ދުނިޔެ

އަބްދުﷲ ރަސްގެފާނާއި އަމީރު ހަމްޒާ އެކުގައި، އާއިލާ ވެސް އެކުގައި

އުރުދުންގައި ޝާހީ އާއިލާތެރޭގައި ހިނގައިދިޔަ ހަމަނުޖެހުންތަކަށް ފަހު އާއިލާ އެކުވެ ބައްދަލު ކުރައްވައިފި އެވެ. އުރުދުންގައި ވަކި ވެރިކަމެއް އޭޕްރީލް 11، 1921 ގައި ގާއިމުކޮށް ރަސްކަންކުރަން ފެށި ފަހުން 100 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން ބޭއްވި ހަފުލާތަކުގައި އަބްދުﷲ ރަސްގެފާނާއި ޕްރިންސް ހަމްޒާ ބިން އަލްހުސައިން އަދި ވަލީއަހުދު ހުސައިން ބިން އަބްދުﷲ ބައިވެރިވެ ވަޑައިގެންނެވި އެވެ.

އަބްދުﷲ ރަސްގެފާނައި ކޮއްކޯފުޅު އަމީރު ހަމްޒާ އެކުގައި ފެނިވަޑައިގަތުމުން ޝާހީ އާއިލާ ސުލްހަވެފައި އޮތް ކަމަށް ވަނީ ބެލެވިފަ އެވެ.

އަބްދުﷲ ރަސްގެފާނަށާއި ސަރުކާރަށް ބަދުބަސް ވިދާޅުވުމަށް ފަހު އަމީރު ހަމްޒާ މި މަހު ކުރީކޮޅު ވަނީ ޝާހީ އާއިލާގެ ހަމަޖެހުން ނަންގަވާލައްވާފަ އެވެ. އަމީރު ވިދާޅުވި ގޮތުން ގައުމު ހިންގުމުގައި ސަރުކާރު ވަނީ ފެއިލްފެފަ އެވެ. އެއަށް ފަހު ޝާހީ ޚާންދާންގައި މެމްބަރުންގެ މެދުގައި ވަނީ ބަސްމަގު ކަފިވެފަ އެވެ.

އަމީރު ހަމްޒާ އާންމު ކުރެއްވި މެސެޖެއްގައި ވިދާޅުވެފައި ވަނީ އޭނާ ހުންނެވީ ގޭ ބަންދުގައި ކަމަށާއި މީހުންނާ ބައްދަލު ކުރައްވައި މުއާމަލާތް ކުރެއްވުމުން މަނާ ކޮށްފައި ކަމަށެވެ.

ޝާހީ ހާންދާނުން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން ހަމްޒާ މަސައްކަތް ކުރައްވާފައި ވަނީ ވެރިކަމުގައި އަމީރުގެ ދައުރު ވަރުގަދަ ކުރެއްވުމަށެވެ. އަދި ގަބީލާތަކުން އެހީތެރިކަށް ހޯއްދަވައި ޝާހީ ވެރިކަން ހަލުވާލެއްވުމަށެވެ.

އަމީރު ހަމްޒާއަށް ވިސްނި ވަޑައިގެން ރަސްގެފާނަށާއި ޝާހީ ހާންދާނަށް ވަފާތެރިވެ ވަޑައިގަތުމަށް ފަހުން އެއްބަސްވެ ވަޑައިގެންނެވި އެވެ. އަދި ގައުމުގެ މަސްލަތު ގެއްލޭ ފަދަ އެއްވެސް ކަމެއްގައި ޝާމިލްވެ ވަޑައިނުގަންނަވާނެ ކަމަށް ވިދާޅުވެ ބޮޑުބޭބޭފުޅު އަބްދުﷲ ރަސްގެފާނަށް ބައިއަތު ހިއްޕެވި އެވެ.