އަލިފާނުގެ ހާދިސާއެއް ހިނގައި، އަޑިއަށް ދިޔަ ތެޔޮ ބޯޓުން ތިމާވެއްޓަށް މާބޮޑު ގެއްލުމެއް ލިބިދާނެ ކަމަށް ނުބެލެވޭ ކަމަށް އެމްއެންޑީއެފް އިން ބުނެފި އެވެ.
މާލެއިން ފުރައިގެން ލ. އަތޮޅަށް އިއްުޔެ ދަތުރުކުރަނިކޮށް އަޑިއަށް ދިޔަ "ސީ ސްޓާ" ތެޔޮ ބޯޓުގައި 60 ޓަނުގެ ޑީސަލް ހުއްޓެވެ. އެ ބޯޓު އަޑިއަށް ދިޔައީ އަލިފާން ނިއްވުމަށް ކޯސްޓުގާޑުން މަސައްކަތް ކުރަމުން ދަނިކޮށެވެ. އަދި އެ ބޯޓު މިހާރު އޮތީ 1000 މީޓަރުގެ އަޑީގައި ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެ އެވެ.
ނޫސްވެރިންނާ މިއަދު ބައްދަލުކުރައްވާ އެމްއެންޑީއެފްގެ ކޯސްޓުގާޑުގެ ކޮމަޑާންޓް ކާނަލް މުހައްމަދު ސަލީމް ވިދާޅުވީ ބޯޓު އަޑިއަށް ދިޔައީ ވަރަށް ފުން ސަރަހައްދަކަށް ކަމަށްވާތީ އާއި ބޯޓުގައި ހުރީ ޑީސަލް ކަމަށް ވާތީ މާބޮޑު ގެއްލުމެއް ލިބޭނެ ކަމަށް ނުބެލެވޭ ކަަމަށެވެ.
އާންމު ގޮތެއްގައި އޮއިލް ސްޕިލް ނުވަތަ ތެލުން ސަރަަހައްދެއް ތަޣައްޔަރުވަނީ ސާފު ނުކުރާ ތެޔޮ ސަރަަހައްދަށް ފެތުރުމުންނެވެ. ނަމަވެސް އިއްޔެ އަޑިއަށް ދިޔަ ބޯޓުގައި ހުރީ ސާފުކޮށްފައި ހުރި ޑީސަލް ކަަމަށްވާތީ އެގޮތަށް މުޅި ސަރަހައްދަށް ނުފެތުރި "އެވަޕޮރޭޓް" ވެގެންދާނެ ކަމަށް ބެލެވޭ ކަމަށް ސަލީމް ވިދާޅުވި އެވެ.
"ސްޕިލްއެއް މިހާތަނަށް ނެތް. އެހެން ނަަމަވެސް އަޅުގަނޑުމެންނަށް ކޮންމެވެސް ވަރަަކަށް މިއަދު ފެންނަން ހުރި ތެޔޮ. މިއަދުގެ އަތްވާއެކު ތެޔޮތައް އެވަޕޮރޭޓްވީ ކަަމަށް ބެލެެވެނީ. މީގައި މިހިރީ ޑީސަލް. އާންމު ގޮތެއްގައި އޮއިލް ސްޕިލްއެކޭ މިކިޔަނީ އާންމު ގޮތެއްގައި ހެވީ އޮއިލް ނުވަތަ ޕާސިސެންޓް އޮއިލް ސްޕިލްވެގެން އަސްލު ބޮޑު ސްޕިލްއެއް ގޮތަށް ތިމާވެއްޓަށް ގެއްލުން ވަނީ" ސަލީމް ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ ރާއްޖޭގެ ތިމާވެެއްޓަކީ ވަރަށް ނާޒުކު ތިމާވެއްޓަކަށް ވާތީ އޮއިވަރު ބަދަލުވެ އެނޫން ގޮތަަކަށްވެސް ކަމެއް ދިމާވެދާނެތީ ކޯސްޓުގާޑުން ވަރަށް ބޮޑަށް އެ ސަރަަހައްދު މޮނީޓާކުރަމުންދާ ކަމަށެވެ.