ލޯކަލް ކައުންސިލްތަކުގެ އިންތިހާބު

އަންގްސަނާގައި ވޯޓު ފޮށި ބަހައްޓަން ފުރުސަތެއް ނުދިން

ލޯކަލް ކައުންސިލް އިންތިހާބްގައި ވޯޓު ފޮށި ބަހައްޓަން ނިންމާފައި އޮތް ރިސޯޓަކަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ އޮފިޝަލުން އަރުވަން ހުއްދު ނުދިނުމުން އެ ރިސޯޓްގެ މުވައްޒަފުންނަށް ކައިރި ރަށްރަށުން ވޯޓު ލެވޭނެ އިންތިޒާމު ހަމަޖައްސައިފި އެވެ.

އީސީގެ ރައީސް އަހްމަދު ޝަރީފް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދ. އަތޮޅުގައި ހިންގާ
ރިސޯޓަށް އިލެކްޝަންސް ކޮމިޝަންގެ އޮފިޝަލުން އެރުމުގެ ހުއްދަ ނުދިން ކަަމަށެެވެ. އެހެންނަމަވެސް އެރަށުގައި ވޯޓު ލުމަށް 61 މީހުން ރަޖިސްޓްރީ ކޮށްފައި އޮތުމާއެކު ރިސޯޓުގެ މުވައްޒަފުންނަށް ދ. މީދޫގައި ވޯޓް ލެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ޝަރީފް ވިދާޅުވީ އަންގްސާނާ ރިސޯޓަށް އީސީގެ އޮފިޝަލުން އަރުވަން ރިސޯޓުން ދެކޮޅު ހެދީ އެޗްޕީއޭގެ އުސޫލުތަކަށް ކަންކަން ކުރަން ދަތިވާ ކަމުގެ ޝަކުވާކުރުމަށްފަހު ކަމަށެވެ.

އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އިސްމާއިލް ހަބީބް ވިދާޅުވީ ހުއްދަ ނުދިނަސް އިލެކްޝަންސް ކޮމިޝަނުން ވޯޓު ފޮށި ބަހައްޓަން ހަމަޖައްސާ ކޮންމެ ރަށެއްގައި ވޯޓު ފޮށި ބެހެއްޓޭނެކަމަށް އިންތިހާބާ ބެހޭ އާންމު ގާނޫނާއި ގަވައިދުގައި ބުނެފައިވާ ކަމަށެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިހާބު ހޮނިހިރު ދުވަހު ކުރިއަށް ދާނެ އެވެ. ވޯޓުލުން ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވަނީ ހެނދުނު 7:00 އިން ހަވީރު 5:00 އަށެވެ. ކޮވިޑަށް ޕޮޒިޓިވް މީހުން ވޯޓުލުމަށް ހަމަޖައްސާފައިވަނީ ހަވީރު 5:00 ގެ ފަހުންނެވެ.

ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން ރާއްޖެއިން ބޭރަށާއި އަތޮޅުތަކަށް ފޮނުވަންޖެހޭ ވޯޓު ފޮށިތަކާއި އޮފިޝަލުން މިހާރު ވަނީ ފޮނުވާފަ އެވެ.

ކޮވިޑް 19 އާއި ގުޅިގެން ބައެއް ކަންކަމުގައި ދަތިތަކެއް ހުރި ނަމަވެސް ޖުމްލަ ގޮތެއްގައި އިންތިހާބަށް ތައްޔާރުވެފައިވާ ކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން މިއަދު ވަނީ ބުނެފަ އެވެ.