ދުނިޔެ

ސުއޭޒް ކެނަލް: ބޯޓު ދޫކޮށްލާނީ ބަދަލު ދިނުމުން ކަމަށް މިސްރުން ބުނެފި

ސުއޭޒް ކެނަލްގައި ތާށިވެ މަގުބަންދުމުގެ ސަބަބުން ލިބުނު ގެންލުންތަކަށް ބަދަލުނުދެނީސް ބޯޓޫ ދޫކޮށްނުލެވޭނެ ކަމަށް މިސްރުން އަންގައިފި އެވެ. ސުއޭޒް ކެނަލް އޮތޯރިޓީގެ ވެރިޔާ އުސާމާ ރާބީ ވިދާޅުވީ ސުވާލުކުރެވޭ މީހުން ސައްހަ މައުލޫމާތު ދެންދެން އަދި ކެނަލް ބަންދުވުމުގެ ސަބަބުން ލިބުނު ގެއްލުމަށް ބަދަލު ދައްކަންދެން ކާގޯ ބޯޓް، "އެވާ ގިވަން" މިސްރުން ދޫކޮށްނުލާނެ ކަމަށެވެ.

"އަޅުގަނޑުމެން އުންމީދުކުރަނީ އަވަސް އެއްބަސްވުމަކަށް އާދެވޭނެ ކަމަށް،" އުސާމާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ބަދަލުދޭން އެއްބަސްވާހާ އަވަހަކަށް ބޯޓު ދޫކޮށްލާނެ ކަމަށެވެ.

"އެމްވީ އެވާ ގިވަން" ކާގޯ ބޯޓް ސުއޭޒް ކެނަލްގައި ތާށިވީ މާޗް 23، އަންގާރަ ދުވަހު އެވެ. ޖަޕާން ކުންފުންޏަކަށް މިލްކުވެރިކަން އޮންނަ 400 މީޓަރު ދިގު ބިޔަ ބޯޓު ތާށިވީ ޗައިނާއިން މުދާބަރުކޮށްގެން ނެދަލޭންޑްސްއަށް 220،000 ޓަނުގެ މުދަލާއެކު ދަތުރުކުރަނިކޮށެވެ.

ސުއޭޒް ކެނަލްގައި ކޮންޓެއިނާ ބޯޓު ތާށިވިފަހުން ކަނޑުއޮޅި މުޅިން ބަންދުވެ ދަތުރުފަތުރަށް ވަރަށް ބޮޑު އުނދަގުލެއް ކުރިމަތިވި އެވެ. މާޗް މަސް ނިމުނުއިރު ވެސް ކިޔޫގައި 309 ބޯޓު އޮތް ކަމަށް ސުއޭޒް ކެނަލް އޮތޯރިޓީން ވަނީ ބުނެފަ އެވެ. މިކަމާ ގުޅިގެން ލިބުނު ގެއްލުންތަކަށް މިސްރުން ބަދަލުހޯދާނެ ކަމަށް ކުރިން ވެސް ބުންޏެވެ.

އުސާމާ ވިދާޅުވި ގޮތުން ސުއޭޒް ކެނަލް އޮތޯރިޓީން އަންދާޒާކުރާ ގެއްލުތަކަށް އެއްބިލިއަން ޑޮލަރު އަރާނެ އެވެ. އޭނާ ވިދާޅުވީ ބޯޓު އޮޕަރޭޓްކުރާ ކުންުފުނިން މިބަދަލުދޭންޖެހޭނެ އެވެ. ބޯޓު ތާށިވެފައި އޮތުމުން ލިބުނު ގެއްލުމުގެ އިތުން ފުންކުރަން ކުރި މަސައްކަތްތަކަށް ވެސް އަގުދައްކަން ޖެހޭނެ އެވެ.

ސުއޭޒް ކެނަލްގައި ބޯޓު ތާށިވީ ޓެކްނިކަލް މައްސައަލަކުން ކަމަށް ވެދާނެ ކަމަށް އުސާމާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ކެޕްޓަންގެ އޯޑަރަށް ފަޅުވެރިން ތަބާނުވި މައްސަލައެއް މިހާރު ބަލަމުން އަންނަ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުން ސުއޭޒް ކެނަލަކީ ރައްކާތެރި މަގެކެވެ. އަދި މިސްރުގެ ސިފައިން އެ ސަރަހައްދުގެ ރައްކާތެރިކަށް ކަށަވަރުކޮށްދެ އެވެ.