ވިލުފުށި

އޮފިޝަލުން ލިބި ވިލުފުށީގައި ވަގުތަށް ވޯޓް ފެށޭނެ

ތ. ވިލުފުށީގައިވެސް ހެނދުނު ހަތެއް ޖަހާއިރު ވޯޓްލާން ފެށޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް އާދަމް ވިދާޅުވީ ވިލުފުށީގަައި ބަހައްޓާ ދެ ވޯޓް ފޮށީގެ ގިނަ އޮފިޝަލުން ކަރަންޓީން ކުރަން ޖެހުމުން އެ ރަށުން އިތުރު އޮފިޝަލުން ނުލިބި މާލެއިން އިތުރު އޮފިޝަލުން އެ ރަށަށް ފޮނުވަން މަސައްކަތް ކުރި ކަމަަށެވެ. އަދި އޮފިޝަލުން އެ ރަށަށް ފޮނުވަން ޕީސީއާރު ޓެސްޓް ހަދާ ފަތިހު ފަހެއް ޖަހާއިރު ފުރާ ގޮތަށް އިންތިޒާމު ކުރަމުން ދިޔަ ކަމަށެވެ.

ނަމަވެސް މިހާރު އެ ރަށުން އިތުރު އޮފިޝަލުން ލިބި މައްސަލަ ހައްލު ކުރެވިފައިވާ ކަމަަށެވެ.

"ވިލުފުއްޓަށް އޮފިޝަލުން ނުފޮނުވާ ހަމަޖެހިއްޖެ،" ޝަރީފް ވިދާޅުވިއެވެ.

މާދަމާގެ އިންތިހާބުގައި ހެނދުނު ހަތެއް ޖަހާއިރު ވޯޓްލުން ނުފެށޭނީ ދެ ރަށެއްގައެވެ. އެއީ މ. ރަތްމަންދޫ އާއި ވ. ތިނަދޫ ގައެވެ. އެ ދެ ރަށަށް އޮފިޝަލުންނަށް ގޮސް ވޯޓް ލުން ފެށޭނެ ކަމަށް ކޮމިޝަނުން ލަފާ ކުރަނީ ހެނދުނު 8:30 ގައެވެ.