ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

އެމްޑީޕީ މެންބަރުންނަށް ރަނގަޅު އަދަދަކަށް ވަޒީފާ ދެވިއްޖެ: ރައީސް

ސަރުކާރުގެ ތެރޭގައި ފުރުސަތުތައް ހުރި މިންވަރަކުން އެމްޑީޕީގެ މެންބަރުންނަށް އެކަށީގެންވާ އަދަދަކަށް ވަޒީފާ ދެވިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ކައުންސިލް އިންތިހާބުގެ ނަތީޖާއާ ގުޅޭގޮތުން މައުލޫމާތު ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ސޯލިހް ވިދާޅުވީ އެމްޑީޕީގެ ބައެއް މެންބަރުންނަށް ވަޒީފާ ނުލިބިގެން އެކަމުގެ ކަންބޮޑުވުން ޕާޓީ ތެރޭގައި އެބައޮތް ކަމަށެވެ. ނަމަވެސް ރައީސް ވިދާޅުވި ގޮތުގައި ސަރުކާރުގައި ޖާގަ އޮތް މިންވަރަކުން ރަނގަޅު އަދަދަކަށް އެމްޑީޕީގެ މެންބަރުންނަށް ވަނީ ވަޒީފާ ދެއްވާފަ އެވެ.

އަދި ވިދާޅުވީ ސަރުކާރުގެ ތެރެއިން އިތުރު ވަޒީފާތައްވެސް އެމްޑީޕީގެ މެންބަރުންނަށް ހަމަޖެހިގެންދާނެ ކަމަށެވެ. ރައީސް އެ އިޝާރާތް ކުރައްވަނީ ސިޔާސީ މަގާމުތަކަށް ކަމަށް ބެލެވެ އެވެ.

"އެމްޑީޕީގެ ތެރޭގައި ވަޒީފާގެ ކަންބޮޑުވުން އެބައޮތް. އެމްޑީޕީއަށް ނިސްބަތްވާ ބައެއް ފަރާތްތަކަށް ވަޒީފާ ނުލިބިގެން އެކަމުގެ ކަންބޮޑުވުން ފާހަގަކުރޭ. އެހެންނަަމަވެސް ސަރުކާރުގެ ތެރޭގައި ޖާގަ އޮތް މިންވަރު ބަލައި އަޅުގަނޑު ހިތުން ރަނގަޅު އަދަދެއް އެމްޑީޕީގެ މެންބަރުންނަށްވެސް އެމްޑީޕީއަށް ނިސްބަތްވާ ފަރާތްތަކަށް އޮންނާނީ ވަޒީފާ ދެވިފައި. ދެން އަދިވެސް އަޅުގަނޑު ބަލާނަން،"

މި ސަރުކާރު ވެރިކަމަށް އައީ ސިޔާސީ މަގާމުތަކުގެ އަދަދު މަދު ކުރުމަށް ވައުދުވެގެންނެވެ. ނަމަވެސް މި ސަރުކާރު ވެފައިވަނީ މިހާތަނަށް ސިޔާސީ މަގާމުތައް އެންމެ ގިނަ ސަރުކާރަށެވެ.

ރައީސް ސޯލިހް އިތުރަށް ވިދާޅުވީ ވަޒީފާ ދެނީ ހަމައެކަނި އެމްޑީޕީގެ މެންބަރުންނަށް ނޫން ކަމަށާއި މަގާމުތަކަށް ވަރަށް ގާބިލް މީހުން އައްޔަން ކުރައްވާފައިވާނެ ކަމަށެވެ.

ބައެއް މަގާމުތަކަށް ނަން ފޮނުއްވާއިރު މުޅީންވެސް އެމްޑީޕީގެ މެންބަރުންގެ ނަންތައް ފޮނުއްވާތީ އެކަމާއި ގުޅޭގޮތުން އަމާޒުވާ ފާޑުކިޔުންތަކާއި ގުޅިގެން ވެސް ރައީސް މިއަދު ވަނީ ވާހަކަ ދައްކަވާފަ އެވެ. އެގޮތުން ރައީސް ވިދާޅުވީ އެމަނިކުފާނު ނަން ފޮނުއްވި ނަމަވެސް އެކަންކަން ބަލަން ޖެހޭ މުއައްސަސާތައް އެބަހުރި ކަމަށާއި އެ މުއައްސަސާތަކުން އެކަން ބަލާނެ ކަމަށެވެ.