ކުއްލި ނުރައްކަލުގެ ހާލަތު

ކުއްލި ނުރައްކަލުގެ ހާލަތު އޮތަސް އާންމު މައްސަލަތަކުގައި ހާއްސަ އުސޫލެއް ނޯންނާނެ: ޕޮލިސް

ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކޮށްފައި އޮތް ނަމަވެސް، އާންމު މައްސަލަތަކުގައި އަމަލުކުރާ އުސޫލުތަކަށް ބަދަލެއް ނާންނާނެ ކަމަށް ފުލުހުންގެ އިދާރާ އިން ބުނެފި އެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމާ ގުޅިގެން ފުލުހުންގެ މުއައްސަސާއާ ހަވާލުވެވަޑައިގެން ހުންނެވި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު އަރީފް އިއްޔެ ވަނީ ފުލުހުންނާ ބައްދަލުކުރައްވާފަ އެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ރިޔާޒް ވިދާޅުވީ، ކުއްލި ނުރައްކަލުގެ ހާލަތުގައި މީހުންނާ ތަންތަން ބަލައި ފާސް ފާސްކުރުމުގައި ހާއްސަ އުސޫލުގެ ދަށުން އަމަލުކުރާނީ ރިޔާސީ ލޯންޗްގައި އެއްޗެއް ގޮވި ޙާދިސާއާ ގުޅޭ ތަހުގީގު މައްސަލަތަކުގައި އެކަނި ކަމަށެވެ.

ނަމަވެސް އާންމު މައްސަލަތަކުގައި ތަންތަން ބަލައި ފާސްކޮށް މީހުން ހައްޔަރުކުރަންޖެހޭ ހާލަތްތަކުގައި އަމަލުކުރާނީ ގާނޫނުގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.

އެގޮތުން، ގޯތި ގެދޮރާ ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކުރަން ޖެހޭ ތަންތަން ބަލައި ފާސްކުރާނީ ކޯޓު އަމުރު ހޯދައިގެން ކަމަށާއި އާއްމު މައްސަލަތަކާ ގުޅިގެން ކުށުގެ ވެށިން ނޫންގޮތަކަށް މީހަކު ހައްޔަރުކުރަން ޖެހޭނަމަ ކޯޓު އަމުރު ހޯދާނެކަމަށް ވެސް ރިޔާޒު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމަކުން އާންމު ދަތުރުފަތުރު ހުއްޓާނުލާނެ ކަމަށެވެ. އެގޮތުން ރާއްޖޭގެ އެތެރޭގެ ދަތުރުތަކާއި ބޭރަށް ކުރާ ދަތުރުތަކަށް ވެސް ސީރިއަސް ހާލަތެއްގައި މެނުވީ ފުލުހުން ހުރަސް ނާޅާނެ ކަމަށް ވެސް ރިޔާޒު ވިދާޅުވި އެވެ.

ރިޔާޒް ވިދާޅުވި ގޮތުގައި ފުލުހުން ބަލަމުންދާ މައްސަލަތަކު ގެތެރެއިން ރިޔާސީ ލޯންޗުގައި އެއްޗެއް ގޮވި ހާދިސާގެ ތަހުގީގާ ގުޅިގެން ފުލުހުން ބަލަމުންދާ ބޮޑެތި މައްސަލަތަކުގެ ތަހުގީގުގެ މަސައްކަތްތަކުގައި އަމަލުކުރަމުން ދާނީ ކުއްލި ނުރައްކަލުގެ ހާލަތުގައި އަމަލުކުރުމަށް ގެނެވުނު ބަދަލުތަކާ އެއްގޮތަށް ކަމަށެވެ.