ލައިފްސްޓައިލް

ކުދިން އެޑޮޕްޓްކުރާ މީހުނަށް ވެސް ވިހޭގެ ޗުއްޓީ!

އިންޑިޔާގެ ކަރްނާޓަކާ ސަރުކާރުން ހެދި އާ ގަވާއިދެއްގެ ދަށުން އެ ސްޓޭޓުގެ މީހުންނަށް ވިހައިގެން ލިބޭ ޗުއްޓީ ތުއްތު ކުދިން އެޑޮޕްޓްކުރާ ދެމަފިރިންނަށް ވެސް ދޭން ވަނީ ނިންމާފަ އެވެ. މިއީ ކުރިން ބައޮލޮޖިކަލް މައިންބަފައިންނަށް އެކަނި ލިބޭ ޗުއްޓީ އެކެވެ.

އާ ގާނޫނުގައިވާ ގޮތުން ކުއްޖަކު އެޑޮޕްޓްކުރާ އަންހެނަކަށް 180 ދުވަހުގެ މެޓާނިޓީ ލީވް ލިބޭނެ އެވެ. އަދި އެ އަންހެންމީހާގެ ފިރިމީހާއަށް 14 ދުވަހުގެ ޕެޓާނިޓީ ލީވް އެއް ލިބޭނެ އެވެ. މިއީ ދަރިން ވިހާ މީހުންނަށް ވެސް ޗުއްޓީ ދޭ މިންވަރެވެ.

މީގެ ކުރިން ކުދިން އެޑޮޕްޓްކުރާ މައިންބަފައިންނަށް ވިހައިގެން މީހުންނަށް ދޭ ޗުއްޓީއެއް ނުލިބެ އެވެ. އެމީހުން ޗުއްޓީ ނަގާނަމަ ނަގަން ޖެހެނީ ކޮންމެ އަހަރަކު ލިބޭ އަހަރީ ޗުއްޓީ އެވެ.

ކުދިން އެޑޮޕްޓްކުރާ މީހުންނަށް ޗުއްޓީ ދޭން އެ ސްޓޭޓުގެ ސަރުކާރުން ނިންމި ސަބަބެއް ކަމަށް އެ ފަރާތުން ބުނެފައިވަނީ ކުދިން އެޑޮޕްޓް ކުރުމަށްފަހު އެކުދިންނާ ގުޅުން ވަރުގަދަކުރަން ވަގުތު ބޭނުންވާތީ އެވެ. އެހެންވެ ވިހާ މީހުންނަށް ލިބޭ ހުރިހާ އިނާޔަތްތަކެއް އެޑޮޕްޓްކުރާ މީހުންނަށް ވެސް ދޭން ނިންމީ ކަމަށެވެ.

ނަމަވެސް މި ޗުއްޓީ ލިބޭނީ އެއް އަހަރުން ދަށުގެ ކުދިން އެޑޮޕްޓްކުރާ ދެމަފިރިންނަށް އެކަންޏެވެ.