ދުނިޔެ

އިންޑިއާ ކަނޑުގައި އެމެރިކާގެ އަސްކަރީ މަނަވަރެއް!

އިންޑިއާ ކަނޑަށް އެމެރިކާގެ އަސްކަރީ މަނަވަރެއް ވަނުން ބޮޑުކަމަކަށް ވެއްޖެ އެވެ. މައްސަލަ ހޫނުވީ ހުއްދަ ނުހޯދާ އިންޑިއާގެ "އެކްސްކްލޫސިވް އިކޮނޮމިކް ޒޯން" (އީއީޒެޑް) އަށް ވަނުމުންނެވެ.

"ޔޫއެސްއެސް ޖޯން ޕޯލް ޖޯންސް" ގެ ނަމުން ނަންދީފައިވާ މަނަވަރަކީ މަތިންދާބޯޓަށް މިސައިލުން ހަމަލާދެވޭ ފެންވަރުގެ މަނަރަކަށްވުން ބެލެވެނީ ބިރު ދެއްކުމުގެ އަމަލަކަށެވެ.

މިކަމާ ގުޅިގެން އިންޑިއާއިން ކުރި ޝަކުވާއަށް ރައްދު ވެސް ވަނީ ދީފަ އެވެ. އެމެރިކާގެ ކަނޑުގެ ސިފައިން ބަޔާނެއް މެދުވެރިކޮށް ބުނީ އެއީ "ފްރީޑަމް އޮފް ނެވިގޭޝަން އޮޕަރޭޝަން"އެއް ކަމަށާއި ސުލްހަވެރި ބޭނުންތަކުގައި އެކްސްކުލޫސިވް އިކޮނޮމިކް ޒޯން ތެރެއަށް ވަނުން ބައިނަލްއަގުވާމީ ގަނޫނުތަކުން މަނާނުކުރާ ކަމަށެވެ.

ޔޫއެސްއެސް ޖޯން ޕޯލް ޖޯންސް ވަނީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވެސް ވަދެފަ އެވެ. މިކަމާ ގުޅިގެން ދިވެހިރާއްޖެއިން އަދި ވަކި އެއްޗެއް ނުބުނި ނަމަވެސް އިންޑިއާއިން އެއޮތީ ދިވެހިރާއްޖެ ހިމަނައިގެން ބަސް ބުނެފަ އެވެ.

އިންޑިއާގެ މެރިޓައިމް ތަޖުރިބާކާރުން ވިދާޅުވާ ގޮތުން އިންޑިއާގެ މަސްލަހަތާ ގުޅިފައި އޮތް ސަރަހައްދަކަށް އެމެރިކާ ކަނޑުގެ ސިފައިން ވަނީ އޮޅިގެނެއް ނޫނެވެ. އެއީ ގަސްދުގައި ކުރިކަމެކެވެ. މިހާހިސާބުން މިވާހަކަ މިސްރާބުޖަހަނީ އެހެން ދިމާއަކަށެވެ.

އެމެރިކާގެ އަސްކަރީ މަނަވަރުތައް ދެކުނު ޗައިނާ ކަނޑުގައި

ދެކުނު ޗައިނާ ކަނޑުގައި ހަރަކާތްތެރިވާ ޗައިނާ ސިފައިންނަށް ފާރަލުމަށް އެމެރިކާއިން މަނަވަރުތައް ފޮނުވަ އެވެ. އެމެރިކާގެ އަތުގައި ހުރި އެންމެ ވަރުގަދަ މަނަވަރުތައް އެސަރަހައްދުގައި ބުރުޖަހަ އެވެ. ދެކުނު ޗައިނާ ކަނޑުގައި ޗައިނާއިން ރައްތަކެއް އުފައްދަނީ އަސްކަރީ ބޭނުމުގައިތޯ އެމެރިކާއަށް އެނގެން ބޭނުންވެ އެވެ. މިކަމާ ގުޅިގެން ޗައިނާއިން ޝަކުވާކުރުމުން ބުނަނީ "ފްރީޑަމް އޮފް ނެވިގޭޝަން އޮޕަރޭޝަން"އެއް ކަމަށެވެ.

އެމެރިކާއިން ޗައިނާއަށް ދޭ މެސެޖަކީ ދެކުނު ޗައިނާ ކަނޑަށް، ޗައިނާ ކަނޑޭ ކިޔަސް، އެސަރަހައްދުގައި ބައިނަލްއަގްވާމީ މަސްލަހަތު ކުޑަނޫން ކަމަށެވެ. ބޭނުން ބަޔަކަށް ދަތުރުކޮށް އުޅެވޭނެ ކަމަށެވެ. އަދި އެމެރިކާގެ އަސްކަރިއްޔާއަކީ ގާބިލު ބައެއް ކަމަށެވެ.

އެމެރިކާގެ އަސްކަރީ މަނަވަރުތައް ކަޅުކަނޑުގައި

ރަޝިއާއާ ޔުކްރޭންއާ ދެމެދު މަސްލަހަތު ގެއްލޭ ކޮންމެ ފަހަރަކު އެމެރިކާގެ އަސްކަރީ މަނަވަރުތައް ރަޝިއާގެ ލަޑިވޮސްޓޮކް ސަރަހައްދަށް ފޮނުވަ އެވެ. ޔުކްރޭންއަށް އެހީތެރިވުމުގެ ނަމުގައި ރަޝިއާއަށް ޖެއްސުންކުރުމަށެވެ. ހަގީގަތުގައި އެމެރިކާއިން ބަލަން ބޭނުންވަނީ ކަޅުކަނޑުގައި ރަޝިއާގެ ހަރަކާތްތައް ހުންނަ ގޮތެވެ. ރަޝިއާއިން ޝަކުވާއެއްކޮށްފި ނަމަ ބުނަނީ "ފްރީޑަމް އޮފް ނެވިގޭޝަން އޮޕަރޭޝަން"އެއް ކަމަށެވެ. އެނޫން މަގުސަދެއް ނެތް ކަމަށެވެ.

އެމެރިކާއިން އެކުރަނީ ބުލީކުރުމުގެ އަމަލެއް

އެމެރިކާއިން މިޒާތުގެ ކުޅިސަމާސާ ދައްކަނީ ނުރުހޭ ގައުމުތަކަށެވެ. ގައުމުތަކުގެ މަސްހަލަތާ ގުޅިފައި އޮންނަ ސަހަރައްދުތަކަށް ކަނޑާއި ވައިގެ މަގުން ވަދެ ހަތިޔާރު ޝޯތައް ދެއްކުމަކީ ބިރުދެއްކުމެވެ. އެމެރިކާއިން ބުނަން ބޭނުންވަނީ ބުނާހާ ގޮތެއް ނުހަދައިފި ނަމަ މަގުދެއްކުމަކީ އެމެރިކާއަށް ވާޖިބެއް ކަމެވެ. އިގުތިސޯދީ ގޮތުން ދަތިކުރުމަކީ އިޚުތިޔާރީ ކަމެއް ކަމަށާއި ހަމަލާ ބަދަލުކުރުމަކީ މޮޅަށް ކުޅެން ދަންނަ ކުޅުމެއް ކަމަށެވެ.

އެމެރިކާގެ އަސްކަރީ މަނަވަރުތައް އިންޑިއާ ކަނޑުގައި

ރަޝިއާގައި އުފައްދާ އެސް400 މިސައިލް ޑިފެންސް ސިސްޓަމް ދެކެ އެމެރިކާ ޖެހިލުންވެ އެވެ. އެމެރިކާއަށް ނުގޮތަކަށް މިކަމަށް ވަނީ އެއްބަސްވެވިފަ އެވެ. އިންޑިއާގައި އެސް400 މިސައިލް ނިޒާމް ގާއިމުކުރުމަށްޓަކައި ރަޝިއާއަށް ފުރަތަމަ ޕޭމަންޓް ވަނީ ދައްކާފަ އެވެ. މިއަހަރު ފަހުކޮޅު އިންޑިއާއަށް އެސް400 ލިބޭނެ ކަމަށްވެ އެެވެ.

އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ލޮއިޑް އޮސްޓިން މިއަހަރު އިންޑިއާއަށް ކުރެއްވި ދަތުރުފުޅެއްގައި، އެސް400 މިސައިލް ސިސްޓަމް އިންޑިއާގައި ނުބެހެއްޓުމަށް އެދިވަޑައިގަތެވެ. އަދި ރަޝިއާއާ ބީރައްޓެހިވުމަކީ އެމެރިކާ އެދޭ ކަމެއް ކަމަށް ވިދާޅުވި އެވެ.

ރަޝިއާގެ ފޮރިން މިނިސްޓަރު ސަރުގޭ ލަވްރޯފް މިދާކަށް ދުވަހު އިންޑިއާއަށް ކުރެއްވި ދަތުރުފުޅާ ބެހޭ ގޮތުން މާގިނަ ވާހަކަތައް ނުއިވެ އެވެ. އެސް400 މިސައިލް ސިސްޓަމް ނުގަންނާނެ ކަމަށް އިންޑިއާއިން ބުނިކަމެއް ވެސް ނޭނގެ އެވެ. އެމެރިކާގެ އަސްކަރީ މަނަވަރުގައް އިންޑިއާ ކަނޑަށް އައުމުން އެނގެނީ އިންޑިއާއާ ރަޝިއާ އަކީ އަދިވެސް ބެސްޓް ބަޑީޒް ކަމެވެ.