ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ލައިފްސްޓައިލް

ނޯވޭގެ ބޮޑުވަޒީރަށް ވެސް ޖޫރިމަނާ އިން ސަލާމަތް ނުވެވުނު

ކޯވިޑް-19ގެ އުސޫލުތަކާ ޚިލާފުވުމުން ނޯވޭގެ ބޮޑުވަޒީރު އެރްނާ ސޮލްބާގް ޖޫރިމަނާ ކޮށްފި އެވެ. ނޯވޭގެ ފުލުހުން އެ ގައުމުގެ ބޮޑުވަޒީރު ޖޫރިމަނާކުރީ ސޯޝަލް ޑިސްޓެންސިންގެ އުސޫލުތަކާ ޚިލާފުވެވަޑައިގެންނެވި ކަމަށް ބުނެފަ އެވެ.

މިދިޔަ ހުކުރު ދުވަހު ނޯވޭ ފުލުހުން ބުނެފައިވަނީ އެ ގައުމުގެ ބޮޑުވަޒީރު އެ ކަމަނާގެ އުފަން ދުވަސް އާއިލާގެ މީހުން އެއްތަނަކަށް އެއްކޮށްގެން ފާހަގަ ކުރެއްވިކަން ޔަގީން ކުރެވިފައިވާ ކަމަށާއި އެކަމަނާ ޖޫރިމަނާ ކުރީ އެހެންވެ ކަމަށެވެ.

ރޮއިޓާސްގައިވާ މި ޚަބަރުގައިވާ ގޮތުން ބޮޑުވަޒީރު ޖޫރިމަނާ ކޮށްފައިވަނީ 20،000 ނޯވޭޖިއަން ކްރައުނުންނެވެ. އެއީ ގާތްގަނޑަކަށް 2300 ޔޫއެސް ޑޮލަރެވެ.

މިދިޔަ ފެބްރުއަރީ މަހުގެ ފަހުކޮޅު، އާއިލާގެ 13 މެމްބަރަކާއެކު 60 ވަނަ އުފަން ދުވަސް ފާހަގަ ކުރެއްވުނީތީ މައާފަށް އެދިވަޑައިގެން ބޮޑުވަޒީރު ވަނީ ބަޔާނެއް ނެރުއްވާފަ އެވެ. ނޯވޭގައި 10 މީހުންނަށް ވުރެ ގިނައިން އެއްވުން އެ ދުވަސްވަރު އޮތީ މަނާ ކޮށްފަ އެވެ.

ނޯވޭ ފުލުހުން ބުނި ގޮތުގައި އާންމުން މިގޮތަށް ކުރާ ކުށްތަކަށް ވަރަށް މަދު ހާލަތެއްގައި ނޫނީ ޖޫރިމަނާއެއް ނުކުރެ އެވެ. ނަސޭހަތްދީފައި މައްސަލަ ނިންމާލަނީ އެވެ. ނަމަވެސް ބޮޑުވަޒީރު ފަދަ ގައުމު ހިންގެވުމާއި ހަވާލުވެ ހުންނެވި ބޭފުޅަކު އަދި އެހެން މީހުންނަށް ނަމޫނާ ދައްކަވަން ޖެހޭ ބޭފުޅަކު މިފަދަ ކަމެއް ކުރެއްވީމަ ފުލުހުން ޕްރޮޓޯކޯލް އާ އެއްގޮތަށް އަމަލުކުރަން ޖެހުނީ އެވެ.

މިކަމާ ގުޅޭ ގޮތުން ބޭއްވި ނިއުސް ކޮންފަރެންސެއްގައި ވާހަކަ ދައްކަވަމުން ނޯވޭގެ ޕޮލިސް ޗީފް އޯލޭ ސައެވެރުޑް ވިދާޅުވީ ގާނޫނީގެ ކުރިމަތީގައި ބޮޑުމީހެއް ކުޑަ މީހެއް ނޯންނާނެ ގާނޫނުގެ ކުރިމަތީގައި އެންމެން ވެސް ހަމަހަމަ ވާނެ ކަމަށެވެ. އެހެންކަމުން އާންމުންނަށް ޖޫރިމަނާ ކުރެވޭނަމަ ބޮޑުވަޒީރަށް ވެސް ޖޫރިމަނާ ކުރެވެން ޖެހޭނެ ކަމަށެވެ.

ރެސްޓޯރެންޓެއްގައި އުފަން ދުވަސް ފާހަގަ ކުރުމުގެ ކަންތައްތައް ކުރަން ނިންމީ ސޮލްބާގް އާއި އެކަމަނާގެ ފިރިކަލުން ސިންޑްރޭ ފިންސް ކަމަށާއި ހުރިހާ އިންތިޒާމެއް ހަމަޖެއްސީ ފިރިކަލުން ކަމަށް ވެސް ފުލުހުން ބުނެފައި ވެއެވެ. ސޮލްބާގްގެ ފިރިކަލުން ވެސް ގާނޫނާޚިލާފު ވެފައި ވިޔަސް އޭނާ ވަކިން ޖޫރިމަނާ ކޮށްފައެއް ނުވެ އެވެ. އަދި އުފަން ދުވަސް ފާހަގަ ކުރި ރެސްޓޯރެންޓް ވެސް ޖޫރިމަނާ އެއް ނުކުރެ އެވެ.

ބޮޑުވަޒީރު ޖޫރިމަނާ ކުރިކަން ނޯވޭ ފުލުހުން އިއުލާން ކުރުމާ ގުޅިގެން އެކަމަނާ ވަނީ ދެ ވަނަ ފަހަރަށް ވެސް މި ކުށަށް މައާފަށް އެދިވަޑައިގެންފަ އެވެ.

އަންނަ ސެޕްޓެމްބަރު މަހު ޕާލަމެންޓަށް މެމްބަރުން ހޮވުމުގެ އިންތިޚާބު އެ ގައުމުގައި ބާއްވަން ހަމަޖެހިފައިވާއިރު ކޯވިޑް-19 ފެތުރުނަ ނުދިނުމަށް ނޯވޭއިން ވަނީ ވަރަށް ހަރުކަށި ފިޔަވަޅުތަކެއް އަޅާފަ އެވެ. އަދި ފިޔަވަޅުތައް ވަރުގަދަކުރުމުގެ ނަތީޖާއެއްގެ ގޮތުން އެ ގައުމުގައި ކޯވީޑް-19 ފެތުރޭ މިންވަރު ވަނީ ވަރަށް ބޮޑަށް ހިފެހެއްޓިފަ އެވެ. އަދި ނޯވޭ އަކީ ޔޫރަޕްގެ ގައުމުތަކުގެ ތެރެއިން ކޯވިޑް އިންފެކްޝަން އެންމެ މަދު އަދި އެންމެ މަދުން މި ބަލީގައި މީހުން މަރުވެފައިވާ އެއް ގައުމެވެ.