ޕްރިންސް ފިލިޕް

ޝާހީ ޚިދުމަތުގައި ގަރުނެއް: ޕްރިންސް ފިލިޕްގެ ހަޔާތާއި އަވަހާރަވުން

ޕްރިންސް ފިލިޕް، އިނގިރޭސި ރާނީ އެލިޒަބަތުގެ ފިރިކަލުން، އުމުރުފުޅުން 99 އަހަރުގައި އަވަހާރަވެއްޖެ އެވެ.

ޕްރިންސް ފިލިޕްއަށް ފާއިތުވި ދެތިން އަހަރު ސިއްހީ ގިނަ މައްސަލަތަކެއް ކުރިމަތިވެ ވަޑައިގެންނެވި އެވެ. މިއަހަރު ފެބްރުއަރީ 16 ގައި ރައްކާތެރި ފިޔަވަޅެއް ގޮތުގައި ކިންގް އެޑްވާޑް ހޮސްޕިޓަލްގައި ފިލިޕް އެޑްމިޓްކުރެވުނެވެ. ރިޔާސީ ގަނޑުވަރު ބަކިންހަމް ޕްލަސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން ފިލިޕްގެ ހާލަތު މުޅިން ރަނގަޅެއް ނޫނެވެ. އެކަމަކު އެހާ ގޯހެއް ވެސް ނޫނެވެ.

އަމީރު ފިލިޕްއަށް މިއަހަރު ޖޫން 10 ގައި 100 އަހަރު ފުރިވަޑައިގަންނަވާނެ އެވެ. ރިޔާސީ އޮފިޝަލުން މީޑިއާއަށް ހާމަކުރެއްވި ގޮތުން ފިލިޕް އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްތަކެއް ވެއްޖެ އެވެ. އެހެން ނަމަވެސް ހޮސްޕިޓަލަށް ވަޑައިގަތީ އަމިއްލަފުޅަށް އެހީތެރިއަަކާ ނުލަ އެވެ.

ފިލިޕްގެ ހާލަތާ މެދު ސަމާލުވެ ތިބުމަށް ހޮސްޕިޓަލްގައި އެޑްމިޓްކުރެވުމުގެ ކުރިން ޖެނުއަރީގައި ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ވަނީ ދެއްވާފަ އެވެ.

ހަޔާތުގެ ކުރީކޮޅާއި ޝާހީ ކައިވެނި

ޕްރިންސް ފިލިޕް އުފަންވެ ވަޑައިގަތީ ޖޫން 10، 1921 ގައި ގްރީކުގެ ކޯފޫ އަށެވެ. ނަސަބުގެ ގޮތުން ނިސްބަތްވެ ވަޑައިގަންނަވަނީ ގްރީކު އަދި ޑެންމާކު ޝާހީ އާއިލާއަށެވެ. ތައުލީމް ހާސިލްކުރެއްވުމަށްޓަކައި ފްރާންސާއި އިނގިރޭސިވިލާތާއި ޖަރުމަނާއި ސްކޮޓްލޭންޑުން އުނގެނި ވަޑައިގެންނެވި އެވެ. އެއަށް ފަހު 1939 ގައި އިނގިރޭސި ޝާހީ ކަނޑުގެ ސިފައިންނާ ގުޅިވަޑައިގެންނެވި އެވެ.

ފިލިޕް އާއި އެލިޒަބަތަކީ އާއިލީ ގޮތުން ގާތް ދެބޭފުޅުންނެވެ. ކައިވެނި ބައްލަވައިގަތީ ނޮވެމްބަރު 20، 1947 ގަ އެވެ. ތިން ދަރިކަލުންނާއި ދަރިކަނބަލަކު ލިބިވަޑައިގަތެވެ. ދޮށީ ދަރިކަލުން ޕްރިންސް ޗާލްސް އުފަންވެ ވަޑައިގަތީ 1948 ގަ އެވެ. އަށް ކާފަދަރިން އަދި 10 މުނިކާފަ ދަރިން ލިބިވަޑައިތެވެ.

އަނބިކަނބަލުން އެލިޒަބަތު ތަހުތަށް

އެލިޒަބަތަށް އިނގިރޭސި ތަހުތު ލިބިވަޑައިގަތީ ބައްޕާފުޅު އަވަހާރަވުމާ ގުޅިގެންނެވެ. ބައްޕާފުޅު އަވަހާރަވިއިރު ފިލިޕް އާއި އެލިޒަބަތު ވަޑައިގެން އުޅުއްވީ ކެންޔާގައި ކޮމަންވެލްތު ދަތުރެއްގަ އެވެ. ބައްޕާފުޅު އަވަހާރަވި ޚަބަރު އެލިޒަމަތަށް އެނގިވަޑައިގަތީ ފިރިކަލުން ފިލިޕް ވިދާޅުވުމުންނެވެ. ވިދާޅުވީ ބައްޕާފުޅު އަވަހާރަވެއްޖެ ކަމަށާއި ކަމަނާ އަކީ މިހާރު އިނގިރޭސި ރާނީ ކަމަށެވެ.

ސިއްހީ އާލާސްކަންފުޅު ޖެހިވަޑައިގަތުން

ޕްރިންސް ފިލިޕް ޖޫން 2011 ގައި އިންޓަވިއުއެއް ދެއްވި އެވެ. ވިދާޅުވީ ޒިންމާތައް ދޫކޮށްލައްވަން ގަސްދުކުރައްވާ ކަމަށާއި އަވަދިނެތި އުޅުއްވޭ ވަރަށް ވުރެ އުމުރުފުޅުން ދުވަސްވެ ވަޑައިގެންފި ކަމަށެވެ. އޭގެ ހައެއްކަ މަސް ފަހުން މެއަށް ތަދެއް އަރާވަޑައިގެން ހޮސްޕިޓަލްގައި އެޑްމިޓްކުރެވުނެވެ.

ޖޫން 2012 ގައި ފިލިޕް އަނެއްކާ ވެސް ހޮސްޕިޓަލްގައި އެޑްމިޓްކުރެވުނެވެ. މިފަހަރު ދަށްބަނޑުގައި ނުކެނޑި ހުންނަ ތަދުފުޅެއްގެ ސަބަބުންނެވެ. ޑޮކްޓަރުން ވިދާޅުވީ ބްލެޑާގައި އިންފެކްޝަން އުފެދިފައި ހުރި ކަމަށެވެ.

ފިލިޕްގެ އުމުރުފުޅުން 92 އަހަރުގައި، ޖޫން 2013 ގައި ދަށްބަޑު އޮޕަރޭޝަނެއް ކުރެވުނެވެ. އަދި ދުވަސްތަކެއް ވަންދެން ހޮސްޕިޓަލްގައި އެޑްމިޓްކުރައްވަން ޖެހިވަޑައިގެންނެވި އެވެ.

ރާނީއާއެކު 60 އަހަރު ވަންދެން ރަސްމީ ހަފުލާތަކުގައި ބައިވެރިވެ ވަޑައިގެން އަދި ޝާހީ ގަނޑުވަރު ހިންގެވުމުގައި މަސްއޫލުވެ ވަޑައިގެން އުޅުއްވުމަށް ފަހު، ދުވަހުން ދުވަހަށް ކުރައްވަން ޖެހިވަޑައިގަންނާ މަސައްކަތްތަކާ އޮގަސްޓް 2017 ގައި ދުރަށް ޖެހިވަޑައިގެންނެވި އެވެ.

ޕްރިންސް ފިލިޕްއަށް 2018 – 2019 އާ ދެމެދު ގިނަ ސިއްހީ މައްސަލަތަކެއް ޖެހިވަޑައިގެންނެވި އެވެ. އަދި ހޮސްޕިޓަލްގައި އެތައް ފަހަރަކު ފަރުވާ ދެއްވަން ޖެހިވަޑައިގެންނެވި އެވެ. އެގޮތުުން އުނަގަނޑު ބައެއް ބަދަލުކުރުމަށްޓަކައި ބޮޑު އޮޕަރޭޝަނެއް ވެސް ކުރައްވަން ޖެހިވަޑައިގެންނެވި އެވެ.

ޖެހިގެން އައި ދުވަސްތަކުގައި ފިލިޕް ގިނައިން އުޅުއްވީ އާލާސްކަންފުޅުގަ އެވެ. އާދައިގެ މަތިން ލަސް ހަރަކާތެއްގައި ހިނގާބިނގާވެ ވަޑައިގެން އުޅުއްވި ނަމަވެސް މުސްކުޅި އުމުރުފުޅުގެ އާލާސްކަންފުޅު ތަޖުރިބާކުރައްވަން ޖެހިވަޑައިގެންނެވި އެވެ.

ޕްރިންސް ފިލިޕް އަވަހާރަވިއިރު އަނބިކަނބަލުން ރާނީ އެލިޒަބަތާއި ހަތަރު ދަރިން – ޕްރިންސް ޗާލްސް، ޕްރިންސަސް އޭން، ޕްރިންސް އެންޑްރޫ އަދި ޕްރިންސް އެޑްވާޑް ދުނިޔޭގައި އެބަ ތިއްބެވި އެވެ. އަދި އަށް ކާފަދަރިންނާއި 10 މުނިކާފަ ދަރިން ވެސް ދުނިޔޭގައި އެބަ ތިއްބެވި އެވެ.