އެއް މިސްރާބަކަށް ދަތުރުކޮށް އަމާންކަމާއި ހަމަޖެހުމާއިއެކު މަސައްކަތް ކުރަންވީ ތަރައްގީ ގެންނަން ކަމަށް ނައިބްރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.
ނައިބްރައީސް މިހެން ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ކޮމިޓީ ތަކުގެ އިންތިހާބަށް ވޯޓުލުމަށްފަހު ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.
ނައިބްރައީސް ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަކީ ގިނަ ބަޔަކާއި އެކު މަސައްކަތް ކުރައްވަން އެނގިވަޑައިގަންނަވާ ރައީސެއް ކަމަށާއި އެ މަނިކުފާނުގެ ސިޔާސަތަކީ އެންމެންނާ ވެސް ގުޅިގެން މަސައްކަތް ކުރުން ކަމަށެވެ.
ވަކި ބަޔަކު ބާކީ ކޮށްލައިގެން ގައުމަށް ތަރައްގީ ނުލިބޭނެ ކަން ފާހަގަކުރައްވަމުން ނައިބްރައީސް ވިދާޅުވީ ތަރައްގީ ގެނައުމަށް އެންމެންވެސް އެއް މިސްރާބަކަށް ދަތުރުކުރަން ޖެހޭ ކަމަށެވެ. އެކި ފިކުރުގެ މީހުން ތިބޭނެކަން ގަބޫލުކުރަންޖެހޭ ކަމަށާއި އެކަމަކު ހަމަޖެހުމާއި އަމާންކަން އިސްކޮށް ތަރައްގީއަށް އިސްކަން ދޭން ޖެހޭ ކަމަށެވެ.
ލާމަރުކަޒީ ނިޒާމުގެ މުހިއްމު ކަން ފާހަގަކުރައްވަމުން ނައިބްރައީސް ވިދާޅުވީ ރައްޔިތުންގެ ހައްގުތަކާއި ރައްޔިތުންނަށް ލިބެން ޖެހޭ ބާރުތައް ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރައްޔިތުންނަށް ލިބޭނެ ގޮތްތައް މިސަރުކާރުން ހަމަޖައްސަމުންދާ ކަމަށެވެ.
"މިހާރު ރާއްޖޭގައި ކުރިން އޮންނަހެން ބޮޑު މީހެއް ކުޑަ މީހެއް ނެތް. މިހާރު ރާއްޖެގައި ތިބީ އެއްވަރެއްގެ މީހުން،" ފައިސަލް ވިދާޅުވި އެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ ރަށްރަށުގެ ތަރައްގީއަށް ކަންކަން އިންތިޒާމުވެގެން ދާން ޖެހޭނީ ރައްޔިތުން ބޭނުންވާ ގޮތަށް ކަމަށެވެ. މިހާރު ލިބިފައި އޮތް މިނިވަންކަމާއި ހަމަހަމަ ކަމުގެ ބޭނުން ހިފާ ވޯޓް ލުމުގެ ހައްގު އަދާކުރުމަށް ވެސް ނައިބް ރައީސް ވަނީ އިލްތިމާސް ކުރައްވާފަ އެވެ.