ލައިފްސްޓައިލް

ނޭފަތު މުންޖަކާ ހެދި ލިވާ ފެއިލްވެ ފުރާނަ ނުދިޔައީ ކިރިޔާ

Apr 9, 2021

ޑާނާ ސްމިތު، 37، އަކީ އެމެރިކާގެ ކުއީންސްގައި ދިރިއުޅޭ މީހެކެވެ. ދާދިފަހުން އޭނާ ބާޒާރުކުރަން ގޮސް އުޅުމުގެ ތެރޭގައި ނޭފަތް ތޮރުފާހިތް ވެގެން ނޭފަތް ތޮރުފާފައި ނޭފަތުގައި މުންޖެއް ލިޔެވެ. ނަމަވެސް ހިތްހަމަޖައްސާލަން އޭނާ މި ކުރި ކަންތަކުގެ ސަބަބުން ލިވާ ފެއިލްވެ ފުރާނައަށް ނުރައްކާ ވެދާނެ ކަމަކަށް ޑާނާ އެ ވަގުތު އެއްގޮތަކަށް ވެސް ހިޔެއް ނުކުރެ އެވެ.

ޑާނާ ނޭފަތް ތޮރުފިތާ ދުވަސްކޮޅެއް ނުވަނީސް ބަލިވާން ފެށި އެވެ. އަމިއްލައަށް ވެސް އޭނާއަށް ކޮންމެވެސް ބައްޔެއް އުޅޭކަމުގެ އިހްސާސް ކުރެވެން ފެށި އެވެ. ޑާނާއަކީ ވަރަށް ބިޒީކޮށް އުޅޭ މީހެކެވެ. އަދި ޓީންއޭޖް ކުއްޖެއްގެ މަންމައެކެވެ. ވީމާ އޭނާ ހީކުރީ މާ ބުރަކޮށް އުޅޭތީ ވައިގެ އުނދަގޫތަކެއް ދިމާވަނީ ކަމަށެވެ. އަދި ކްރިސްމަސް އަންނާތީ އެކަމަށް ތައްޔާރުވާތީ މާ ބޮޑަށް ސްޓްރެސް ވެގެން ދިމާވާ މައްސަލައެއް ކަމަށް ވެސް ޑާނާ ހީކުރި އެވެ.

ނަމަވެސް އޭގެ ދެ ހަފުތާއެއް ފަހުން އޭނާއަށް ކާ އެއްޗެތި ކާން އުނދަގޫވި އެވެ. އަދި ފެންފޮދެއް ވެސް ބުއިމަކީ ބޮޑު ތަކުލީފަކަށް ވިއެވެ.

"ފެން ފޮދެއް ބޯލިޔަސް ހޮޑު ލެވެނީ. އެއްވެސް އެއްޗެއް އެތެރެއަށް ދާ ގޮތެއް ނުވޭ. ހޮޑު ލެވެން ގޮސް ލޭ ލެވެން ފެށީމަ ބިރުގަތީ،" ޑާނާ ބުންޏެވެ.

އެންމެ ފަހުން ކެތް ނުވެގެން ޑާނާ އޭނާގެ ދައްތަ އަށް ގުޅާފައި އޭނާއާއެކު ހޮސްޕިޓަލަށް ގޮސްދޭން އެދުނެވެ. އެންމެ ފަހުން މިދިޔަ ޖެނުއަރި މަހުގެ 12 ވަނަ ދުވަހު ޑާނާ ވަނީ އޭނާ ދިރިއުޅޭ ހިސާބުގައި ހުރި މެޑިކަލް ސެންޓަރަކަށް ގޮސް ޑޮކްޓަރަށް ދައްކާފަ އެވެ. އޭރު ހާލު ދެރަވެގެން ގޮސް ޑާނާ އަށް ވާނުވާ ވެސް ނޭނގެ އެވެ.

އޭނާ ހަނދާން ހުރީ ހޮސްޕިޓަލުގައި ބާއްވައިގެން އަލްޓްރާސައުންޑެއް ހަދަން އުޅުނު ކަމެވެ. އޭގެ ފަހުން ހޭ ނެތުނު ގޮތަށް ދެން ހޭލެވުމުން ޑޮކްޓަރުން ބުނީ އޭނާގެ ލިވާ ޓްރާންސްޕްލާންޓެއް ހަދާފައިވާ ކަމަށެވެ. ޑާނާގެ ފުރާނަ ސަލާމަތްވީ ލިވާ ބަދަލު ކުރެވުނު ކަމުންނެވެ.

ޑާނާ ހޮސްޕިޓަލަށް ގެންގޮސް ފުރަތަމަ ހެދި ޓެސްޓުތަކުން ވެސް އޭނާއަށް ހެޕަޓައިޓިސް ބީގެ ވައްތަރެއް ޖެހިފައިވާކަން ޔަގީން ކުރެވުނެވެ. މިއީ ވަރަށް މަދުން ނޫނި މީހުންނަށް ޖެހޭ ބައްޔެއް ނޫނެވެ. މި ބަލި ޖެހޭ މީހުންގެ ލިވާ ވަގުތުން ފޭލިވެ އެވެ.

ޑާނާ އަށް ހެޕަޓައިޓިސް ބީ ޖެހުމުގެ ސަބަބުން އޭނާގެ ސިކުނޑި ވަރަށް ބޮޑަށް ދުޅަވެ ފިޓް ޖެހެން ފެށީ އެވެ. އެހެންވެ އޭނާ ހޭނައްތާފައި ބާއްވަން ނުވަތަ މެޑިކަލީ އިންޑިއުސްޑް ކޯމާއެއްގައި ބާއްވަން ޑޮކްޓަރުންނަށް ޖެހުނީ އެވެ.

ޓްރާންސްޕްލާންޓް ކުރަން ބޭނުންވާ ލިސްޓުގައި ޑާނާގެ ނަން ވެސް ޖެހި އެވެ. ނަސީބަކުން އެންމެ 48 ގަޑިއިރު ތެރޭގައި އޭނާއާ މެޗުވާ ޑޯނަރެއް ލިބުނެވެ. އަދި ޖެނުއަރީ 17 ވަނަ ދުވަހު އޭނާގެ ޓްރާންސްޕްލާންޓް ހެދީ އެވެ. ވަރަށް ބޮޑަށް ރަނގަޅުވެ ޖެނުއަރީ 26 ގައި ޑާނާ ވަނީ ހޮސްޕިޓަލުން ދޫކޮށްލާފަ އެވެ.

ވަރަށް ދުޅަހެޔޮ ސިއްހަތެއްގައި ހުރި ޒުވާން އަންހެނަކަށް ކުއްލިއަކަށް މި ޖެހުނު ގޮތް ނޭނގޭ ބަލީގެ ހަގީގަތް ޑޮކްޓަރުންނަށް ހޯދުނީ ޑާނާގެ ނަސީބު ގަދަކަމުންނޭ ބުންޏަސް ރަނގަޅުވާނެ އެވެ.

ޑާނާ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި އޭނާގެ މޫނުގައިވާ މާސްކް ނެގުމާއެކު އޭނާއަށް ފަރުވާ ދެމުންދިޔަ ޑޮކްޓަރުންގެ ލޮލުގައި އެންމެ ފުރަތަމައިނުން ވެސް އަޅައިގަތީ އޭނާގެ ނޭފަތުގައި ލާފައިވާ މުންޖެވެ. ނޭފަތް ތޮރުފާފައި ހުރި ލޯވަޅުގައި އިންފެކްޝަނެއް އޭރު ހުއްޓެވެ. ޑާނާގެ ލިވާ އަށް އެ އިންފެކްޝަންގެ އަސަރުކޮށްގެން ހެޕަޓައިޓިސް ބީ ޖެހި އޭނާގެ ހާލު އެހާ ދެރަވާން މެދުވެރިވީ އެވެ.

ޑާނާއަށް ހެޕަޓައިޓީސް ބީ ޖެހުނީ އެނޫން އެހެން އެއްވެސް ސަބަބަކާ ހުރެތޯ ޑޮކްޓަރުން ޗެކްކުރި އެވެ. ނަމަވެސް ނޭފަތް ތޮރުފާފައި ހުރި ތަނުގައި ހުރި އިންފެކްޝަން ފިޔަވައި އެހެން އެއްވެސް އިތުރު ބައްޔެއް ޑާނާގެ ގައިގައި ހުރި ކަމަކަށް ނުވި އެވެ.

ޑާނާއަށް ފަރުވާ ކުރުމުގައި އިސްކޮށް ހުންނެވި ޑޮކްޓަރު ޓެޕާމަން ވިދާޅުވީ ޑާނާގެ ހަޔާތަށް މިހާ ޔުނީކް ބަދަލެއް އަންނަން މެދުވެރިމިވީ ކުޑަކުޑަ ނޭފަތު މުންޖެއްގެ ސަބަބުންނެވެ. އޭނާއަށް ނޭފަތް ތޮރުފުނު ވަގުތަކީ ވެސް އިންފެކްޝަނެއް އަށަގަންނަން ވަރަށް ބަރާބަރު ދުވަސްވަރަކަށް ވުމީ ވެސް ޑާނާ އަށް މިހާ ބޮޑު ތަކުލީފަކާ ކުރިމަތިލާން ޖެހުނު އެއް ސަބަބެވެ. އަބަދު ނޭފަތްމަތީގައި މާސްކް އަޅައިގެން އުޅެން ޖެހިފައިވާއިރު ނޭފަތް ތޮރުފައިގެން އެ ހެދޭ ފާރުކޮޅަށް ދަލުގެ އަސަރުކޮށް ވަރަށް ފަސޭހައިން އިންފެކްޝަނަކަށް މަގުފަހި ވެދާނެތީ އެވެ.