ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

އަތޮޅުތެރޭގެ ބޯހިޔާވަހިކަމަށް 1.5 ބިލިޔަން ރުފިޔާ

އަތޮޅުތެރޭގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް އަންނަ 2022 ވަނަ އަހަރު 1.5 ބިލިއަން ރުފިޔާ ބަޖެޓް ކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރޭ އއ. ރަސްދޫގައި ބޭއްވެވި "ރަށްވެހި ފަތިސް" ކެމްޕޭން ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ކޮންމެ ރައްޔިތަކަށްވެސް އެކަށީގެންވާ ބޯހިޔާވަހިކަމެއް ލިބުމުގެ މުހިންމު ކަމުގެ މައްޗަށް ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އަތޮޅުތަކުގެ ރައްޔިތުންނަށް ބޯހިޔާވަހިކަމުގެ ފުރުސަތުތައް އިތުރުކުރުމަށް ލުއިލޯނު ސްކީމެއް ތައާރަފު ކޮށްދެއްވާނެ ކަމަށެވެ. މީގެ އެންމެ ބޮޑު ބޭނުމަކީ ފައިސާގެ ދަތިކަމާހުރެ މަސައްކަތްކުރިޔަށް ނުގެންދެވި ނުވަތަ ހަލުވި މިނެއްގައި މަސައްކަތް ކުރިޔަށްނުގެންދެވި ތިބި އަތޮޅުތަކުގެ ރައްޔިތުންނަށް ލުއި މަގެއް ހޯދައިދިނުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ އަތޮޅުތަކެކޭ އެއްފަދައިން މާލޭ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މައްސަލަތައް ހައްލުކުރުމަށްވެސް ގިނަ މަަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވެފައެވެ. އެގޮތުން މިހާރުވެސް މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމަށް ލުއި ހޯދައިދިނުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކުގެ ދަށުން މިއަހަރުވެސް 5000 ހައުސިން ޔުނިޓެއް އެޅުމުގެ މަސައްކަތް އެކި މަރުހަލާތަކުގައި ވާ ކަމަށް ވިދާޅުވިއެވެ. އަދި އަމާޒަކީ އެ އަދަދު 13000 އަށް އިތުރު ކުރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ސަރުކާރުން އެންމެ އިސްކަމެއްދޭ ސިޔާސަތުކަމުގައިވާ ރާއްޖެ ލާމަރުކަޒުކޮށް ހިންގުމުގެ ސިޔާސަތު ފުރިހަމައަށް ތަންފީޒުކުރުމަށްވެސް މާލެ ސަރަޙައްދުގެ ބޯހިޔާވަހިކަމުގެ މައްސަލަތަކަށް ހައްލެއް ގެންނަންޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.