ދުނިޔެ

އެމެރިކާގެ ދިފާއީ ވަޒީރު ލޮއިޑް އޮސްޓިން އެކުވެރި ގައުމުތަކަށް

އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ލޮއިޑް އޮސްޓިން އެކުވެރި ގައުމުތަކަށް ކުރައްވާ ދަތުރުފުޅެއްގައި މާދަމާ، ހޮނިހިުރ ދުވަހު ވޮޝިންގްޓަނުން ފުރާވަޑައިގަންނަވާނެ އެވެ. ވަޒީރުގެ މިދަތުރުފުޅުގައި އިޒްރޭލަށާއި ޖަރުމަނަށް އަދި ބެލްޖިއަމާށައި އިނިގިރޭސިވިލާތަށް ވަޑައިގަންނަވާނެ އެވެ.

ލޮއިޑް އިޒްރޭލަށް ވަޑައިގެން ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ ބައްދަލުކުރައްވާނެ އެވެ. އަދި ޑިފެންސް މިނިސްޓަރު ބެންޖަމިން ގަންޒްއާ ވެސް ބައްދަލުކުރައްވާނެ އެވެ. ދެބޭފުޅުންގެ މަޝްވަރާއަށް ހުރި މައުލޫތަކުގެ ތެރޭގައި އިސްރޭލަށް ސަޕޯޓްކުރުމުގައި އެމެރިކާ ދެމިއޮތުމާ ބެހޭ ގޮތުން މަޝްވަރާކުރެވޭނެ އެވެ. އަދި ސަރަހައްދު ބެލެހެއްޓުމުގައި އެމެރިކާގެ ދައުރާ މެދު ވެސް ވާހަކަދައްކަވާނެ އެވެ.

ޖަރުމަނަށް ވަޑައިގެން ފޮރިން މިނިސްޓްރީގެ އޮފިޝަލުންނާ ބައްދަލުކުރައްވާނެ އެވެ. އަދި ޗާންސެލަރީ ފޮރިން އެންޑް ސެކިޔުރިޓީ ޕޮލިސީ އެޑްވައިޒަރު ޑރ. ޖޭން ހެކާއާ ވެސް ބައްދަލުކުރައްވާނެ އެވެ.

އޮސްޓިން ޖަރުމަނަށް ކުރައްވާ ދަތުރުފުޅުގައި ޔޫއެސް ޔޫރަޕިއަން ކޮމާންޑަށާއި ޔޫއެސް އެފްރިކާ ކޮމާންޑް ހެޑްކުއާޓަރަށް ވަޑައިގެން އެމެރިކާ ސިފައިންނާ ބައްދަލުކުރައްވާނެ އެވެ. އަދި އެމެރިކާގެ ދިފާއީ ސިޔާސަތު ބައްޓަންކުރަމުން އަންނަ ގޮތް ސާފުކޮށްދެއްވާނެ އެވެ.

އޮސްޓިން ބެލްޖިއަމްއަށް ވަޑައިގެން ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް ޖެންސް ސްޓޯޓެންބާގްއާ ބައްދަލުކުރައްވާނެ އެވެ. އަދި ނޭޓޯއިން ރަޝިއާ އާއި ޗާއިނާއަ މުއާމަލާތްކުރާ ގޮތް އޮޅުންފިލުއްވާނެ އެވެ. ޗައިނާއާ ރަޝިއާއިން ކޮވިޑްގެ ހާލަތާ ކުރިމަތިލާ ގޮތާއި މޫސުމަށް އަންނަ ބަދަލުތަކާ މެދު ދެކޭ ގޮތް ވެސް އޮޅުންފިލުއްވާނެ އެވެ.

ޑިފެންސް ސެކްރެޓަރީ އެންމެ ފަހުން ވަޑައިގަންނަވާނީ އިނގިރޭސިވިލާތަށެވެ. ދަރުތުފުޅުގައި އިނގިރޭސި ސެކްރެޓަރީ އޮފް ސްޓޭޓް ފޮ ޑިފެންސް، ބެން ވެލަސްއާ ބައްދަލުކުރައްވާނެ އެވެ. ދެބޭފުޅުން މަޝްވަރާކުރައްވާނެ ކަމަށް ވަނީ ދެގައުމު ގުޅިގެން ދުނިޔޭގެ ހިމާޔަތުގައި ކުރެވެން ހުރި ކަންތައްކާ މެދު އެވެ.