ކިންގް ސަލްމާން މިސްކިތް ހުޅުވުން ލަސްވަނީ މިސްކިތުގައި ކޮންމެހެން ހުންނަންޖެހޭ ބައެއް ވަސީލަތްތައް ގާއިމު ކުރެވިފައި ނުވާތީ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ގިނަ ހިދުމަތްތަކެއް ދެވޭ ގޮތަށް އެ މިސްކިތް އިމާރާތް ކޮށްފައި ވިޔަސް އަދިވެސް އެތަނުގައި ގާއިމުކުރަން ޖެހޭ ބައެއް ވަސީލަތްތައް ގާއިމުކުރެވިފައި ނުވާ ކަމަށެވެ.
މިސްކިތް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވުމަށް ސައުދި އަރަބިއްޔާގެ ވަފްދެއް ރާއްޖެ ވަޑައިގަތުމަށް އެ ގައުމުން ޝައުގުވެރިކަން ފާޅުކޮށްފައިވީ ކޮވިޑް-19ގެ ހާލަތުގެ ސަބަބަބުން ވަފްދުގެ ބޭފުޅުންނަށް ރާއްޖެ ވަޑައިގަތުމަށް މިވަގުތަށް ދަތިތަކެއް ހުރުމަކީ ވެސް މިސްކިތް ހުޅުވުން ލަސްވާ ސަބަބެއް ކަމަށް މިނިސްޓްރީން ބުނެ އެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހް މިދިޔަ މަހުގެ 10 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ވަނީ ކިންގް ސަލްމާން މިސްކިތް ހުޅުވުން ލަސްވާ ސަބަބާ ގުޅޭގޮތުން ރައީސް އަށް ސުވާލު ދަންނަވާފަ އެވެ. ރައީސް ވިދާޅުވީ ކިންގް ސަލްމާން މިސްކިތް ހުޅުވަން ކުރިން ނިންމާފައި އޮތީ ސައުދީ ސަރުކާރުގެ އިސްބޭފުޅުންތަކެއް ރާއްޖެ ވަޑައިގެން އެ ބޭފުޅުން އެތަން ހުޅުއްވައި ދެއްވާ ގޮތަށް ކަމަށެވެ. ނަމަވެސް ކޮވިޑާ ގުޅިގެން އެ ބޭފުޅުން ރާއްޖެ ވަޑައިގަތުމަށް ދަތިތަކެއް ހުރުމުން އެ މިސްކިތް އަދިވެސް ނުހުޅުވި ހުރީ ކަމުގައި ރައީސް ވެސް ވިދާޅުވި އެވެ. ނަމަވެސް މިއަދު މި ފެށުނު ރޯދަ މަހަށް ނުރަސްމީކޮށް މިސްކިތް ހުޅުވަން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް އެ ދުވަހު ރައީސް ސޯލިހު ވިދާޅުވި އެވެ.
އެކަމަކު އޭގެފަހުން އިސްލާމިކް މިނިސްޓަރު އަހްމަދު ޒާހިރު އަލީ އަވަސް އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ މިއަދު މި ފެށުނު ރޯދަ މަހަށް މިސްކިތް ނުހުޅުވޭނެ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ މިސްކިތުގައި އަދިވެސް ފުރިހަމަ ކުރަން ޖެހޭ ގިނަ ކަންތައްތަކެއް އެބަހުރި ކަމަށެވެ. އެކަމަށް ބޭނުންވާ ފައިސާ ހޯދުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި އެހެންކަމުން މުޅި މިސްކިތް ފުރިހަމަކޮށްގެން ރޯދަ މަހަށް މިސްކިތް ނުހުޅުވޭނެ ކަމުގައިވެސް ވިދާޅުވި އެވެ.
ކިންގް ސަލްމާން މިސްކިތް ހުޅުވުން ލަސްވާ ސަބަބު އިސްލާމް މިނިސްޓްރީން ހާމަކޮށްފައި މިވަނީ އެ މިސްކިތް ހުޅުވުން ލަސްވާތީ ކަންބޮޑުވެ ވަޑައިގެން މާލޭގެ މޭޔަރު ކަމަށް އިންތިހާބުވެ ވަޑައިގެންފައިވާ ޑރ. މުހައްމަދު މުއިއްޒު އިއްޔެ ކުރެއްވި ޓްވީޓަކާ ގުޅިގެންނެވެ.
"މާލޭގެ ރައްޔިތުންނަށް އަދި މާލެއަަށް ޒިޔާރަތްކުރާ ރައްޔިތުންނަށް އެ މިސްކިތުގެ ބޭނުން ހިފޭނެ ގޮތް ސަރުކާރުން ވީހާވެސް އަވަހަށް ހައްދަވައިދެއްވުމަކީ އަޅުގަނޑުމެން އެންމެންގެ އިލްތިމާސް،" މުއިއްޒު ވިދާޅުވެފައިވެ އެވެ.
ކިންގް ސަލްމާން މިސްކިތް ހުޅުވުން ލަސްވާތީ މީގެކުރިން ވެސް މުއިއްޒު ތަކުރާރުކޮށް ކަންބޮޑުވުން ފާޅުކުރައްވާފައިވެ އެވެ.
މާލޭގެ މޭޔަރު ކަމާ އޭނާ ހަވާލުވެވަޑައިގަތުމަށްފަހު މާލޭގެ މިސްކިތްތައް ސާފުތާހިރުކޮށް ބޭއްވުމަށް ހާއްސަ އިސްކަމެއް ދެއްވައިގެން މަސައްކަތް ކުރައްވާނެ ކަމުގައިވެސް މުއިއްޒު ގެންދަވަނީ ވިދާޅުވަމުންނެވެ.