ލޯކަލް ކައުންސިލްތަކުގެ އިންތިހާބު

މާލޭގެ މޭޔަރު ކެންޑިޑޭޓުން ވޯޓު ލައްވައިފި

މާލޭގެ މޭޔަރު ކަމަށް ކުރިމަތިލާފައިވާ ތިން ކެންޑިޑޭޓުން ވޯޓު ލައްވައިފި އެވެ.

މާލޭގެ މޭޔަރު ކަމަށް ކުރިމަތިލައްވާފައިވަނީ ޕީޕީއެމްގެ ފަރާތުން ޑރ. މުހައްމަދު މުއިއްޒާއި އެމްޑީޕީން އަނަސް އަބްދުއްސައްތާރާއި އަދި އަމިއްލަ ގޮތުން އަލްހާން ފަހުމީ އެވެ.

ޑރ. މުއިއްޒު ވޯޓު ލައްވާފައިވަނީ މިއަދު ހެނދުނު 10:30 ގައި ފެކަލްޓީ އޮފް ހެލްތު ސައިންސަސްގައި ބަހައްޓާފައި ހުރި ވޯޓު ފޮއްޓަކަށެވެ. އަނަސް ވެސް ހަމަ އެގަޑީގައި ވޯޓު ލައްވާފައިވަނީ ހިރިޔާ ސުކޫލުގައި ބަހައްޓާފައިވާ ވޯޓު ފޮއްޓަކަށެވެ.

އަލްހާން ވޯޓު ލައްވާފައި ވަނީ މެންދުރުފަހު 1:30 ގައެވެ. އަލްހާން ވޯޓު ލެއްވީ ފެކަލްޓީ އޮފް ހެލްތް ސައިންސަސްގައި ބަހައްޓާފައި ހުރި ވޯޓު ފޮއްޓަކަށެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި ނައިބް ރައީސް ފައިސަލް ނަސީމުގެ އިތުރުން ކުރީގެ ރައީސުން ކަމުގައިވާ މުހައްމަދު ނަޝީދާއި ޑރ. މުހައްމަދު ވަހީދު ވެސް މިހާރު ވަނީ ވޯޓު ލައްވާފަ އެވެ.

މިއަދު ކުރިއަށް ދާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބުގައި ޖުމްލަ ގޮތެއްގައި ވޯޓު ލާނެ ކަމަށް ލަފާކުރެވެނީ 40 ޕަސެންޓް ކަމަށް އިލެކްޝަންސް ކޮމިޝަނުން ކުރިން ބުނެފައިވެ އެވެ. ނަމަވެސް ވޯޓު ލުމަށް މިހާރު މީހުން ނިކުންނަ އިންސައްތަ އަށް ބަލާއިރު ކޮމިޝަނުން ބުނާ އަދަދަށް ވުރެ ގިނަ މީހުން ވޯޓު ލާނެ ކަމަށް ލަފާކުރެވެ އެވެ.