ލޯކަލް ކައުންސިލްތަކުގެ އިންތިހާބު

ހޮޅުދޫ ކައުންސިލަށް ދެމަފިރިން އިންތިހާބު ވެއްޖެ

Apr 12, 2021
6

ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަ ކުރި ދެމަފިރިޔަކު ނ. ހޮޅުދޫ ކައުންސިލަށް އިންތިހާބު ވެއްޖެ އެވެ.

އެއީ ޕީޕީއެމްގެ ޓިކެޓްގައި ވާދަ ކުރެއްވި އުމުރުން 46 އަހަރުގެ މުހައްމަދު އަލީ އާއި އުމުރުން 43 އަހަރުގެ މަރިޔަމް ވަހީދާ އެވެ. މި ދެ ބޭފުޅުން ކައިވެނި ކުރެއްވީ މީގެ މަހެއްހާ ދުވަސް ކުރިންނެވެ.

މި ދެމަފިރިންގެ ތެރެއިން މަރިޔަމް ވަހީދާ ހޮޅުދޫ ކައުންސިލަށް އިންތިހާބުވީ އަންހެނުންނަށް ހާއްސަ ކުރި ދެ ގޮނޑީގެ ތެރެއިން ގޮނޑިއެއް ކާމިޔާބު ކުރައްވައިގެންނެވެ. މިއީ އޭނާ ވާދަކުރެއްވި ފުރަތަމަ އިންތިހާބެވެ.

ހޮޅޫ ކައުންސިލަށް އިންތިހާބުވި ކެންޑިޑޭޓުންގެ ތެރެއިން އެންމެ ގިނަ ވޯޓު ކާމިޔާބު ކުރެއްވީ ވެސް މި ދެމަފިރިންނެވެ. އެގޮތުން މަރިޔަމް ވަހީދާއަަށް 728 ވޯޓު ލިބުނުއިރު މުހައްމަދު އަލީއަށް 609 ވޯޓެވެ. އެންމެ ގާތުން ވާދަކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓް އަހްމަދު އިރުފާނަށް ލިބުނީ 580 ވޯޓެވެ.

މުހައްމަދު އަލީ ވަނީ 2014 އިން 2017 އަށް ނ. އަތޮޅު ކައުންސިލްގެ ހޮޅުދޫ ދާއިރާގެ ކައުންސިލަރު ކަމަށްވެސް އިންތިހާބުވެފަ އެވެ. ނަމަވެސް މިހާރު ދައުރު ހަމަވެފައިވާ ކައުންސިލަށް އޭނާ ކުރިމަތިލާފައެއް ނުވެ އެވެ.

އަވަސް އަށް މިއަދު މައުލޫމާތު ދެއްވަމުން މުހައްމަދު އަލީ ވިދާޅުވީ މަރީއާ ކައިވެނި ކުރީ އޭނާގެ ކުރީގެ އަންހެނުން ގިނަ ދުވަސްތަކަކު ބަލިވެ އުޅުމަށްފަހު ނިޔާވުމުން ކަމަށެވެ. މަރީއާއި އޭނާގެ ދިރިއުޅުން އުފާވެރިކަން ކުރިއަށްދާ ކަން ފާހަގަކުރައްވަމުން މުހައްމަދު އަލީ ވިދާޅުވީ ބޭނުންވަނީ ދެމަފިރިން ގުޅިގެން އަދި އެހެން ކައުންސިލަރުން ވެސް ބައިވެރިކޮށް ރައްޔިތުން އުފާވާ ކަހަލަ ކަންތައްތަކެއް ހޮޅުދޫއަށް ކޮށްދޭން ކަމަށެވެ.

"ހޮޅުދޫ ރައްޔިތުންގެ ލޯބި އަޅުގަނޑުމެން ދެ މީހުންނަށް އޮތް ކަން އެބަ އެނގޭ ދެއްތޯ ވޯޓު ދީފައި ހުރި ގޮތުން. އެހެންވީމާ އަޅުގަނޑުމެން ވެސް އެކަން ހަނދާނުގައި ބަހައްޓައިގެން ރައްޔިތުން އުފާވެރިވާ ކަހަލަ ހިދުމަތްތަކެއް ފޯރުކޮށްދޭނަން،" މުހައްމދު އަލީ ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ދެމަފިރިން ކައުންސިލްގައި މަސައްކަތް ކުރެއްވި ނަމަވެސް އެއްވެސް މީހަކު ތަފާތުކޮށްގެން އެއްވެސް ކަމެއް ނުކުރައްވާނެ ކަމަށެވެ. އަދި ގާނޫނާ ހިލާފު އެއްވެސް ކަމެއް ނުކުރައްވާނެ ކަމުގެ ޔަގީންކަން ވެސް ދެއްވި އެވެ.

މުހައްމަދު އަލީގެ ކުރީގެ ކައިވެންޏަށް ފިރިހެން ކުއްޖެއް ލިބިފައިވާއިރު މަރިޔަމް ވަހީދާގެ ކުރީގެ ކައިވެންޏަށް ވެސް ކުއްޖަކު ލިބިފައިވެ އެވެ.