ޕީޕީއެމް

މާލޭ ސިޓީގެ ސާފު އަގުލަބިއްޔަތު ޕީޕީއެމަށް

މާލޭ ސިޓީ ކައުންސިލްގެ މެޖޯރިޓީ ހޯދާ އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ތާރީހީ ބޮޑު ކާމިޔާބެއް ހޯދައިފި އެވެ.

މިހާތަނަށް ނަތީޖާ ސާފުވެފައިވާ ފޮށިތަކުން ޕީޕީއެމަށް މާލޭ ސިޓީ ކައުންސިލުން ވަނީ 10 ގޮނޑި ކަށަވަރު ވެފައެވެ. ނަމަވެސް ޕީޕީއެމުން ބުނީ 12 ގޮނޑި ޔަގީންވެފައިވާ ކަމަށެވެ. އަދި ނަތީޖާތައް އަންނަ ގޮތުން އިތުރު ދެ ގޮނޑި އެ ޕާޓީއަށް ލިބޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

ޕީޕީއެމުން ބުނީ އެ ޕާޓީއަށް މާފަންނު މެދު ދާއިރާ އާއި މާފަންނު ހުޅަނގު ދާއިރާ އާއި މާފަންނު ދެކުނު ދާއިރާއިން ކުރި ހޯއްދަވާފައިޗަނީ ޕީޕީއެމްގެ ކެންޑިޑޭޓުން ކަމަށެވެ. އަދި މައްޗަންގޮޅި ދެކުނު ދާއިރާ އާއި މައްޗަންގޮޅި އުތުރު ދާއިރާ އާއި ހެންވޭރު ދެކުނު ދާއިރާ އާއި ހެންވޭރު ހުޅަނގު ދާއިރާ އާއި މެދު ހެންވޭރު ދާއިރާގެ އިތުުރުން ގަލޮޅު ދެކުނު ދާއިރާވެސް ލިބިފައިވަނީ ޕީޕީއެމް އަށް ކަމަށެވެ. މީގެ އިތުރުން ހުޅުމާލެ އާއި ވިލިމާލެ ދާއިރާގެ ގޮނޑިވެސް ފަސޭހަ ކަމާއެކު އެ ޕާޓީގެ ކެންޑިޑޭޓުން ވަނީ ކާމިޔާބު ކޮށްފައެވެ.

މާލެ ސިޓީގެ މޭޔަރުގެ މަގާމަށް ޕީޕީއެމްގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވަނީ އިންތިހާބުވެފައެވެ. މިއީ މުޅި އިންތިހާބުގެ އެންމެ ހައިރާން ކުރަނިވި ނަތީޖާއެވެ. މިހާތަނަށް ސާފުކުރެވިފައިވާ ނަތީޖާތަކުން 9،000 ވުރެ ގިނަ ވޯޓް މުއިއްޒު ވަނީ ކަށަވަރު ކުރައްވާފައެވެ. އަނަސް ވަނީ 6،000 އާ ގާތްކުރާ އަދަދަކަށް ވޯޓް ހޯއްދަވާފައެވެ.

އިންތިހާބުގެ ނަތީޖާ ގަބޫލުކުރައްވާ އަނަސް ވަނީ ޓްވީޓެއް ކުރައްވާފައެވެ. އޭނާ ވިދާޅުވީ މާލެ ރައްޔިތުން ބަސްބުނެފި ކަމަށެވެ. އަދި ރައްޔިތުންގެ ނިންމުން ބަލައިގަނެ އަނަސް ވަނީ މުއިއްޒުއަށް މަރުހަބާ ވިދާޅުވެފައެވެ.

"އަޅުގަނޑަށް ވޯޓް ދެއްވި ރައްޔިތުންނަށް ވަރަށް ބޮޑަށް ޝުކުރިއްޔާ،" އަނަސްގެ ޓްވީޓްގައި ވިދާޅުވިއެވެ.

މުއިއްޒުގެ ތާރީހީ ކާމިޔާބީއާއެކު އެމްޑީޕީއަށް ވަނީ ބޮޑު ނާކާމިޔާބީއަކާއި ކުރިމަތިލާން ޖެހިފައެވެ. އައްޑޫ ސިޓީގައި އޮތް އެމްޑީޕީގެ މެޖޯރިޓީވެސް މިފަހަރުގެ އިންތިހާބާއެކު ގެއްލިގެން ގޮސްފައެވެ.