ލައިފްސްޓައިލް

ސްކިނީ ޖީންސް މާޒީވެ، ފުޅާ ޖީންސަށް!

ފެޝަން ފަހަތުން ދުވާ މީހުންނަށް ހާއްސަ ވިޔަފާރިތަކަށް އުފާވެރި ހަބަރެކެވެ. ނަމަވެސް މިއީ މައިންބަފައިންނާއި ކުޑަ ބަޖެޓަކުން ވިޔަފާރިކުރާ މީހުނަށް އެހާ އުފާވެރި ހަބަރެއް ނޫނެވެ. ސަބަބަކީ އަނެއްކާ ވެސް ޖީންސްގެ އާ ފެޝަނެއް ތައާރަފުވެ ކުރީގެ ބާ ޖީންސްތައް އުކާލަން ޖެހޭތީ އެވެ.

ފާއިތުވީ 10 ވަރަކަށް އަހަރުއްސުރެ ފެޝަންގެ ދުނިޔޭގައި ވަރަށް މަގްބޫލުކަން ހޯދާފައިވާ ސްކިނީ ޖީންސް މާޒީ ވަނީ އެވެ. ޒުވާން އަންހެނުންނާއި ފިރިހެނުން 2010 ގެ އަހަރު ތަކުން ފެށިގެން މިހާތަނަށް އެންމެ ފެޝަން އެއްޗެއްގެ ގޮތުގައި ދެކިގެން ލަމުން އައި ފަޔަށް ބާރު ޖީންސްތަކުގެ ފެޝަން ދިޔައީ އެވެ. މިހާރު އެ ވައްތަރު ޖީންސަކީ ފެޝަނަށް ލޯބިކުރާ މީހުންގެ ނަޒަރުގައި މުސްކުޅި ފެޝަނަކަށް ވެއްޖެ އެވެ.

މަޝްހޫރު ލީވައި ޖީންސް ބްރޭންޑްގެ ސީއީއޯ ޗިޕް ބާގް ބުނި ގޮތުގައި ދުނިޔެ މިހާރު ދަތުރު ކުރަނީ މުޅިން އާ ފެޝަނެއްގެ ޖީންސްތަކެއްގެ ދައުރަކަށެވެ. މިހާރު އަލަށް މަޝްހޫރުވަމުން ދާ ފެޝަންގެ ޖީންސް ހުންނާނީ އުނަގަނޑުގައި ވެސް ބަނދެލާފަ އެވެ. މާނައަކީ އެހާވެސް އުނަގަނޑަށް ދޫކޮށެވެ. ފައިކުރިވެސް ފުޅާކަމުން ހޫރޭ ވަރަށް ފުޅާވާނެ އެވެ. އަދި މިހާރު ދުނިޔޭގައި މި ވައްތަރުގެ ޖީންސަށް ވަރަށް ބޮޑު ޑިމާންޑެއް އޮތް ކަމަށް ބާގް ބުންޏެވެ.

މިއީ މުޅިން އާ ޑިޒައިނެއް ވެސް ނޫނެވެ. ސަބަބަކީ 1990 ގެ އަހަރުތަކުގައި މީހުން އާންމު ގޮތެއްގައި ލާ އުޅުނީ މިކަހަލަ ފަޔަށް ދޫ ޖީންސްތަކާއި ހަރުވާޅުތަކެވެ. އަދި 1960 އާއި 1970 އިގެ އަހަރުތަކުގައި މަޝްހޫރުވި ބެލް ބޮޓަމްސް ވެސް މީ ހަމަ މިޒާތުގެ ފެޝަން ޓްރެންޑް ތަކެކެވެ.

ބާގް ދެކޭ ގޮތުގައި އެކި ފެޝަންތަކުގެ ދައުރު އައިސްފައި ދާނެ އެވެ. މިހާރު ޖީންސްގެ ފެޝަނަށް މި އައި ބަދަލަކީ ކޮރޯނާވައިރަސް ޕެންޑެމިކްގެ ސަބަބުން އައި ބަދަލަކަށް ވެދާނެ ކަމަށް އޭނާ ބުންޏެވެ. ސަބަބަކީ މިހާރު ގިނަ މީހުން ތަންކޮޅެއް ލައިގެން އުޅެން ފަސޭހަ އަރާމު އަންނައުނު ހޯދަން ބޭނުންވާތީ އެވެ.

"ޔަގީންވާ ކަމަކީ މި ޓްރެންޑް ވަރަށް ބާރަށް ކުރިއަރަމުން ދާކަން. ޔަގީނުން ވެސް މިއީ އާ ޓްރެންޑެއް،" ބާގް ބުންޏެވެ.

ދުވަސްކޮޅެއް ދެން ފެންނާނީ ޒުވާން އަންހެންކުދިން އެމީހުންގެ ފަޔަށް ވުރެ މާ ބޮޑު ކޮށް ހުންނަ ދޫދޫ ޖީންސް ލައިގެން އުޅޭތީ އެވެ.
މިއީ "މަންމަގެ ޖީންސް" އޭ ކިޔަސް މައްސަލައެއް ނެތެވެ. ޔަގީންވާ ކަމަކީ ފެޝަންގެ ދުނިޔޭގައި މި ވައްތަރުގެ ޖީންސުގެ މަގްބޫލުކަން ކުރިޔަށް އޮތް ދުވަސްތަކުގައި އިތުރުވެގެން ދާނެ ކަމެވެ.

ބާގް ބުނި ގޮތުގައި ސްކިނީ ޖީންސްގެ ޒަމާން މުޅިން ހިނގައިދާނެ ކަމަކަށް އޭނާއަކަށް ހިއެއް ނުވެ އެވެ. ނަމަވެސް މިދުވަސްކޮޅު ޖީންސްލާ ފިރިހެނުންނާއި އަންހެނުންގެ މެދުގައި ވެސް ދޫ ޖީންސުގެ ޑިމާންސް ބޮޑުވެފައިވާކަމަށް އޭނާ ބުންޏެވެ.