ވިލުފުށި

ވިލުފުށީ ކިއު ބަންދު ކުރާނީ 9:50 ގައި

މިއަދު ކުރިއަށްދާ އިންތިހާބުގައި ތ. ވިލުފުށީގައި ބަހައްޓާފައިވާ ދެ ވޯޓް ފޮއްޓަށް ވޯޓްލެވޭ ވަގުތު އިތުރުކޮށްފި އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ވިލުފުށީގައި ބަހައްޓާފައިވާ ދެ ވޯޓްފޮއްޓަށް މިރޭ 9:50 ވަންދެން ވޯޓް ލެވޭނެ ކަމަށެވެ. ވަގުތު އިތުރުކުރީ އެ ދެ ވޯޓް ފޮށި ބަހައްޓާފައިވާ ސެންޓަރުގައި ވޯޓްލުން ފަަހުން ފެށިފައިވާތީ އެވެ.

ވޯޓް ދެވޭ ވަގުތު އިތުރުކޮށްފައިވަނީ ވިލުފުށީ ސުނާމީގެ ކުރިން ރަށުގެ މެދުން ހުރަހަށް އޮތް ޗާންދަނީމަގުން ދެކުނަށް ހުރިގޭގޭގެ ރަޖިސްޓަރީގައިވާ މީހުން ވޯޓްލުމަށް ހަމަޖެހިފައިވާ ވިލުފުށީ 1 ނަންބަރު ވޯޓް ފޮއްޓާއި ވިލުފުށީގައި ސުނާމީގެ ކުރިން ރަށުގެ މެދުން ހުރަހަށް އޮތް ޗާންދަނީމަގުން އުތުރަށް ހުރި ގޭގޭގެ ރަޖިސްޓަރީގައިވާ މީހުންނާއި މިފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކުރާ އެހެނިހެން ދިވެހި ރައްޔިތުންނަށް ވޯޓް ލުމަށް ބަހައްޓާފައިވާ 2 ނަންބަރު ވޯޓް ފޮއްޓެވެ.

އެހެން ކަމުން އެންމެ ފަހުން ބަންދު ކުރެވޭ ދެ ވޯޓްފޮއްޓަށް ވާނީ މި ދެ ވޯޓް ފޮއްޓެވެ.

މިއަދުގެ އިންތިހާބުގައި ބައެއް ސެންޓަރުތަކުގައި އިތުރު އެއް ގަޑިއިރަށް ވޯޓް ލެވޭ ވަގުތު އިތުރުކޮށްފައިވެއެވެ. ކޮމިޝަނުން ބުނީ އެ ހުރިހާ ސެންޓަރުތަކެއްގައި ވޯޓް ލެވޭ ވަގުތު އިތުރުކުރީ ކަނޑައެޅި ވަގުތަށްވުރެ ފަހުން ވޯޓްލުން ފެށިފައިވާތީ ކަމަށެވެ.