މާލޭގައި ހުރި ބައެއް ލޭބާކްއާޓަރު ތަކުގައި ފްލެޓް އެޅުމުގެ ޕްލޭންތަކެއް ސަރުކާރުގައި ހަދަމުން އަންނަ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސިނަމާލެ ފްލެޓްތަކާ ގުޅޭ ގޮތުން ދެެއްކެވި ވާހަކަފުޅުގެ ތެރެއިންނެވެ. ސިނަމާލެ އަދި މާލެހިޔާ ފްލެޓްތަކަކީ މީހުނަށް މިހާރު ދިރިއުޅެވޭ ހާލަތުގައި ހުރި ތަންތަން ނޫންކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ އެ ފްލެޓްތައް ތަޅާލައި އަލުން ރަނގަޅު ފްލެޓްތައްކެއް އެޅުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށެވެ. އަދި އެކަން ކުރެވޭނެ ގޮތްތައް ހައުސިން މިނިސްޓްރީން ބަލަމުން އަންނަ ކަމަށެވެ.
"އޭގެ އިތުރުން އެބަހުރި މާލޭގައި ބައެއް ލޭބާ ކްއާޓާ އެސްޓީއޯގެ ލޭބާ ކުއަޓާޒް. ފެނިވަޑައިގަންނަވާނެ މާލޭގެ ސްޓޭޑިއަމްއާ ޖެހިގެން އެއޮށް ބޮޑު ތަނާ އަދި އެހެން ހުރި ބައެއް ކޮށިތަކެއް އެބަހުރި ބޯހިޔާވަހި ކަމަށް ބަދަލު ކުރެވިދާނެ. އޭގެ ޕްލޭނެއް ހަދައި އެތަންތަނަށް އަވަހަށް ފްލެޓްތައް އެޅޭނެ ގޮތަށް ހޯދުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އެބަގެންދޭ. އިރާދަ ކުރެއްވިއްޔާ އެއަށް ހައްލެއް ހޯދާނަން" ރައީސް ވިދާޅުވި އެވެ.
މާލެ ހިޔާއާއި ސިނަމާލެ ފްލެޓްތައް މިވަގުތު ބަލަހައްޓަނީ މާލެ ސިޓީ ކައުންސިލުންނެވެ. ނަމަވެސް އެތަންތަނަށް ސިޓީ ކައުންސިލުން މާ ބޮޑު އަހައްމިޔަތުކަމެއް ނުދޭ ކަމަށް ބުނެ ފާޑުކިޔުންތައް އޮވެ އެވެ. މިދިޔަ ސަރުކާރުގައި އެތަންތަން ހައުސިން މިނިސްޓްރީގެ ބެލުމުގެ ދަށަށް ވެސް ގެންދިޔަ އެވެ.
މާލެ ހިޔާއާއި ސިނަމާލެ ފްލެޓްތައް ތަޅާލަން ޖެހޭ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.