(8 އެޕްރީލް 2021 އާ ގުޅޭ)
މަޑުމަޑުން ހުއްޓަސް އަސްލަންއަކީ ލާނެތް މިޒާޖެއްގެ އެކުވެރިއެއްކަން މިދުހަތަށް ފާހަގަވީ އޭރުއެވެ. ނަމަވެސް ޒަމާންވީ އެކުވެރިކަން ނިމިގެންދިޔައީ ނަފުރަތުންނެވެ. އަރީންއާ މިދުހަތު ގުޅުނު ހިސާބުންނެވެ. އެއީ ހުތުރުކޮށް ހިނގައިދިޔަ ކަމެއްކަން މިދުހަތު ވެސް ޤަބޫލުކުރެއެވެ. ފަހަރެއްގައި އެކުވެރިޔާއަށް ލަނޑެއް ދިނުމުގެ ގަސްދުގައެއްނޫނެވެ. ކިޔެވުމުގެ ފަހު އަހަރަކީ އެކުވެރިކަމުގެ ގުޅުން މުޅިން ކެނޑި ދެމީހުން ބައްދަލުވުން ހުއްޓުނު ހިސާބެވެ. އެގެއަށް ވަންނާކަށް އަސްލަން ޤަބޫލެއް ނޫނެވެ. ދުވަހަކުވެސް އެކުވެރިޔެކޭ ބުނާން އަސްލަން ބޭނުންނުވާކަން މިދުހަތަށް އެނގެއެވެ. އެކަމަކު އޭނާ އެވަރުއަރުވާލާނޭ ކުޑަކޮށް ވެސް މިދުހަތު ހިޔެއްނުކުރެއެވެ.
"އަރީންއާ ދުރުގައި ހުންނާށޭ ބުނީ، އެހެންނޫނީ ނަތީޖާ ރަނގަޅެއްނުވާނޭ... ހެ ހެ ހެ... އަސްލަން އެހާ ލޯބިން އުޅުނު ކޮއްކޮ މިހާރު އައިސް އެ އޮންނަނީ އަހަރެން ކައިރީގަކަން އެނގޭތަ؟" މިދުހަތުގެ ހިތަށް އެރުމާއެކު ހީނލެވިއްޖެއެވެ.
"ކޮންކަމަކާ ތި ހެނީ؟. އަނެއްކާވެސް ކުރިން ހެދިހެން އަހަރެންނަށް ފިލާނީތަ؟" މިދުހަތުގެ ހިނިތުންވުން ފެނި އަރީން ހިތްހަމަނުޖެހޭގޮތްވީއެވެ.
"ދެއަނތްބަށް އިންނާނަންތަ؟" ހިޔާލުތަކުގެ ތެރެއިން އޭނާގެ ނަޒަރު އަރީނަށް އަމާޒުކޮށްލިއެވެ. އޭރު ހައިރާންކަމުގެ އަސަރު އަރީންގެ މޫނުގައިވިއެވެ.
"ކީއްވެ ދެއަނތްބަށް؟ މިދުހަތުގެ އަނތްބެއް ނެތެއްނު." އަރީނަށް ވަގުތުން ބުނެވުނެވެ.
"މިވަގުތު އަނތްބެއް ނެތަސް، އަހަރެން އިންނަން ބޭނުންވެދާނެއެއްނު، ފަހަރެއްގައި އޭނާއާ އިނދެފައި ރީންއާ އިނދެފާނަން، ނޫނީ ރީންއާ އިނދެގެން ހުރެ އެހެން މީހަކާ އިންނަން ބޭނުންވެދާނެ... ކީކޭ ބުނަނީ؟ ޤަބޫލުތަ؟." މިދުހަތުގެ ހިތާއި ހިޔާލުތަކާއި ދުރަށް ނޯޔާގެ ސޫރަ ނުދެއެވެ. އޭނާ އަރީނާ އިނުމުގެ ވިސްނުމަށްވުރެ ނޯޔާއާއެކު ދިރިއުޅުމެއް ފެށުމަށް ނުހަނު ބޭނުމެވެ. ނޯޔާ ލިބިއްޖެނަމަ އޭނާގެ ހުރި ފީކަޅާ ވިޔާނުދާ އުޅުން ދޫކޮށްލެވިދާނޭ މިދުހަތު ހިތުގައި އޮތެވެ. އެހިސާބުން އޭނާ ވެސް ރީތި ދިރިއުޅުމެއް އުޅޭން މަސައްކަތް ކުރާނޭކަމުގެ ނިޔަތް ހިތުގައި އޮތެވެ.
އަރީނަށް ޖަވާބެއް ދޭން ދަތިވިއެވެ. މިދުހަތު އޭނާއަށްވުރެ އެހެން އަންހެނެއް ދެކެ ލޯބިވާތަން ބަލަން ހުންނާނެހާ ކެތްތެރިކަމެއް އޭނާގެ ނެތެވެ. ފަވާދު ކައިރިން ވަރިވެގެން އަންނަން ހުރީމާ ވެސް މިދުހަތު އެ ދިނީ ކޮންކަހަލަ ޖަވާބެއް ހެއްޔެވެ. އަނެއްކާ އޭނާ ލޯބިވާ އަންހެނަކު ހުރީ ހެއްޔެވެ. އެމީހަކު އަރީނަށްވުރެ ހާއްސަވެފައި މިދުހަތުގެ ހިތް ފަތަހަ ކުރީ ހެއްޔެވެ. އަރީން ހާސްވިއެވެ. ރުޅި އަންނަ ގޮތްވިއެވެ. އެހެން އަންހެނަކު ހުރީވިއްޔާ އޭނާއާއެކު މިދުހަތު މިކުރަނީ ކީއްހެއްޔެވެ.
"ރީން... ހިތްހަމަނުޖެހުނީތަ؟." އަރީންގެ މޫނުން އެއްވެސް ކަމެއް މިދުހަތަށް ސިއްރެއް ނުވިއެވެ.
"މިދުހަތު އަހަންނާ އިންނަން ބޭނުންނުވަންޏާ ސާފުކޮށް ބުނެބަލަ، ތިހެން ބަހަނާ ނުދެއްކިޔަސް އަހަރެންނަށް ގެޓުވާނެ." އަރީން ބުންޏެވެ.
"އިހަށް މަޑުކޮށްބަލަ، އަވަސްއަރުވާލަން ތިއުޅެނީ ކީއްވެތަ؟ އަހަރެން އެއްފަހަރުވެސް ނުބަނަން ނީންނާނަމޭ... ބޮލުގަ ރިއްސަންފަށައިފި." މިދުހަތު ސޯފާއިން ތެދުވެ ބޮލުގައި އަތްފުނާ އަޅާލިއެވެ. އޭނާ ތެދުވެގެން އައިސް އަލަމާރި ކައިރިއަށް އައެވެ. ފިނި ފެންފޮދެއް ބޯން އޭނާ އުޅުނުއިރު އަރީންގެ ނަޒަރު ހުރީ ސީދާ މިދުހަތަށް ހުއްޓިފައެވެ. އޭނާގެ ކޮންމެ ހަރަކާތަކަށެވެ.
"ރީން ދެން މިއަދު ގެއަށްދާންވީނު، އަހަރެންދެކެ ރުޅިއައިސްފަ އިންނަންޏާ އެގޮތް އެންމެ ރަނގަޅުވާނީ." އަރީން ބަލަނީކަން އެނގި މިދުހަތު ބުނެލިއެވެ.
ނުކުމެގެން ދާކަށް އަރީންގެ ހިތް އެއްބަހެއް ނުވިއެވެ. އެ ދެމެދުގައި އޮތް ގުޅުން ކައިވެންޏަކާ ހަމައަށް ގެންދަން އަރީން ބޭނުމެވެ. އޭނާ ކައިވެނި ކުރަން ބޭނުންވި ހަޤީޤީ ލޯބިވެރިޔަކީ އެއީއެވެ.
* * * * *
ހަފްތާއެއް ފާއިތުވެ ދިޔައިރު އަސްލަންގެ ފަޓުލޫނުގައި އޮތް ބުރުގާ ދައްޗާ ބެހޭ އެއްވެސް ވާހަކައެއް އޭނާ ނުދައްކައެވެ. އެހެންނަމަވެސް ފުރަންވީ ދުވަސް ކަނޑައެޅި އެކަން ނޯޔާއަށް އަސްލަން އެންގިއެވެ. ދުރަށް އަސްލާން ދިއުމަށްވުރެ އޭނާގެ ކައިރީ ލޫނާ ހުންނާނޭކަން އެނގޭތީ ނޯޔާއަށް ހިތްހަމަޖެހެވޭ ގޮތެއް ނުވިއެވެ. އެކިއެކި ހިޔާލުތަކުން ހިތަށް ލިބޭ ނުތަނަވަސްކަންވީ އިތުރެވެ. މީހާ ހިމޭންވެ ބަސްމަދުވެފައި ހުރެވެންފެށީ އެހެންވެއެވެ. ފެށި ދިރިއުޅުން އާރާސްތު ނުވަނީސް ނިމުމަކަށް އަތުވެދާނޭ ހީވާ ކަހަލައެވެ.
"ނޯޔާ... ދަރިފުޅުމެން ނުފައިބައްޗޭ." ސޯފާއިން ތެދުވި ގޮތަށް އަސްލަން ހަލުވިކޮށް އައިސް ހުއްޓިލީ ސިންކު ކައިރީ ހުރި ނޯޔާގެ ކައިރީއެވެ.
"އަތަށް ކަމެއްވިތަ..." ނޯޔާގެ އަތުގައި އަސްލަން ހިފިއެވެ. ދޮންނަން ހުރި ބިއްލޫރި ތަށި ނޯޔާގެ އަތުން ދޫވީއެވެ. ހަފްތާ ތެރޭގައި ނޯޔާގެ އަތުން ދޫވެ ތެޅުނު ހަތަރުވަނަ ބިއްލޫރި ތަށްޓެވެ. މީ ދުވަހަކުވެސް ނޯޔާއަށް ވީގޮތެއް ނޫނެވެ. އަތުން ތަށްޓެއް ތަޅައިގެން ދިޔަ ހަނދާނެއް ވެސް އޭނާގެ ނެތެވެ. އެހެންވިޔަސް ހުރިހާކަމެއްގެ ޖަވާބު އޭނާއަށް އެނގެއެވެ. ހިޔާލުތަކެއްގައި ބަނދެވި އޭނާގެ ދުވަހީ އުޅުމަށް ބަދަލު ގެނައީ އޮފީސް ރަސްމިއްޔާތަށް އަސްލަން ލައިގެން ދިޔަ ހެދުން ދޮންނަން އުޅުނު ދުވަހެވެ. އެއަށްފަހު ލޫނާ ބައިވެރިވާ ކަމެއްގައި ރަށުން ބޭރަށް ދެހަފްތާއަށް ފުރައިގެން އަސްލަން ދާން އުޅޭ ކަމުގެ ޚަބަރެވެ.
"އަހަރެން ސާފުކޮށްލާނަން... ދޭ އިށީނދެލަން." އަސްލަންގެ އަތުން ނޯޔާ އަތް ވަކިކޮށްލާ ދާން އުޅުނު ހިނދު އެ އަތުގައި އަސްލަން ހިފަހައްޓާލީ ތަންކޮޅެއް ބާރަށެވެ.
ސޯފާގައި ދެބެންގެ ގާތު ނޯޔާ އައިސް އިށީނެވެ. އަނބިމީހާއަށް ބަދަލުތަކެއް އަންނަކަން އަސްލަންއަށް އޮތީ ފާހަގަވެފައެވެ. އޭނާ ހީކޮށްގެން ހުރީ އޮފީސް ދަތުރުގައި އޭނާ ދާން އުޅޭތީ ނޯޔާއަށް އައި ބަދަލެއް ކަމެވެ. ފިކުރުތަކަށް ގެއްލިފައި ހުރެ ބިއްލޫރިކޮޅުތައް ނަގައި ތަޅުންމަތި ސާފުކުރަން އަސްލަން އުޅުނެވެ.
"މަންމަ ބަލިވީތަ؟" ނޯޔާގެ އުނގަށް އަރަމުން މަލްސާ އަހާލިއެވެ. އެކުދީންނަށް ވެސް ކަމެއް ފާހަގަވީކަން ޔަގީނެވެ. އޭނާގެ ކަނާއަތް ފަރާތުން ސޯފާއަށް ދެކަކޫމައްޗަށް ސާރާ ތެދުވިއެވެ. އެކުއްޖާގެ އަތްތިލަ ނޯޔާގެ ނިތްކުރީގައި ޖައްސާލީ ނުހަނު އަވަހަށެވެ. ލުއި ހިނިތުންވުމެއް ދެމުން ދެބެންގެ ކޮލުގައި ނޯޔާ ބޮސްދިނެވެ. ބައްޔެއްނޫނޭ ނޯޔާ ބުނެލިއެވެ.
ކުދީން ނިދަން އެނދުގައި ހަމަޖެހިލުމުން ނޯޔާ ދެބެންގެ ނިތުގައި ބޮސްދިނެވެ. އަސްލަން އެކުދީންނާއެކު ވަގުތު ހޭދަކުރަން ފުރުސަތު ދީފައި އޭނާ ނުކުތީއެވެ. ގޭތެރޭގެ ހޮޅިބުރިތައް ނިވާފައި ނޯޔާ ވަނީ ކޮޓަރިއަށެވެ. ކުރާނޭ އިތުރު މަސައްކަތެއް ނެތީމައެވެ.
އެނދުގައި އޮވެއޮވެ އެތައް އިރެއްވީއިރު ވެސް ނޯޔާއަކަށް ނުނިދުނެވެ. ވަރުބަލިވެފައި ހުރުމުން ތެދުވާކަށް ބޭނުމެއްނޫނެވެ. ދެ ލޯ މަރާލައިގެން އަރިއަކަށް އޭނާ އޮތީއެވެ. އެހެންއޮއްވާ ކޮޓަރީ ދޮރުގައި ޓަކިދިން އަޑުއިވުނެވެ.
"ނޯޔާ..." އަސްލަން ގޮވާލިއެވެ. ދެވަނަ ފަހަރަށް ޓަކިދީފައި އޭނާ ކޮޓަރީގެ ދޮރު މަޑުމަޑުން ހުޅުވާލިއެވެ. ފަނޑުއަލިކަމުގެ ތެރެއިން އެނދުގައި އޮތް ނޯޔާ ފެނެއެވެ. އެތެރެއަށް ވަދެ ކޮޓަރީގެ ދޮރު ލައްޕާލުމަށްފަހު އަސްލަން އައިސް ނޯޔާގެ މަގަތުން އިށީނެވެ.
"ނިދީތަ؟." އަސްލަން އަހާލިއެވެ. ނޯޔާ ޖަވާބެއް ނުދިނެވެ. އެސްފިޔަ ތަޅުވާލިހެން އަސްލަންއަށް ހީވިއެވެ. އިރުކޮޅަކު ނޯޔާގެ މޫނަށް ބަލަން އިނދެފައި އެ ކޯތާފަތުގައި އަސްލަން ފިރުމާލިއެވެ. އެ އަތުގައި ނޯޔާ ހިފީ ނުހަނު އަވަހަށެވެ. ލޯ ހުޅުވާލައި އަސްލަންއަށް ބަލަން ނޯޔާ އޮތީއެވެ.
"އަހަރެން ނުދާންވީތަ؟." އަސްލަން އަހާލިއެވެ. އެހިނދު ނޯޔާގެ ލޮލުން ފާޅުވީ ކުރީން ފެނިފައިނުވާ ފަދަ މޮޅިވެރިކަމެކެވެ. އަސްލަންއަށް ފިނި ނޭވާއެއް ދޫކޮށްލެވުނެވެ. އޭނާ ދެން އަޖައިބުވީ ނޯޔާގެ ދިން ދަޢުވަތުންނެވެ. މަޑުމަޑުން އެނދުގެ ބިއްދޮށަށް އޭނާ ޖެހިލުމާއެކު ތަންމަތީގައި އަތްތިލަ ޖައްސާލިއެވެ. އަސްލަން މަޑުމަޑުން އެނދުގައި އޮށޯވެލިއެވެ.
"ކަމް ހިއާ." ކަނާއަތްތިލަ ދަމާލުމާއެކު އަސްލަން ބުނެލިއެވެ. އެއާއެކު ނޯޔާ ގާތްވެލުމާއެކު ބޯއަޅާލީ އަސްލަން ދަމާލި އަތުގައެވެ.
"ތެދެއް ބުނަންތަ؟... އަހަރެން ވެސް ދާހިތެއްނުވޭ، މަލްކޮ ލިބުނު ފަހުން އަދިކިރިޔާ ދަތުރެއް މިލިބުނީ، ޖުނައިދަކީ ވަރަށް ރަނގަޅު ވެރިއެއް، މައިރާ ބަލިވާން ފެށި ހިސާބުން ދަތުރުތަކުގައި އަހަރެން ނުފޮނުވާ... އެހެންވެ މިފަހަރު އޭނާ ދާން ބުނީމަ ނޫނެކޭ ބުނަން ނުކެރުނީ." އަސްލަން މަސައްކަތް ކުރީ ނޯޔާއަށް ވިސްނައިދޭށެވެ.
"ކެއުމާ ހުރުން އޮތީ ކިހިނެއް؟، ހުރިހާކަމެއް ފައިނަލްވީއިރު އެކަން ނުބުނޭތަ؟" ނޯޔާ ވާހަކަދެއްކިއެވެ.
"އަހަރެމެން ތިބޭނީ ގެސްޓްހައުސްއެއްގައިކަން ބުނީ، ކާން ޖެހޭނީ ބޭރުން... އެކަމަށް ފައިސާ ދިނީ." އަސްލަން ބުންޏެވެ.
"މާދަންކަން ޔަގީންތަ ފުރަނީ." އަސްލަންގެ މޭގައި ފިރުމާލަމުން އޭނާއާ ގާތަށް ނޯޔާ ޖެހިލިއެވެ.
"އަހަރެން ގުޅާނަން، ނޯޔާ އެކަނިވަންޏާ، މަންމަ ގާތު ބުނެފާނަން މިބައިގަ އޮންނަން އަންނާށޭ، އަހަރެން އަންނަންދެން އަނުމް ގޮވައިގެން އަހަރެންގެ ކޮޓަރީގައި ނޯޔާ އޮންނަންވީނު."
"މަންމަ ނަޔަސް ރަނގަޅުވާނެ، އަހަރެން ބިރުގަނޭ... އަސްލަން ދާތީ، ނޭނގޭ... ފާޑެއްގެ ގޮތެއްވަނީ، ދުރުގަ ހުންނައިރު ކޮންމެ ކަމެއް ވެސް ހިނގާފާނެއޭ ހިތަށް އަރަނީ، އަހަރެންގެ ބޭނުން އަސްލަންއަށް ނެތިދާނޭ ހީވަނީ... އައި އޭމް ސޮރީ..." ނޯޔާގެ އަޑުގައިވި ހާސްކަމާއި ކަންބޮޑުވުން ސިއްރެއްނުވިއެވެ.
އަސްލަން އަރިއަކަށް ޖެހިލިއެވެ. ނޯޔާއާ ކުރިމަތިލިއެވެ. ދަތްދޮޅީގައި ހިފައި އެ މޫނު އުފުލާލި އިރު އެ ދެ ލޮލުގައިވި ކަރުނަ އަސްލަންގެ ހިތް ފޫ އަޅުވާލި ފަދައެވެ. ނޯޔާގެ ނިތުގައި ބޮސްދިނުމާއެކު އަސްލަންއާ ނުހަނު ގާތްކޮށްލިއެވެ.
"ނުރޮއްޗޭ..." ނޯޔާގެ ކޯތާފަތުގައި ބޮސްދީފައި ކަންފަތް ދޮށުގައި މަޑުމަޑުން ބުނެލިއެވެ.
ނޯޔާއަށް ނިދެންދެން އަސްލަން އެ ކޮޓަރީގައި އޮތެވެ. އޭނާ ދާންއުޅޭތީ ނޯޔާއަށް އެހާބޮޑަށް އަސަރުކޮށްފާނޭ ހިޔެއްނުކުރެއެވެ. އެ ދެ ލޮލުން ކަރުނު ފާޅުވުމުން އަސްލަންގެ ހިތަށް ތަދުވިއެވެ. ހަމައެއާއެކު އޭނާ އުފާ ވެސް ވިއެވެ. އެ ކަރުނަ އަސްލަންއަށް ބުނެދިނީ ނޯޔާގެ ނަޒަރުގައި އޭނާގޭ މުހިންމު ކަމެވެ.
* * * * *
ޖެހިގެން އައި ދުވަހެވެ. މެންދުރު މަލްސާ ގެނެސް ގެޔަށް ލާފައި ނުވެސް ކައި އަސްލަން ދިޔައީއެވެ. ހަވީރު ފުރަން އޮތްއިރު ތަންކޮޅެއް ކުރީން އަންނާނޭކަން ބުނެފައެވެ. ސާރާ ޓިއުޝަނަށް ގެންގޮސްލާފައި ނޯޔާ ގެއަށް އައި ވަގުތެވެ. ސޯފާއިން ސަބީނާ ތެދުވީ މަލްސާއާއި އަނުމް ބަލަން އިނދެފައެވެ.
"ހުރިހާ އެއްޗެއް ދަބަހަށް އެޅީތަ؟" ސަބީނާ އަހާލިއެވެ.
"އަޅައިފިން، އަސްލަން އައިސް ބެލީމަ އެނގޭނީ އެއްޗެއް ނުލެވި ހުއްޓަސް... ބުނީ ތަންކޮޅެއް ކުރީން މިއަދު އަންނާނަމޭ." ނޯޔާ ބުންޏެވެ.
"މަންމަ މިދަނީ އަސުރު ގަޑި ޖެހުމުގެ ކުރީން ކުޑަކޮށް ނިދާލާފަ ތެދުވަން." ސަބީނާ މިހެން ބުނެ ނުކުންނަން ދިޔައެވެ. އެޕާޓްމެންޓުގެ ބެލް ޖެހީ އެވަގުތެވެ. ނުކުންނަން އައި ސަބީނާ ދޮރު ހުޅުވާލުމާއެކު ނިކަން ހިނިތުންވެ ވާހަކަދައްކަން ފެށިއެވެ. ގޮނޑިން އަނުމް ނަގައި އުރާލާފައި ނޯޔާ ވެސް ބަލާލީ މަންމަ މާ ގާތްކޮށް ވާހަކަދައްކަނީ ކާކުކަން ނޭނގިގެންނެވެ. ނަމަވެސް އެމީހަކު ފެންނައިރަށް ނޯޔާގެ ޠަބީޢަތް ގޯސް ވެއްޖެއެވެ.
"ނޯޔާ، މަންމަ ދިޔައީ އިނގޭ." ދޮރުން ނުކުންނަމުން ސަބީނާ ގޮވާލިއެވެ. މަންމައަށް ޖަވާބުދީފައި ނޯޔާ ބަލާލީ ގޭތެރެއަށް ވަދެ ހުރި ލޫނާއަށެވެ.
"އަސްލަންވީ އޮފީހުގަ... އަދިނާދޭ." އަސަރެއް ނެތް ގޮތަކަށް ނޯޔާ ބުނެލިއެވެ.
"އޭނަ އަދި އެއުޅެނީ ސަލާމަތްނުވެގެން، އަހަރެން ކުރީބައިގެ ނިމުނީމަ ގެއަށް ދަމުން ވަދެލީ... އެއްޗެއް ބޭނުންވެގެން، އަސްލަން ދިންތަ އެއްވެސް އެއްޗެއް އަހަރެންނަށް ދޭން." ލޫނާ ބުންޏެވެ. ނޯޔާގެ ސިކުނޑީގައި ތަފާތު ވިންދެއް ޖަހާލިއެވެ. ނުބައި ތަދެއް ވެލިހެންނެވެ.
"ނުދޭ." ނޯޔާ ވަގުތުން ބުންޏެވެ.
"ހަމަނުދޭ... ބްރޫޗުކޮޅެއް، ފިނިފެންމަލެއްހެން އިން، ބުރުގާގަ ޖަހާ... އެރޭ... އެރޭ އަސްލަން ޖީބަށްލީ." ހަނދާންކުރާ ކަހަލަ ވައްތަރުތަކެއް ޖައްސަމުން ލޫނާ ވާހަކަދެއްކިއެވެ. ނޯޔާއަށް ވަގުތުން އެނގިއްޖެއެވެ. އަސްލަންގެ ޖީބުން އެ ދަތި ނެގީ ޚުދު އޭނާ ވިއްޔާއެވެ. ފޮރުވީ ވެސް އޭނާއެވެ.
"ނޭނގެ މަށަކަށް." ގަސްދުގައި ނޯޔާ ބުނެލިއެވެ. އަތުގައި އެބައޮތޭ ބުނެ ލޫނާގެ ކުރިމަތީ ދެރަވާން ނޯޔާ ބޭނުންނުވީއެވެ.
"އެހެންވީމަ އަސްލަން ނުބުނޭ ދޯ، އެނގޭނެކަމަށް ހީކޮށް ބަލާ މިއައީ... އަހަރެންގެ ވަރަށް ފޭވަރިޓް ދައްޗެއް އެއީ، ޚާއްޞަ މީހަކު ދިން އެއްޗެއްވީމަ، ވަރަށް އެހެންކަހަލަ ރެޔެއް އެއީ... އެހެންވެދާނޭ އަހަރެން ވެސް ހިޔެއްނުކުރަން، ނޯޔާއަށް މިކަހަލަ ވާހަކަތައް އަންޑަސްޓޭންޑެއް ނުވާނެ، އަސްލަން އަދި ސްލީޕެއް ނުކުރެއެއްނު ނޯޔާއާއެކު، މިހުރި ކޮޓަރީގަކަން އެނގޭ ނޯޔާ ބަހައްޓާފަ ހުންނަނީ، އެންމެފަހުން އައި ދުވަހު އަސްލަން ބުނި އެހެން... ސްލީޕްކުރާކަށް ބޭނުމެއްނޫނޭ، ކުދީންނަށްޓަކައި ތީ ވަރަށް މުހިންމު މީހަކޭ." ލޫނާ އެއްލި ވަޅި އަމާޒަށް ގޮސް ނޯޔާގެ ގަޔަށް ހެރިއްޖެކަން އެމޫނުން ފާޅުވި އަސަރުތަކުން ކަށަވަރުވިއެވެ. ނޯޔާގެ ކައިރިން ކުރި ލިބުނު ކަމުގެ ވިހަ ހިނިތުންވުމެއް ލޫނާގެ ތުންފަތަށް ވެރިވިއެވެ.
"އަސްލަން ވެސް މިދަތުރަށް ވަރަށް ރެޑީވާނެ، މީ ވަރަށް މުހިންމު ދަތުރެއް، އަހަރެން ވެސް ވަރަށް ގިނަ ކަންކަން ކުރަންވެފަ އެބަހުރި، ދަނީ އިނގޭ... ހިތްހެޔޮ ކުރާތި." ލޫނާ މިހެން ބުނެ އެޕާޓްމެންޓުން ނުކުތީއެވެ.
އަތުތެރޭ އުރާލައިގެން ހުރި އަނުމްގެ ގައިގާ ބާރަށް ނޯޔާ ހިފަހައްޓާލިއެވެ. ކުރިމަތީގައި ލޫނާ ހުރެފައި ނުކުމެގެން އެ ދިޔައީ އެ މޭގެ ފުނަށް ވައްދާލުމަށްފަހު ވަޅި އުފުރާލައިގެން ކަހަލައެވެ.
"އަސްލަން..." ވައިއަޑުން ނޯޔާއަށް ބޭއިޚްތިޔާރުގައި ކިޔާލެވުނެވެ.
(ނުނިމޭ)