެ ނެގިއެވެ. އަދި އަވަހަށް އެއީ އަސްލަންގެ ކޮން ފަޓުލޫނެއްތޯ ބަލާލިއެވެ. އެވީ ރޭގައި ރަސްމިއްޔާތަށް ލައިގެން ދިޔަ ފަޓުލޫނަށެވެ.
"ވަޓް..." ނޯޔާއަށް ބުނެލެވުނެވެ. ޖުމްލަ ފުރިހަމަ ކުރާނޭ ގޮތެއް ވެސް އޭނާގެ ސިކުނޑިއަށް ނައެވެ.
"ޕްލީޒް ޑޯންޓް..." ކާކުކަން ނޭނގޭ އަންހެނަކީ ލޫނާއަށް ވެދާނޭ ސިކުނޑި ބުނި ހިނދު ނޯޔާގެ ދުލުން ބަސްތައް ބޭރުވީ ބޭއިޚްތިޔާރުގައެވެ. އެ ބުރުގާ ދަތި ނޯޔާ އަނބުރާ ނުބޭއްވިއެވެ. އޭނާ ގަސްދުކުރީ އޭނާގެ އަތުގައި އެ ބާއްވާށެވެ. އަސްލަން އެކަމާ ސުވާލުކޮށްފިނަމަ އެއީ ކާކުގެ އެއްޗެއްތޯ ނޯޔާ ވެސް ސުވާލު ކުރާށެވެ. އަސްލަންގެ އަތުގައި އެ އޮންނަން ޖެހުނު ގޮތެއް ނޯޔާއަށް އެނގެން ޖެހެއެވެ. ހުއްޓުން އަރާފައި ހުރި ނޯޔާގެ ސަމާލުކަން އަތުލީ އަނުމްއެވެ. އެކުއްޖާ ރޮއެގަތް އަޑެވެ. މަލްސާގެ ގާތުގައި ކޮއްކޮ ބަލަން ބުނެފައި އޭނާ އަސްލަންގެ ކޮޓަރިއަށް އައީ ދޮންނަން ހުރި ހެދުންތައް ބަލައެވެ. ހެދުންތައް ހުރި ގޮތަށް ބަހައްޓާފައި މުށުތެރޭގައި އޮތް ދަތި ހިފައިގެން ނޯޔާ ކޮޓަރިން ނުކުތެވެ. ހަލުވިކޮށް އައިސް އޭނާގެ ކޮޓަރިއަށް ވަދެ އަލަމާރީގައި ފައްޖަހާފައި ހުރި ހެދުންތަކެއްގެ ތެރެއަށް އެ ބުރޫޗު ކޮށްޕާލިއެވެ. އަނުމްގެ ގާތަށް އޭނާ އައީ ދެނެވެ.
* * * * *
މާބޮނޑި އެއްފަރާތް ކޮށްލަމުން އަރީން ވާހަކަ ދެއްކިއެވެ. މައުޟޫޢު ބަދަލުނުކުރައްޗޭ ފުރަތަމަ ވެސް އޭނާ ބުންޏެވެ. ދެން ފެށީ ކައިވެނީގެ ވާހަކައެވެ.
"މިދުހަތު ބުނޭ، ކުދީން ބަލާކަށް ނުޖައްސުވާނަން، އެމީހުންގެ ބައްޕަ ކައިރީގަ ތިބޭނީ... އަހަރެން ހަމައެކަނި މިދުހަތުގެ ގާތުގައި ހުންނާނީ، މިދުހަތު ބުނާ ތަނެއްގައި އުޅޭން އަހަރެން ތައްޔާރު، މިހާރު އަހަރެމެންނަކީ ޓީނޭޖާސްއެއްނޫން، އޭރުގަ އުޅުންހެން މިނިވަންކަމާއެކު އުޅެވާކަށް ނޯންނާނެ... ސީރިއަސް ޖަވާބެއް ދީބަލަ."
"މެރީކުރަން ވިސްނަން، އެކަމަކު އެހާ އަވަސްއަރުވާލާފައެއް ނޫން... އިނދެގެން މިކޮޅުގައި ހުންނާނީ ކިހިނެއް؟، މަންމަމެން ވެސް ހިޔެއްނުވޭ ރީން ބަލައިގަނެދާނެހެން، އަސްލަންއަށް އެނގިއްޖެއްޔާ ކަންތައް ގޯސްވީ، ތިގޭގަ އަދިއަމުދުން ނޫޅެވޭނެ، ރީންގެ މަންމައަށްވުރެ އަސްލަންގެ ކަންތައް ބޮޑުވާނެ."
"ދޮންބެ ވެސް އެހެންމީހަކާ މެރީކޮށްގެން އުޅެނީ، ކުރީން ގޮތެއްނޫން.... މައިރާ މަރުވިފަހުން ވަރަށް ޗޭންޖޭ އަހަރެން ބުނީމެންނު، ހިޔެއްނުވޭ މިހާރު ދޮންބެ ބެހޭނެހެން، އަހަރެން ބޭނުންވާ މީހަކާ އިނދެގެން އުޅުމަކީ އަހަރެންނަށް ލިބެންޖެހޭ ހައްޤެއް، އެކަމާ މަންމައާއި ދޮންބެއަކަށް ނުބެހެވޭނެ." އަރީން ބުންޏެވެ.
"މާލެއައިފަހުން ހަ މަސްވާން އުޅެނީ، މަގެގެއްގެ މައްޗަކުން ވެސް އަސްލަން ނުދެކެން، އަހަރެން ހިތަށް އަރާ ފެނިއްޖެއްޔާ އޭނާ އަހަންނާ ވާހަކަދައްކާނެބާއޭ." މިދުހަތުގެ ތުންފަތަށް ވެރިވި ހިނިތުންވުމަކީ މާޒީގެ ތެރެއިން އާވި ހަނދާނުގެ ރަމްޒެކެވެ.
އޭނާއާއި އަސްލަންއަކީ މީހުން އެބުނާފަދަ "ބެސްޓްފްރެންޑް"އޭ ކިޔާ ދަރަޖައިގަ ރަޙުމަތްތެރިކަން އޮތް ދެ މީހުންނެވެ. އެކަމަކު އެއީ އިރެއްގައެވެ. ފުރާވަރު ފެށުނީ ވެސް އެކުވެރީންގެ ގޮތުގައި ތިއްބައެވެ. މަޑުމަޑުން ހުއްޓަސް އަސްލަންއަކީ ލާނެތް މިޒާޖެއްގެ އެކުވެރިއެއްކަން މިދުހަތަށް ފާހަގަވީ އޭރުއެވެ. ނަމަވެސް ޒަމާންވީ އެކުވެރިކަން ނިމިގެންދިޔައީ ނަފުރަތުންނެވެ. އަރީންއާ މިދުހަތު ގުޅުނު ހިސާބުންނެވެ. އެއީ ހުތުރުކޮށް ހިނގައިދިޔަ ކަމެއްކަން މިދުހަތު ވެސް ޤަބޫލުކުރެއެވެ. ފަހަރެއްގައި އެކުވެރިޔާއަށް ލަނޑެއް ދިނުމުގެ ގަސްދުގައެއްނޫނެވެ. (ނުނިމޭ)