އިލެކްޝަންސް ކޮމިޝަން

މައި މަރުކަޒުން ފޮށިތަކެއް ނެރެން އުޅުމުން ހުރަސް އަޅައިފި

އިންތިހާބާ ބެހޭ މައިމަރުކަޒު ބާ ޖަމާލުއްދީން ތެރެއިން ބަންދުކޮށްފައި ހުރި ފޮށިތަކެއް ނެރެން އުޅުމުން އިދިކޮޅު ކޯލިޝަންގެ ސަޕޯޓަރުން އެކަމަށް ހުރަސް އަޅާ ފޮށިތަކުގައި ހުރި ތަކެތި ދެއްކުމަށް އެދިއްޖެ އެވެ.

އަވަސްއާ ވާހަކަދައްކަމުން ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް (ސެންބެ) ވިދާޅުވީ އިންތިހާބުގެ ނަތީޖާ ބަދަލު ކުރަން އެމްޑީޕީން ކުރަމުންދާ މަަސައްކަތްތަކާއި ގުޅިގެން ޕީޕީއެމްގެ ކެންޑިޑޭޓުންގެ ޝަކުވާތައް ހުށައެޅުމަށް ގާނޫނީ ވަކީލުންގެ ޓީމާއެކު އިންތިހާބާބެހޭ މައިމަރުކަޒަށް މިރޭ ދިޔައިރު އެތަނުގައި ތިބި ޕީޕީއެމްގެ ސަޕޯޓަރުންނަށް ނިސްބަތްކޮށް އެވަގުުތު ޑިއުޓީގައި ހުރި ފުލުހަކު "ކަލޭމެންގެ ހައްގެއް ނޯންނާނެ" ކަމަށް ބުނެފައިވާ ކަމަށެވެ.

އެކަމާއި ގުޅިގެން ޝަކުވާ ކުރަމުން ދަނިކޮށް އަމިއްލަ މީހަކު ދުއްވާ ޕިކަޕެއްގައި ބަންދުކޮށްފައިވާ ކަރުދާސް ފޮށިތަކެއް ނެރެން މަަސައްކަތް ކުރުމުން ސަޕޯޓަރުން އެކަމަށް ހުރަސް އަޅާ ފޮށިތަކުގައި ވަނީ ކޮން އެއްޗެއްކަން ސާފުކޮށް ދިނުމަށް އެދުނު ކަމަށެވެ. އެކަމާއި ގުޅިގެން މިހާރު ދަނީ ފޮށިތައް ޕީޕީއެމްގެ އިސް ބޭފުޅެއްގެ ހާޒިރުގައި ކަނޑަމުންނެވެ. މަރުކަޒުގައި ހުންްނެވީ ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއީލެވެ.

މެންބަރު ހުސައިން ވިދާޅުވީ އިންތިހާބަށް ނުފޫޒު ފޯރުވާ ނަތީޖާ ބަދަލުކުރަން މަސައްކަތް ކުރާ ކަމުގެ ތުހުމަތު ބޮޑުވެފައިވަނިކޮށް މައި މަރުކަޒުން އެފަދަ ގޮތަކަށް ފޮށިތަކެއްގައި ބަންދުކޮށްގެން އެއްވެސް އެއްޗެއް ނެރުމަކީ ކަންބޮޑުވާނެ ކަމެއް ކަމަށެވެ.

"ޕިކަޕުގައި ތަރުފާލު އަޅައިގެން ފޮރުވައިގެން ނެރެން އުޅުނީ. އަޅުގަނޑުމެންގެ ސަޕޯޓަރުން އެކަން ހުއްޓުވާފަ އެދުނީ ފޮށިތަކުގައި ހުރީ ކޮން އެއްޗެއްތޯ ބުނެދިނުމަށް. އެއީ މިހާލަތުގައި ހަގީގަތުގައި ކޮށްގެންވާނެ ކަމެއްވެސް ނޫން. އަނެއްކާ މި ބުނަނީ އެއީ އޮފިޝަލަކު ގެންގުޅޭ އޭނާގެ އަމިއްލަ އެއްޗެހިތަކެކޭ. އެއީ ގަބޫލުކުރެވޭނެ ވާހަކަތަކެއް ނޫން،" ހުސައިން ވިދާޅުވިއެވެ.

ހުސައިން ވިދާޅުވީ މައި މަރުކަޒުގައި އެއްވެސް ރައްކާތެރިކަމެއް ނެތް ކަމަށާ މުޅި ތަނުގައި ޑިއުޓީ ކުރަމުން އައީވެސް އެންމެ ފުލުހެއް ކަމަށެވެ. މައްސަލަ ބޮޑުވެ ފުލުހުންގެ ޓީމެއް މިވަގުތު އޮތް ނަމަވެސް ވޯޓް ފޮށިތަކުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ފުލުހުންގެ ސެކިއުރިޓީ ވަރުގަދަ ކުރަން ޖެހޭ ކަމަށްވެސް މެންބަރު ވިދާޅުވިއެވެ.

"މިތަނަށް އެތަށް ބަޔަކު ވަދެ ނިކުމެ އެބަ ހަދާ. މިއީ ވޯޓްގެ ކަންކަން ބަލަހައްޓާ މައިމަރުކަޒު. މިތަނަށް ވަދެ ނިކުމެ އުޅެނީ ކޮން ބައެއްކަމެއް ފުލުސް މީހާއަކަށްވެސް ނޭންގެ. އަޅުގަނޑުމެން މި އެދެނީ ވޯޓްފޮށިތަކުގެ ސެކިއުރިޓީ ޔަގީން ކޮށްދޭށޭ،" ހުސައިން ވިދާޅުވިއެވެ.

އެ ސަރަހައްދުގައި ހުރި އަވަސްގެ ރިޕޯޓަރު ބުނީ ބައެއް ފޮށި ފޮށީގައި ހުރީ އަންނައުނު ކަމަށެވެ. ބެލެވެނީ އޮފިޝަލުން ލާ ގެންގުޅުނު އަންނައުނު ކަމަށެވެ.