ޑރ. މުހައްމަދު މުއިއްޒު

ސަލްމާން މިސްކިތް ހުޅުވުން ލަސްވާތީ ކަންބޮޑުުވުން

ރޯދަ މަސް ފެށޭއިރު ވެސް ކިންގް ސަލްމާން މިސްކިތް ހުޅުވުން ލަސްވާތީ މާލޭގެ މޭޔަރު ކަމަށް އިންތިހާބުވެ ވަޑައިގެންފައިވާ ޑ. މުހައްމަދު މުއިއްޒު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ޕީޕީއެމްގެ ނައިބް ރައީސް ކަން ވެސް ކުރައްވަމުން ގެންދަވާ ޑރ. މުއިއްޒު ވިދާޅުވީ ރޯދަ މަސް ފެށޭއިރު ވެސް ކިންގް ސަލްމާން މިސްކިތް ނުހުޅުވޭތީ ހިތާމަކުރައްވާ ކަމަށެވެ.

"މާލޭގެ ރައްޔިތުންނަށް އަދި މާލެއަަށް ޒިޔާރަތްކުރާ ރައްޔިތުންނަށް އެ މިސްކިތްތަކުގެ ބޭނުން ހިފޭނެ ގޮތް ސަރުކާރުން ވީހާވެސް އަވަހަށް ހައްދަވައިދެއްވުމަކީ އަޅުގަނޑުމެން އެންމެންގެ އިލްތިމާސް،" މުއިއްޒު ވިދާޅުވެފައިވެ އެވެ.

ކިންގް ސަލްމާން މިސްކިތް ހުޅުވުން ލަސްވާތީ މީގެކުރިން ވެސް މުއިއްޒު ތަކުރާރުކޮށް ކަންބޮޑުވުން ފާޅުކުރައްވާފައިވެ އެވެ.

މާލޭގެ މޭޔަރު ކަމާ އޭނާ ހަވާލުވެވަޑައިގަތުމަށްފަހު މާލޭގެ މިސްކިތްތައް ސާފުތާހިރުކޮށް ބޭއްވުމަށް ހާއްސަ އިސްކަމެއް ދެއްވައިގެން މަސައްކަތް ކުރައްވާނެ ކަމުގައިވެސް މުއިއްޒު ގެންދަވަނީ ވިދާޅުވަމުންނެވެ.

ކިންގް ސަލްމާން މިސްކިތް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އިމާރާތް ކުރަން ފެށިއިރު ހައުސިން މިނިސްޓަރަކަށް ހުންނެވީ ޑރ. މުހައްމަދު މުއިއްޒު އެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހް މިދިޔަ މަހުގެ 10 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ވަނީ ކިންގެ ސަލްމާން މިސްކިތް ހުޅުވުން ލަސްވާ ސަބަބާ ގުޅޭގޮތުން ރައީސް އަށް ސުވާލު ދަންނަވާފަ އެވެ. ރައީސް ވިދާޅުވީ ސަލްމާން މިސްކިތް ހުޅުވަން ކުރިން ނިންމާފައި އޮތީ ސައުދީ ސަރުކާރުގެ އިސްބޭފުޅުންތަކެއް ރާއްޖެ ވަޑައިގެން އެ ބޭފުޅުން އެތަން ހުޅުވައި ދެއްވާ ގޮތަށް ކަމަށެވެ. ނަމަވެސް ކޮވިޑާ ގުޅިގެން އެ ބޭފުޅުން ރާއްޖެ ވަޑައިގަތުމަށް ދަތިތަކެއް ހުރުމުން އެ މިސްކިތް އަދިވެސް ނުހުޅުވި ހުރީ ކަމުގައި ވިދާޅުވި އެވެ.

އަދި އޭގެފަހުން އިސްލާމިކް މިނިސްޓަރު އަހްމަދު ޒާހިރު އަލީ އަވަސް އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ މާދަމާ ފެށޭ ރޯދަ މަހަށް މިސްކިތް ނުހުޅުވޭނެ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ މިސްކިތުގައި އަދިވެސް ފުރިހަމަ ކުރަން ޖެހޭ ގިނަ މަސައްކަތްތަކެއް އެބަހުރި ކަމަށާ އެކަމަށް ބޭނުންވާ ފައިސާ ހޯދުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އެހެންކަމުން މުޅި މިސްކިތް ފުރިހަމަކޮށްގެން މި ރޯދަ މަހަށް މިސްކިތް ނުހުޅުވޭނެ ކަމުގައި ވިދާޅުވި އެވެ.

ސަލްމާން މިސްކިތަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެންމެ ބޮޑު އިސްކަމެއްް ދީގެން ކުރިއަށް ގެންދިޔަ މަޝްރޫއުތަކުގެ ތެރޭގައި ހިމެނޭ މަޝްރޫ އެކެވެ.

ކިންގް ސަލްމާން މިސްކިތް އެޅުމަށް ތުރުކީގެ ޓާމެކްސް ކުންފުންޏާ ހަވާލުކޮށްފައިވަނީ ފެބްރުއަރީ 28، 2017 ގައެވެ. މިމަސައްކަތް 24.95 މިލިއަން ޑޮލަރު (370 މިލިއަން ރުފިޔާ) އަށް ހަވާލުކުރީ އޯގަސްޓް 2018 ގައި މިސްކިތުގެ މަސައްކަތް ނިންމުމަށް ޝަރުތުކޮށްފަ އެވެ. ނަމަވެސް އެ ތާރީހަށް މިސްކިތުގެ މަސައްކަތް އޭރު ނިންމާލެވިފައެއް ނުވެ އެވެ. ފަހުން މިސަރުކާރުން ވެރިކަމާ ހަވާލުވުމަށްފަހު ކިންގް ސަލްމާން މިސްކިތް ހުޅުވުމަށް ތަފާތު އެކި ތާރީހުތައް ވެސް ދީފައިވެ އެވެ. ނަމަވެސް އެއިން އެއްވެސް ތާރީހަކަށް އެ މިސްކިތް ހުޅުވޭ ގޮތެއް ނުވި އެވެ.