ދުނިޔެ

ޕްރިންސް ފިލިޕްގެ ޖަނާޒާ، ޝާހީ އިއްޒަތުގައި

ފްރިންސް ފިލިޕްގެ ޖަނާޒާ ބާއްވައިފި އެވެ. ޖަނާޒާ ބާއްވާފައި ވަނީ މީގެކުރިން ޝާހީ ޖަނާޒާތައް ބާއްވާފައިވާ ގޮތާ ޚިލާފަށް މަޑުމައިތިރި އަދި ހިމޭންކަމުގަ އެވެ. ފިލިޕް އެދިވަޑައިގެންފައި ވަނީ ވެސް ކަންތައް ބޮޑުނުކުރެއްވުމަށެވެ. އަނެއްކޮޅުން ޖަނާޒާގެ މަރުހަލާތައް ފުރިހަމަކޮށްފައި ވަނީ ކޮވިޑާ ގުޅިގެން އިނގިރޭސިވިލާތުގައި އަމަލުކުރެވޭ ރަސްމީ އުސޫލުތަކާ އެއްގޮތަށެވެ.

އަމީރު ފިލިޕް އަވަހާރަވީ މިމަހު ނުވަ ވަނަ ދުވަހު، އުމުރުފުޅުން 99 އަހަރުގަ އެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން އަވަހާރަވުމުގެ ކުރިން ވެސް ޖަނާޒާގެ ކަންތައްތަކާ މަޝްވަރާކުރެއްވި އެވެ. އެދިވަޑައިގަތީ ގައުމީ އިއްޒަތުގައި ޖަނާޒާ ނުބޭއްވުމަށެވެ. އެހެންކަމުން ޖަނާޒާގެ ހުރިހާ ކަމެއް ވެސް ހިނގައިދިޔައީ ޝާހީ އިއްޒަތުގައި އެކަމަކު ވަރަށް އާދައިގެ ގޮތަކަށެވެ.

އަމީރު ފިލިޕްގެ ޖަނާޒާއަށް މެހެމާނުންނަށް ދައުވަތުނާރުވަ އެވެ. ރަސްމިއްޔާތާއި އަސްކަރީ ޕެރޭޑްގައި 700 އަށް ވުރެ ގިނަ ސިފައިން އެހީތެރިވެދިން ނަމަވެސް ޖަނާޒާގައި ބައިވެރިވެފައި ވަނީ 30 ބޭފުޅެކެވެ. އެއީ މުޅިން ވެސް ޝާހީ އާއިލާގެ އަދި ގާތްތިމާގެ ބޭފުޅުންނެވެ.

ބަކިންހަމް ޕެލަސްއިން އާންމުކުރި ބައިވެރިންގެ ލިސްޓްގައި އާންމުކޮށް އެނގެން ބޭނުންވާ ގޮތަށް ހިމެނެނީ ރާނީގެ އިތުރުން އަމީރު ފިލިޕްގެ ހަތަރު ބޭފުޅުންނާއި ކާފަ ތިންދަރިން އަދި އާއިލާ މެމްބަރުންނެވެ.

އަމީރުގެ ހަށިކޮޅު ސަންދޯކުގައި ވިންޑްސާ ކާސަލްއަށް ގެންދެވުނީ ޝާހީ އިއްޒަތުގަ އެވެ. އަދި ސެއިންޓް ޖޯޖް ޗެޕަލްގައި، ޝާހީ ސަންދޯއްތަކަށް ޚާއްސަ "ރޯޔަލް ވޮލެޓް" ގައި އަމީރުގެ ސަންދޯއް ބެހައްޓައި އެންމެ ފަހުގެ އަދަބު ވަނީ އަދާކުރައްވާފަ އެވެ.