ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި މާލެ ސިޓީގެ މޭޔަރު ކަމަށް ވެރިކަން ކުރާ މައި ޕާޓީ ކަމުގައިވާ އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުލް ސައްތާރު ވާދަ ކުރައްވަން ނިންމަވައިފި އެވެ.
އަނަސް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާލެއަށް ހުރި ގޮންޖެހުންތައް ހައްލުކޮށް މާލެ ރައްޔިތުންނާއި ރަށްވެހިންނަށް ހިންދެމިލައިގެން އުޅެވޭނެ އަމާން، ރައްކާތެރި ހިތް ފަސޭހަ ތަނަކަށް މާލެ ސިޓީ ހަދަން ބޭނުންވާ ކަމަށެވެ. އެހެން ކަމުން މާލެ ސިޓީގެ މޭޔަރުގެ މަސްއޫލިއްޔަތު އުފުލަން އެމްޑީޕީގެ ޕްރައިމަރީގައި ވާދަ ކުރައްވާނެ ކަމަށެވެ.
އަނަސް ވަނީ މިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަ ކުރެއްވުމަށް ވެސް އެމްޑީޕީގެ ޕްރައިމަރީގައި ވާދަ ކުރައްވައިފަ އެވެ. ނަމަވެސް މާފަންނު މެދު ދާއިރާގެ ޓިކެޓްގެ އެ ޕްރައިމަރީ ކާމިޔާބު ކުރެއްވީ މިހާރު އެ ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) އެވެ.
ކައުންސިލް އިންތިހާބުގައި ވާދަކުރާ އެމްޑީޕީގެ ކެންޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީ އޮތީ މި މަހުގެ 31 ވަނަ ދުވަހުގަ އެވެ. އެ ޕްރައިމަރީގައި އެމްޑީޕީގެ ޓިކެޓުގައި މާލޭގެ މޭޔަރު ކަމަށް ވާދަ ކުރައްވަން މިހާރު ވެސް އެ ސިޓީގެ ކައުންސިލްގައި ތިއްބެވި ބައެއް މެންބަރުން ވަނީ ޝައުގުވެރިކަން ފާޅު ކުރައްވައިފަ އެވެ.
އެ ގޮތުން މާލެ ސިޓީގެ މިހާރުގެ މޭޔަރު ޝިފާ މުހައްމަދާއި ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފްގެ އިތުރުން ސިޓީ ކައުންސިލްގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު އަހްމަދު ނިޔާޒް ވަނީ މާލެ މޭޔަރު ކަމަށް ވާދަކުރައްވަން އެމްޑީޕީގެ ޕްރައިމަރީއަށް ކުރިމަތިލާނެ ކަމަށް އިއުލާން ކުރައްވައިފަ އެވެ.
މީގެ އިތުރުން އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީޕީއެމްގެ ނައިބު ރައީސް އަދި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވެސް މާލޭގެ މޭޔަރު ކަމަށް ވާދަ ކުރައްވަ އެވެ. އަދި ޖުމްހޫރީ ޕާޓީގެ މެންބަރު އަދި މަޖިލީހުގެ ކުރީގެ މެންބަރު އަލްހާން ފަހުމީ ވެސް ވަނީ މާލޭގެ މޭޔަރު ކަމަށް ވާދަ ކުރައްވާނެ ކަމަށް އިއުލާން ކުރައްވައިފަ އެވެ.