ރާއްޖޭގެ ކަރަންޓުގެ ހިދުމަތުގެ 72 އަހަރުގެ މާޒީގައި މި ސަރުކާރު އައުމުގެ ކުރިން އަތޮޅުތެރޭގައި ގާއިމުކޮށްފައި ވަނީ 153 މެގަވޮޓާއި ހަމަޔަށް ކަރަންޓު އުފެއްދުމުގެ ގާބިލުކަން ނަމަވެސް މިދިޔަ ދެ އަހަރުތެރޭގައި މާލެ ސަރަހައްދުން ބޭރުގައި 180 މެގަވޮޓް ކަރަންޓު އިތުރަށް އުފެއްދުމުގެ ގާބިލުކަން އިތުރުކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މިރޭ އއ. ރަސްދޫގައި ބޭއްވެވި "ރަށްވެހި ފަތިސް" ކެމްޕޭން ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވަނީ ރާއްޖެއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލު ކުރުމަށް މި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ވަރަށް ތަފްސީލުކޮށް އަލިއަޅުއްވާލައްވާ ވާހަކަފުޅު ދައްކަވައެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި އަލަށް ގެނައި 176 ޖަނަރޭޓަރުގެ އެހީ އާއި އަލަށް ވަޅުވި 402,303 މީޓަރުގެ ކޭބަލް ގެ އެހީ އާއި ޒަމާނީ ފެންވަރަށް ތަރައްގީ ކުރަމުންދާ އިންޖީނުގެތަކުގެ އެހީ އަދި އިއާދަކުރަނިވި ހަކަތައިން ކަރަންޓު އުފެއްދުމުގެ ތެރެއިން ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް 24 ގަޑިއިރު ކަރަންޓު ލިބޭނެކަން ކަށަވަރު ކުރެވިފައިވާ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އެގްރޯ ނޭޝަނަލް ކޯޕަރޭޝަނުން ކޮންޓްރެކްޓް ފާމިންގެ މަސައްކަތަށް 487 ދަނޑުވެރިއަކާއެކު ސޮއިކޮށްފައިވާ ކަމަށާއި ޖުމްލަ 12 އަތޮޅެއްގެ 35 ރަށެއްގެ ދަނޑުވެރިން މި މަސައްކަތުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
މަސްވެރިކަމުގެ ދާއިރާއަށް ބައްލަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކަރަންޓާއި އެއްފަދައިން މިއިން ޒަމާނަކު ނެތް ވަރަށް އައިސްޕްލާންޓް އަދި ކޯލްޑް ސްޓޯރޭޖްގެ ކެޕޭސިޓީ މި ސަރުކާރުގައި އިތުރު ކުރުމުގެ މަސައްކަތް ކުރިޔަށްދާ ކަމަށެވެ. އަދި މި ލަނޑުދަނޑި ހާސިލުވެ ނިމޭއިރު އިތުރު 525 ޓަނުގެ އައިސް އުފެއްދޭ އައިސް ޕްލާންޓް 20 ރަށެއްގައި އަލަށް ގާއިމުކުރެވޭނެ ކަމަށާއި އިތުރު 9,700 ޓަނުގެ ކޯލްޑް ސްޓޯރޭޖް އަލަށް ގާއިމުވެ ނިމޭނެކަން އެމަނިކުފާނު ވަނީ ހާމަކުރައްވާފައެވެ.