މިއަދު ފެށި ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ތެރެއިން އެންމެ ގިނަވެގެން ވެސް ވޯޓު ލާނީ 40 ޕަސެންޓް މީހުން ކަަމަށް އިލެކްޝަންސް ކޮމިޝަނު (އީސީ)ން ލަފާކޮށްފި އެވެ.
އީސީން މިއަދު ހެނދުނު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ އެހެން ފަހަރުތަކާ އަޅާ ބަލާއިރު މިފަހަރު ވޯޓު ލާން ނިކުތް މީހުންނާއި އަދި ނިކުންނަ މީހުންގެ އަދަދުވެސް މަދު ކަމަށެވެ.
އެގޮތުން މިއަދު 10:45 އާ ހަމައަށް ވޯޓުލީ ވޯޓު ލުމުގެ ހައްގު ލިބިގެންވާ މީހުންގެ 17 ޕަސެންޓް މީހުން ކަަމަށް އޭނާ ވިދާޅުވި އެވެ. އެއީ 26،000 ފިިރިހެނުންނާއި 17،000 އަންހެނުން ހިމެނޭގޮތަށް 44،026 މީހުން ނެވެ. އަތޮޅު ތެރޭގެ 400 ވޯޓު ފޮށި މާލޭގައި ހުރިއިރު އަދި މިހާތަނަށް ވޯޓުލީ 29،000 ހާހެއްހާ މީހުންކަމަށް ޝަރީފް ވިދާޅުވި އެވެ.
އެހެންކަމުން މިފަހަރު ވޯޓުލާން ނުކުންނާނެ ކަމަށް ބެލެވެނީ 38- 40 ޕަސެންޓް މީހުން ކަން ޝަރީފް ފާހަގަކުރެއްވި އެވެ.
ވޯޓުލުން މިއަދު ހެނދުނު ހަތެއް ޖެހިއިރު ވޯޓު ލާ ގިނަ މަރުކަޒުތައް ބޮޑަށް އޮތީ ފަޅަށެވެ. އަދި ހަ ފޮއްޓަކަަށް ވޯޓު ލާނެ މީހަކު ނެތިގެން ފުދޭވަރަކަށް ގިނަ ވަގުތު ވޯޓުލުން ނުފަށާވެސް އޮތެވެ. އޭގެ ތެރޭގައި އަތޮޅުތަކުގެ ދެ ފޮއްޓަކާއި ހަތަރު ރިސޯޓެއްގެ ފޮށި ހިމެނެ އެވެ.
ވޯޓުލުމުގެ ފުރުސަތު މިއަދު ހަވީރު ފަހެއް ޖަހަން ދެން ލިބޭއިރު ކަރަންޓީނު އަދި އައިސޮލޭޝަން ފެސިލިޓީތަކުގައި ތިބި މީހުންނަށް ހަވީރު ފަހަކުން ހަޔަކަށް ވޯޓު ލުމުގެ ފުރުސަތު ލިބޭނެ އެވެ.