މީރާ

މިދިޔަ މަހު ބަލައިގަތީ 1.33 ބިލިއަން ރުފިޔާ

މިދިޔަ މަހު 1.33 ބިލިއަން ރުފިޔާ ބަލައިގެންފައިވާ ކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނެފި އެވެ.

މީރާއިން ބުނީ މި އަދަދަކީ މި އަހަރުގެ މި މުއްދަތުގައި ލިބޭނެކަމަށް އަންދާޒާކުރި އަދަދަށްވުރެ 28.4 ޕަސެންޓް އިތުރު އަދަދެއް ކަމަށެވެ. އަދި މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށް ވުރެ 19.2 ޕަސެންޓް އިތުރު އަދަދެކެވެ.

މާޗް 2021 ގައި ލިބޭނެކަމަށް އަންދާޒާކުރި އަދަދަށްވުރެ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ، މާޗް 2020 އާއި އަޅާ ބަލާއިރު ޓޫރިޒަމް ލޭންޑް ރެންޓާއި ޓީޖީއެސްޓީގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރު ވެފައިވުމެވެ.

މާޗް 2021 ގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީއެވެ. އެއީ 51 ޕަސެންޓް ނުވަތަ 676.90 މިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޓޫރިޒަމް ލޭންޑް ރެންޓުންނެވެ. އެއީ 25.3 ޕަސެންޓް ނުވަތަ 335.39 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން، ގްރީން ޓެކްސްގެ ގޮތުގައި 69.96 މިލިއަން ރުފިޔާ 69.96 މިލިއަން ރުފިޔާ އާއި އާމްދަނީން ނަގާ ޓެކުހުގެ ގޮތުގައި 69.91 މިލިއަން ރުފިޔާ އާއި އެއާޕޯޓް ޑިވެލޮޕްމަންޓް ފީ ގެ ގޮތުގައި 32.41 މިލިއަން ރުފިޔާގެ އިތުރުން އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ 142.99 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.

މާޗް 2021 ގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 63.73 މިލިއަން އެމެރިކާ ޑޮލަރު ހިމެނޭ ކަމަށްވެސް މީރާއިން ބުނެއެވެ.