ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ސަރުކާރުގައި މާބޮޑަކަށް ކޮރަޕްޝަނެއް ނެތް: ރައީސް

މި ސަރުކާރުގެ ތެރޭގައި ކޮރަޕްޝަންގެ އަމަލުތައް ވަރަށް ބޮޑުވެފައިވާ ކަމަށް ކުރެވޭ ތުހުމަތުތަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ރައްދެއް ދެއްވައިފި އެވެ. އެމަނިކުފާނު ވިދާޅުވީ ބައެއް މީހުން އެ ސިފަކުރާ މިންވަރަށް މި ސަރުކާރުގެ ތެރޭގައި ކޮޕަރްޝަން ނެތް ކަމަށެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިއްޔެ ރައީސް ވިދާޅުވީ ކޮރަޕްޝަން ހުއްޓުވަން ސަރުކާރުން ގިނަ މަސައްކަތްތަކެއް ވެސް ކުރަމުން ގެންދާ ކަމަށާ އެއީ ފެންނަން ވެސް އޮތް ހަގީގަތެއް ކަމަށެވެ. ކޮރަޕްޝަން ފާސެޕްޝަން އިންޑެކްސްގައި ރާއްޖެއިން ހޯދާފައިވާ ބޮޑު ކުރިއެރުމަކީ އޭގެ ހެއްކެއް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކޮރަޕްޝަންގެ އެ އިންޑެސްޓްގައި ރާއްޖެއަށް ކުރިއެރުންތަކެއް ލިބޭނީ ކޮޕަރްޝަނާ ދެކޮޅަށް ކޮންމެވެސް މަސައްކަތެއް ކޮށްގެން ކަމަށާ އެއީ ސަރުކާރުން ހިންގުމަށް ގެނައި ހެޔޮ ބަދަލުތަކުގެ ނަތީޖާ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ކޮރަޕްޝަންގެ އަމަލުތަކެއް މިހާރުވެސް ހިނގާފާނެ ކަމަށާ އެކަން މުޅީން ހުއްޓުވުމަށް ކުރަންޖެހޭ ގިނަ މަސައްކަތްތަކެއް އެބަހުރި ކަމަށެވެ.

"ކޮރަޕްޝަނަކަށް އިރާދަ ކުރެއްވިއްޔާ އަޅުގަނޑު ފުރުސަތެއް ނުދޭނަން. އޮވެދާނެ، އޮންނާނެ. އެއީ ގަބޫލުކުރަން ޖެހޭ ހަގީގަތެއް. އެހެންވީމަ އެކަން ފިލުވާލުމަށްޓަކައި ކުރަންޖެހޭ ބައިވަރު މަސައްކަތްތައް އެބަހުރި. ކޮރަޕްޝަނަކީ ރާއްޖޭގައި ވަރަށް ދުވަސްވީ އެއްޗެއް. އެހެންވީމާ އެ ފޭދިގެން އައިސް މިހާ ހިސާބުގައި ހުރިހާ ހިސާބެއްގައި ވެސް ކޮންމެވެސް ވަރަކަށް ހުންނާނެ މިހާރު ވެސް. އެއީ ޖުޑީޝަރީތެރޭވިޔަސް އަދި ސަރުކާރު ކަމުގައިވިޔަސް މިނިވަން މުއައްސަސާތަކުގައި ވިޔަސް އަދި އެ ނޫން ތަންތަނު ކަމުގައިވިޔަސް، އެހެން ބާރުތަކުގެ ތެރޭގައި ހުރުމަކީ އެކަށީގެންވާ ކަމެއް. އެހެންވީމަ އެކަންކަން އިސްލާހު ކުރުމަށްޓަކައި ކުރަންޖެހޭ ކަންކަން އަޅުގަނޑުމެން މިދަނީ ކުރަމުން،" ރައީސް ސޯލިހް ވިދާޅުވިއެވެ.

މި ސަރުކާރުގައި ހިނގާދިޔަ ވެންޓިލޭޓަރު ހިޔާނާތަށް އިޝާރާތް ކުރައްވާ ރައީސް ވިދާޅުވީ އެކަން ސަރުކާރުގެ ސަމާލުކަމަށް އައުމާ ގުޅިގެން ވަގުތުން ފިޔަވަޅު އަޅަން ފެއްޓެވި ކަމަށެވެ. އަދި މިހާރު ވެސް މައްސަލަ ހުއްޓިފައި އޮތީ ސަރުކާރުގެ އިހުމާލުން ނޫން ކަމަށެވެ. ވެންޓިލޭޓަރު ހިޔާނާތް ބެލުމަށް ސަރުކާރުން ދޭންޖެހޭ އެއްބާރުލުން ދެއްވުމަށް މިހާރު ވެސް ތައްޔާރަށް ހުންނެވި ކަމަށް އެމަނިކުފާނު ތަކުރާރުކޮށް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ މިނިވަން މުއައްސަސާތަކަށް މިނިވަންކަމާއެކު މަސައްކަތް ކުރުމުގެ ފުރުސަތު ދެއްވާނެ ކަމަށާ ހިންގުމުގެ ތެރެއަށް ވަދެވަޑައި ނުގަންނަވާނެ ކަމަށެވެ. ނަމަވެސް މުއައްސަސާތަކުން އަމަލު ކުރާ ގޮތް ބެލުމަކީ ކުރެއްވޭނެ ކަމެއް ކަމުން ވެންޓިލޭޓަރު ހިޔާނާތާއި ގުޅިގެން އިތުރަށް ކުރެވޭނެ ކަންކަން މިހާރުވެސް ބަންޑާރަނާއިބާއެކު ބައްލަވަމުން ގެންދަވާ ކަމަށެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު ނިކުމެ ހުންނެވީ ސަރުކާރުގެ ތެރެއިން ކޮރަޕްޝަންގެ އަމަލުތައް މުޅީން ފޮހެލަން ކަމަށާ އެކަމަށްޓަކައި ކުރައްވަން ޖެހިވަޑައިގެން ކޮންމެ ކަމެއް ކުރައްވާނެ ކަމަށެވެ. އޭގެ ފަހުން ވިދާޅުވީ ބަޔަކު ސިފަކުރަމުންދާ މިންވަރަށް ސަރުކާރުގައި ކޮރަޕްޝަން ނެތް ކަމަށެވެ.

"އަޅުގަނޑު ނުދަންނަވާނަން މި ސަރުކާރުގެ ތެރޭގައި ތިޔަ ވިދާޅުވާ ވަރަކަށް ތިޔަ ވިދާޅުވާ ގޮތަކަށް ކޮރަޕްޝަން ފެތުރިފައި އޮތް ކަމަކަށެއް،" ރައީސް ވިދާޅުވިއެވެ.