ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް އުފުލާނީ ޓެރަރިޒަމްގެ ދައުވާ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ. ރިޔާސީ ލޯންޗުކޮޅުގައި ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާއާ ގުޅިގެން ތުހުމަތު ކުރެވި ހައްޔަރުކޮށްފައި ވަނިކޮށް މިއަދު ރައްޔިތިންގެ މަޖިލީހުގައި އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައި މަގާމުން ދުރުކުރި އަދީބާ ބެހޭ ގޮތުން ހޯމް މިނިސްޓަރު މިއަދު ވަނީ އެސޯސިއޭޓް ޕްރެސް (އޭޕީ) މައުލޫމާތު ދެއްވާފައެވެ.
މަޖިލީުގައި ވޯޓްގެ ނަތީ ނުކުތް ފަހުން އުމަރާ ހަވާލާދީ އޭޕީން ބުނެފައި ވަނީ އަދީބުގެ މައްޗަށް ދައުވާ ކުރައްވާނީ މިދިއަ ހަފުތާގައި ރައީސް ތަސްދީގު ކުރެއްވި ޓެރަރިޒަމް މަނާ ކުރާ ގާނޫނުގެ ދަށުން ކަމަށެވެ. އަދީބު މިހާރު ދިވެހިރާއްޖޭގެ ނަައިބު ރައީސް ކަމުން ވަކިކޮށްފައިވާ ކަމަށެވެ.
އުމަރުގެ މި އިންޓަވިއާ ގުޅިގެން އިތުރަށް ސާފު ކުރަން އެމަނިކުފާނަށް ގުޅި ނަމަވެސް ފޯނަށް ޖަވާބެއް ނުދެއްވަ އެވެ.
ލޯންޗުގައި ދިން ހަމަލާއަށް ފަހު އަދީބު ހައްޔަރުކޮށްފައި ވަނީ މިދިއަ އޮކްޓޫބަރު މަހުގެ 26 ވަނަ ދުވަހު ރަސްމީ ދަތުރުފެއް ނިންމަވާލާފައި ރާއްޖެ ވަޑައި ގަތުމުންނެވެ. އަދީބާ ގުޅުން ހުރި ބައެއް ތަންތަނާއި ގޭގެ އާއި އޮފީސްތައް ބަލައި ފާސްކޮށް ތަކެތި ނަގައި ބައެއް މީހުން ވަނީ ހައްޔަރުކޮށްފަ އެވެ. އަދި އެ ހާދިސާ އާ އަދިބާ ގުޅުވަލެވޭ ހެކިތައް ލިބިފައިވާ ކަމަށް ފުލުހުން ވެސް ވަނ ބުނެފައެވެ.
އަދީބު ހައްޔަރު ކުރުމަށްފަހު ހޯމް މިނިސްޓަރު ވިދާޅުވެފައި ވަނީ އޭނާގެ މައްޗަށް ކުރެވޭނީ ގައުމަށް ގައްދޫރުވުމުގެ ޗާޖެއް ކަމަށެވެ.