އެފްއޭއެމް އަދި ރެފްރީންގެ ނިންމުންތައް ވެލެންސިއާ ކޮޅަށް ބުރަ ވާނެ ކަމަށް ގަބޫލު ނުކުރާ ކަމަށް އެ ޓީމުގެ ކޯޗް މުހައްމަދު އާތިފް (އާތީ) ރައްދު ދީފި އެވެ.
ވެލެންސިއާ އަތުން ބަލިވި މެޗަށް ފަހު، ގުރީން ސްޓްރީޓްގެ ކޯޗް އަލީ ނިސްތާރު މުހައްމަދު ބުނެފައި ވަނީ ވެލެންސިއާ އާ ދެކޮޅަށް ކުޅޭ އިރު ރެފްރީންގެ ގޯސް ނިންމުމަކުން އަބަދުވެސް ވެލެންސިއާ ފައިދާ ކުރާ ކަމަށެވެ.
"ހަމަ ވެލެންސިއާ ކުޅެންޏާ އަބަދު މިހެންވޭ." ރެފްރީގެ ގޯސް ނިންމުމަކުން ވެލެންސިއާ ލަނޑު ޖެހިކަން ފާހަގަ ކުރަމުން ނިޝްތާރު ބުނެފައި ވެއެވެ.
އެކަން ފާހަގަ ކޮށް، މާދަމާ ސުޕަ ޔުނައިޓެޑް ސްޕޯޓްސް އާ ދެކޮޅަށް ކުޅޭ މެޗުގެ ޕްރީ މެޗު ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުން އާތީ ބުނީ، ރެފްރީންގެ ނިންމުންތައް ވަކި ކޮޅަކަށް ބުރަ ނުވާނެ ކަމަށެވެ.
އޭނާ ބުނީ، އެފްއޭއެމުން ހިންގަން ތިބެނީ ކޮންމެވެސް ކުލަބަކަށް ނިސްބަތްވާ ބަޔަކު ކަމަށާއި އޭނާ ކުޅުނު އިރުވެސް އެފްއޭއެމް އާ ގުޅުވައި ވަކި ކުލަބުތަކާ ބެހޭގޮތުން ޒުވާން ކޯޗުންނާއި ކުޅުންތެރިން އޭރުވެސް ވާހަކަ ދައްކާ ކަމަށެވެ.
"މިއަދުވެސް ޔަންގު ކޯޗުން އަދި ޕްލޭޔަރުން އެ ވާހަކަ އެގޮތަށް ދައްކާނެ ކަންނޭންގެ، މީގެ ތެރޭގައި ގިނަ ދުވަސް ވާވަރަކަށް ކަންނޭންގެ މީތި ގެޓް ވާނީ [އޮޅުންފިލާނީ]،" ނިސްތާރުގެ ވާހަކައަށް އަމާޒުކޮށް އާތީ ވާހަކަ ދެއްކި އެވެ. "އެއީ އަބަދުވެސް ކޮންމެވެސް ކުލަބަކަށް ނިސްބަތްވާ ބަޔަކު ކަންނޭންގެ އެފްއޭއެމު ލީޑް ކުރަނީ، އެ ނޫން ދުވަހެއް ނާންނާނެ."
އެފްއޭއެމްގެ މިހާރުގެ ރައީސް ބައްސާމް އަދީލް ޖަލީލް އަކީ، ކުރިން ކުލަބު ވެލެންސިއާ ހިންގެވުމުގައި އިސްކޮށް އުޅުއްވި ބޭފުޅެކެވެ. އަދި ރާއްޖެއިން ބޭރަށް ކިޔަވާ ވިދާޅުވާން ވަޑައިގެންނެވުމުގެ ކުރިން އޭނާ ވަނީ ވެލެންސިއާގެ ޓީމަށް ކުޅުއްވާފަ އެވެ.
އާތިފް ބުނީ، ވަކި މީހަކު ދެކޭ ގޮތެއް އޭނާ ނުވަތަ އެހެން މީހަކު ވާހަކަ ދައްކައިގެން ބަދަލު ނުވާނެ ކަމަށެވެ. އަދި އެ ކޯޗަކު ދެއްކި ވާހަކަ އަކާ ވިއްދާފައި އެއްޗެއް ބުނުމުގެ މާނައެއް ނެތް ކަމަށް އޭނާ ބުންޏެވެ.
ދިވެހި ޕްރިމިއާ ލީގްގައި، މާދަމާ ވެލެންސިއާ ނުކުންނާނީ ސުޕަ ޔުނައިޓެޑް ސްޕޯޓްސް އާ ދެކޮޅަށެވެ. ވެލެންސިއާގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) އަކީ ސަސް އާ ގާތް ގުޅުމެއް އޮންނަ ކުޅުންތެރިޔެކެވެ. ސަސްގެ ޕްރަމޯޝަނަލް އިވެންޓްތަކުގައި މިހާރުވެސް އަޝްފާގް ބައިވެރިވެ އެވެ.
"ކޮންޓްރެކްޓްގައި ސޮއި ކުރާ ހިސާބުން އެ ކުޅުންތެރިޔަކު ވާނީ ވެލެންސިއާގެ ކުޅުންތެރިޔަކަށް،" އާތީ ބުންޏެވެ. "އަޅުގަނޑުގެ ކެޕްޓަނަށް އަޅުގަނޑަށް 100 ޕަސަންޓް އިތުބާރު އެބައޮތް."