މާލޭގެ މޭޔަރު ކަމަށް އަމިއްލަ ގޮތުން ކުރިމަތިލެއްވި ކެންޑިޑޭޓް އަލްހާން ފަހްމީއަށް ލިބިވަޑައިގެންނެވީ 275 ވޯޓު ކަން އިލެކްޝަންސް ކޮމިޝަންގެ ވަގުތީ ނަތީޖާ އިން ހާމަވެއްޖެ އެވެ. މިއީ މާލޭގައި މޭޔަރު ހޮވުމަށް ވޯޓުލީ މީހުންގެ އެއް ޕަސެންޓެވެ.
މާލޭގެ މޭޔަރު އިންތިހާބުގައި އަލްހާނާ އެކު ވާދަކުރެއްވީ އެމްޑީޕީގެ ޓިކެޓްގައި އަނަސް އަބްދުﷲ އަބްދުއްސައްތާރާއި، ޕީޕީއެމްގެ ޓިކެޓްގައި ޑރ. މުހައްމަދު މުއިއްޒު އެވެ.
މާލޭގެ މޭޔަރަކު ހޮވުމަށް ބޭއްވި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ 51،702 މީހުންގެ ތެރެއިން ވޯޓު ލާފައިވަނީ 21،091 މީހުންނެވެ. މީގެތެރެއިން 970 ވޯޓު ބާތިލްވީއިރު ސައްހަ ވޯޓުގެ އަދަދަކީ 20،116 ވޯޓެެވެ.
ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުއިއްޒު އިންތިހާބު ކާމިޔާބު ކުރައްވާފައިވަނީ 12،441 ވޯޓުންނެވެ. އަނަސް އަށް ލިބިވަޑައިގެންފައިވަނީ 7،400 ވޯޓެވެ.
އަލްހާނަށް ލިބުނީ މަދު ވޯޓު ކޮޅެއް ނަމަވެސް އޭނާ ވިދާޅުވީ ބޮޑު ދެ ޕާޓީީއާ ވާދަކޮށްގެން އެއް ޕަސެންޓްގެ ވޯޓު ހޯދުމުން ކުދި ސިޔާސީ ޕާޓީތަކަށް ތާއީދު ނެތް ކަން ދައްކައިދޭ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު ކަން ކުރިން ކުރައްވާފައިވާ އަލްހާން ފަހްމީގެ ސިޔާސީ ހަރަކާތްތައް ފަށާފައިވަނީ ޑީއާރްޕީންނެވެ. އޭގެފަހުން އޭނާ ވަނީ އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީގައި ވެސް މަސައްކަތް ކުރައްވާފަ އެވެ.
އަލްހާން ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށްވެސް އިއުލާންކުރައްވާފަ އެވެ.