ދުނިޔެ

"އެކްސިޑެންޓެއް ނޫން، ޓެރަރިސްޓް ހަމަލާއެއް"

އީރާންގެ ނަތަންޒް ނިއުކްލިއާ މަރުކަޒުން ކަރަންޓް ކަނޑައިގެން ދިއުން އެއީ އެކްސިޑެންޓަކުން ހިނގި ކަމެއް ނޫން ކަމަށާއި އެއީ ޓެރަރިސްޓް ހަމަލާއެއް ކަމަށް އެ ގައުމުން ބުނެފި އެވެ. އެޓޮމިކް އެނާޖީ އޮގަނައިޒޭޝަންގެ ވެރިޔާ، އަލީ އަކްބަރު ސާލިހް ވިދާޅުވީ މި ހަމަލާ އަކީ ބަޔަކު ގަސްދުގައި ރާވައިގެން ދިން ހަމަލާއެއް ކަމަށާއި ބޭނުމަކީ މިހާރު ވިއެނާގައި އެމެރިކާއާއެކު ކުރިއަށްދާ ނިއުކްލިއާ މަޝްވަރާތަކަށް ހުރަސް އެޅުން ކަމަށެވެ.

ސާލިހް މިހަމާ ވަރަށް ބޮޑަށް ކުށްވެރި ކުރެއްވި އެވެ. އަދި ވިދާޅުވީ އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އޭޖެންސީން މި މައްސަ ބައްލަވައި މަސްލަހަތަށްޓަކައި ގޮތެއް ނިންމަވަން ޖެހޭ ކަމަށެވެ. އީރާނުން ތުހުމަތުކުރަނީ މިއީ އިޒްރޭލުން ދިން ހަމަލާއެއް ކަމަށެވެ.

އީރާނުން ޔޫރޭނިއަމް ފައްކާ ކުރަނީ ބިމުއަޑީގަ އެވެ. އެހެން ކަމުން ބިމުން މަތީގައި ފެންނަން ހުންނަ ނަތަންޒް މަރުކަޒަކީ ރަމްޒީ އިމާރާތެއް ކަމަށް ވެސް ބުނެވި ދާނެ އެވެ.

ނަތަންޒް ނިއުކްލިއާ މަރުކަޒުން ކަރަންޓް ކަނޑައިގެން ގޮސްފައި ވަނީ ޔޫރޭނިއަމް ފައްކާކުރާ ނިޒާމްތައް ފެންވަރު މަތިކޮށްފައި ވަނިކޮށެވެ. އިޒްރޭލްގެ ޖަސޫސީ އިދާރާ މޮސާދުން ރާވައިގެން މީގެ ކުރިން ވެސް މިމަރުކަޒަށް ހަމަލާދީފައިވެ އެވެ. ބޭނުމަކީ އީރާން ރުޅިއަރުވައި ގޯސް ހެއްދުމެވެ.

އެމެރިކާގެ ވެރިކަން ބަދަލުވެ، ޖޯ ބަައިޑަން ސަރުކާރާ ހަވާލުވި ފަހުން ގެންގުޅުއްވަނީ އީރާނަށް ލުއިދެއްވުމުގެ ސިޔާސަތެކެވެ. ޓްރަމްޕް ސަރުކާރުން ހުއްޓާލާފައި އޮތް ނިއުކްލިއާ އެއްވަސްވުން އަލުން އެކުލަވާލައި ކޮންމެވެސް ވަރަކަށް އީރާން ރުއްސޭތޯ ވެސް އެމެރިކާއިން ބަލަ އެވެ.

އިޒްރޭލް ދެކޭ ގޮތުގައި ބައިޑަން ހައްދަވަނީ ގޯހެކެވެ. އީރާން އޮންނަން ޖެހޭނީ ޓްރަމްޕް ހެއްދެވި ގޮތަށް ކުޑަކަކޫމަތީގަ އެވެ. ނިއުކްލިއާއޭ ބުނެވޭ ލަފުޒު ވެސް އީރާނަށް ބަންދުވާންޖެހޭނެ އެވެ. އީރާނަށް އެހާ ބޮޑަށް ދަތިކޮށްފައި އޮންނައިރު ވެސް ނިއުކްލިއާ މަސައްކަތްތައް ދަނީ ބޮމަކާ ދިމާއަށެވެ.